ފުލުހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަބަދުވެސް އަދާކުރަމުން ދަނީ ޤާނޫނު ތަންފީޒުކުރުމަށް ޓަކައި ކަމަށާއި ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތުމުގައި އެންމެ ފުރަތަމަ ފުލުހުން ނަމޫނާ ދެއްކުމަކީ ކޮންމެ ފުލުހެއްގެ ޢަޒުމަކަށް ވާންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބަތުގައި އެ މަނިކުފާނު ފޮނުއްވި ޚިޠާބުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ އުފަލުގައި، އެންމެހައި ދިވެހި ފުލުހުންނަށް އިޚްލާޞްތެރިކަމާއިއެކު މަރްޙަބާއާއި ތަހުނިޔާ ދަންނަވާފައިވެ އެވެ. މީގެއިތުރުން މި ވޭތުވެދިޔަ ދިގު މުއްދަތުގައި ފުލުހުންގެ ކަންކަން ބެލެހެއްޓެވި ވަޒީރުންނާއި، ފުލުހުންގެ އިސް މަޤާމުތައް ފުރުއްވާފައިވާ ވެރީންނާއި، ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރެއްވި ބޭކަލުންގެ އަގުހުރި ޚިދުމަތަށް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.
އެ މަނިކުފާނުގެ ޚިޠާބުގައި، ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތުމުގައި ފުލުހުން ނަމޫނާ ދައްކަންވީ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެ އެވެ.
އެ ގޮތުން މުޢާމަލާތް ކުރުމުގައި އަޚްލާޤީ ރީތި ހަމަތައް ހިފެހެއްޓުމަށާއި، ކުށްކުރުން ހުއްޓުވުމުގެ އިތުރުން، ކުށަށް އަރައިގަތުމާ މުޖްތަމަޢު ދުރުހެލި ކުރުމަކީވެސް ފުލުހުންގެ ވާޖިބަކަށް ވާއިރު، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ދިނުމަށާއި، ކަންކަން ކުރަން އޮންނަ ރަނގަޅު ގޮތް ވިސްނައިދީ ކިޔައިދިނުމަށާއި، ރީތި އުޅުމާއި އާދަ އަނެކުންނަށް ދަސްކޮށްދީ، އަނެކުންނަށް މަގުދައްކައިދޭ ބައެއްގެ ގޮތުގައި އަބަދުމެ ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވި އެވެ.
ފުލުހުންގެ މުއައްސަސާގައި ޤައުމަށް ބޭނުންތެރި އެކި ދާއިރާތަކުން މޮޅަށް ކިޔަވައިގެން ތިބި ޤާބިލް އެތައް ދަރީންނެއް އެބަ ތިބި ކަމަށާއި، ތަފާތު އެކި ހުނަރުތަކާ ތަޢުލީމު ލިބިފައިވާ ދިވެހީން އެންމެ ގިނަ އެއް ދާއިރާއަށް ދިވެހި ފުލުހުންގެ ޚިދުމަތް މިއަދު ވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ އުފަލާއެކު ފާހަގަކުރެއްވި އެވެ.
އަދި ދިވެހި ކޮންމެ ފުލުހަކީ، ހުވަޔަށް ވަފާތެރި، ދީނަށް ޙުރުމަތްތެރި، ޤައުމަށް ޚިދުމަތްތެރި، ކޮންމެ ރައްޔިތަކާއި މެދު އޯގާތެރި، ވާޖިބު އަދާކުރުމަށް ފަރުވާތެރި އަގުހުރި ދަރިޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވި އެވެ.