އެމެރިކާ އަށް އޮތް އެންމެ ބޮޑު އަސްކަރީ އަދި ސައިބަރ ބިރަކީ ޗައިނާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.
އެމެރިކާގެ ޖާސޫސީ އިދާރާ ތަކުން ގުޅިގެން ކޮންމެ އަހަރަކު ނެރޭ އެނުއަލް ތުރެޓް އެސެސްމެންޓްގައި މިއަހަރު ބުނީ, ޗައިނާގެ އަސްކަރިއްޔާގެ ކިބައިގައި އެމެރިކާ އަށް ކޮންވެންޝަނަލް ހަތިޔާރު ބޭނުން ކޮށްގެން ހަމަލާ ދިނުމުގެ ގާބިލުކަން އެބަ ހުރި ކަމަށެވެ. އަދި ސައިބަރ ޙަމަލާއެއް ދީ، އެމެރިކާގެ އިންފްރާސްޓްރަކްޗަރ އަށާއި، ވިއުގަތައް ހަލާކުކޮށްލުމުގެ ގާބިލުކަމާއި، ޖައްވުގައި ހުރި އެމެރިކާގެ އެސެޓްތަކަށް ހަމަލާ ދިނުމުގެ ގާބިލްކަން ވެސް ޗައިނާ އަށް ލިބިގެންވާ ކަމަށް މި ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން 2030 ވަނަ އަހަރުގެ ނިޔަލަށް އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާ އިން އެމެރިކާއަށް ވުރެ ކުރިއަށް އެރުމަކީ ޗައިނާގެ އަމާޒެއް ކަމަށް ވެސް އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ހަމައެއާއެކު ދޮގު ޚަބަރު ފަތުރައި، ޝަޚްސު އޮޅުވާލުމުގެ ކެމްޕޭންތަކެއް ހިންގުމަށް ލާޖް ލެންގުއޭޖް މޮޑެލްތައް ފަދަ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ޗައިނާ އިން ބޭނުން ކުރަން ރާވާ ކަމަށް ވެސް އަންގާރަ ދުވަހު ނެރުނު މި ރިޕޯޓުގައި ތުހުމަތު ކޮށްފައިވެ އެވެ.
ޗައިނާގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލައި މި ރިޕޯޓުގައި ބުނީ، ޓައިވާން ހިފުމަށް ޗައިނާ އިން ކުރަމުންދާ މަސައްކަތް މަޑުމަޑުން ނަމަވެސް ކުރިއަށްދާ ކަމަށާއި، އެކަމުގައި ކުރިއެރުންތައް ވެސް ހޯދަމުން އަންނަ ކަމަށެވެ.
ރިޕޯޓު ނެރުނު ފަހުން ސެނެޓް އިންޓެލިޖެންސް ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމެރިކާގެ އެންމެ އިސް ޖާސޫސީ އޮފިޝަލް، ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް ޓުލްސީ ގަބާޑް ވިދާޅުވީ، ޗައިނާ އިން އެންމެ ފަހުގެ ޒަމާނީ ހަތިޔާރު ގުދަން ކުރަމުންދާއިރު، އެގައުމަކީ މިހާރު އެމެރިކާގެ އެންމެ ބޮޑު އިސްތިރާޖީ ވާދަވެރިޔާ ކަމަށެވެ.
ޗައިނާގެ އިތުރުން ރަޝިޔާ، އީރާން އަދި އުތުރު ކޮރެއާގެ ފަރާތުން އަންނަ ނުރައްކާތަކާ ބެހޭ ގޮތުން ވެސް މި ރިޕޯޓުގައި އަލިއަޅުވާލާފައިވެ އެވެ.
އެނުއަލް ތުރެޓް އެސެސްމަންޓް ރިޕޯޓް ނެރުނު ދުވަހަކީ، ޔަމަނުގެ ހޫޘީންނަށް އަމާޒުކޮށްގެން އެމެރިކާ އިން ދިން ހަމަލާތައް ވިލަރެސްކުރުމަށް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އެންމެ އިސް އޮފިޝަލުން އެކުލަވާލި ސިގްނަލް ގްރޫޕަކަށް ނޫސްވެރިއަކު ލެވި، ހަމަލާގެ ފުރިހަމަ ތަފްސީލް އޭނަ އަށް ލިބުމާ ގުޅިގެން މަސްރަހު ހޫނުވެފައިވާ ދުވަހެކެވެ.
އަދި އެކަން މާބޮޑު ކަމަކަށް ނުހަދައި، ދޫކޮށްލަން ސަރުކާރުން އުޅޭތީ އިދިކޮޅު ޑިމޮކްރެޓުން ގެންދަނީ ގާނޫނު ހަދާ މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.