އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ޤައުމުގެ ފަނޑިޔާރަކަށް ފާޑު ވިދާޅުވެ، ފަނޑިޔާރު ވަކި ކުރަން ގޮވާލައި މައްސަލައިގައި، ޓްރަމްޕާ ދެކޮޅަށް، ފަނޑިޔާރުންގެ ދިފާއުގައި އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބާޓްސް ތެދުވެ ވަޑައިގެންފި އެވެ.
އެމެރިކާގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ ޑީޕޯޓު ކުުރުމުގެ މައްސަލައިގައި އެ ޤައުމުގެ ފަނޑިޔާރު ޖޭމްސް ބާސްބާގު ވަނީ އަމުރެއް ނެރުއްވައިފަ އެވެ. އެއީ ޑީޕޯޓު ކުރާ މީހުން އުފުލަން މިދިޔަ ހަފުތާ ބަންދުގައި ޝެޑިއުލް ކޮށްފައިވާ ފްލައިޓުތައް ސަސްޕެންޑު ކުރުމަށް ފަނޑިޔާރު ނެރުއްވި އަމުރެކެވެ.
ދެ ވަނަ ދައުރެއް ފުރުއްވަމުން އަންނަ ޓްރަމްޕްގެ ސަރުކާރުން، ބިދޭސީންގެ ޢަމަލުތަކާއި ސިޔާސީ ވިސްނުންތަކާ ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވެ އެވެ. ދާދި ފަހުން ވަނީ އެމެރިކާގައި ހުރި ލެބަނާން ގެ ޑޮކްޓަރަކު ވެސް ޑީޕޯޓު ކޮށްލަން ނިންމައިފަ އެވެ.
ފްލައިޓުތައް ސަސްޕެންޑު ކުރުމަށް އަމުރު ކުރުމާ އެކު، ޓްރަމްޕް ވަނީ އެކަމާ ނުރުހުން ފާޅު ކުރައްވައިފަ އެވެ. އެގޮތުން ޓްރަމްޕް ވިދާޅުވީ، އިންސާފު ޤާއިމު ކުރުމަށް ހުރަސްއަޅާ އެހެން ފަނޑިޔާރުންނެކޭ އެއްފަދައިން، ފްލައިޓުތައް ހުއްޓުވުމުގެ އަމުރު ނެރުނު ފަނޑިޔާރު ޖޭމްސް ބާސްބާގު ވެސް ވަކި ކުރަން ޖެހޭ ކަމަށެވެ،
ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި އެފަދައިން ގޮވާލައްވާފައި ވާއިރު، އެމެރިކާގެ އުއްތަމަ ފަނޑިޔާރު ވަނީ އެކަމަށް ފާޑު ވިދާޅުވެ ބަޔާނެއް ނެރުއްވައިފަ އެވެ.
އުއްތަމަ ފަނޑިޔާރު ރޮބާޓްސްގެ ބަޔާނުގައި ވިދާޅުވީ، ޝަރުއީ ދާއިރާ ނުވަތަ ޖުޑިޝަރީ އިން ނިންމާ ނިންމުންތަކާ މެދު އުފެދޭ ޚިޔާލު ތަފާތުވުން ތަކުގައި، ފަނޑިޔާރުން ވަކި ކުރުމަކީ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި އެކަން އެގޮތަށް ކަނޑައަޅާފައި އޮންނަތާ 200 އަހަރަށް ވުރެ ގިނަ ވެފައިވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.
ފަނޑިޔާރުން ވަކި ކުރުމަށް ޓްރަމްޕް ގޮވާލައްވާފައިވާއިރު، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ވެސް އަންނަނީ ކޯޓުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވެސް އަންނަނީ ފަނޑިޔާރަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.
އެމެރިކާގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ރޮބާޓްސް ހަމަޖެއްސެވީ 2005 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. އެ މަގާމަށް އޭނާ ނޮމިނޭޓު ކުރެއްވީ އެމެރިކާގެ 43 ވަނަ ރައީސް ޖޯޖް ވޯލްކާ ބުޝް އެވެ.
އުއްތަމަ ފަނޑިޔާރު ރޮބާޓްސްގެ މި ބަޔާނާ އެކު، ބައެއް ފަރާތްތަކުން އަންނަނީ އޭނާ އަށް ތަައުރީފު ވެސް ކުރަމުންނެވެ. އެއީ އަދުލު އިންސާފުގެ މައްޗަށް ނުފޫޒެއް ފޯރުވިދާނެ ކަމަށް ބެލެވޭ ކޮންމެ ދަނޑިވަޅެއްގައި، އަދުލު އިންސާފުގެ ޙައްޤުގައި އުއްތަމަ ފަނޑިޔާރު ބަސް ވިދާޅުވާން ޖެހޭނެ ކަމަށް ބުނެ އެވެ.
ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި، ރޮބާޓްސް ނެރުނު އެ ބަޔާނަކީ، ވަރަށް ނާދިރު ބަޔާނެއް ކަމަށެވެ. މީގެ ކުރިން ވެސް ރޮބާޓްސް ވަނީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ވެސް އޭނާ ދެއްކެވި ވާހަކަތަކަށް ފާޑު ވިދާޅުވެ ރައްދު ދީފަ އެވެ.
އެމެރިކާގެ އުއްތަމަ ފަނޑިޔާރު ރޮބާޓްސްގެ އެ ބަޔާނާ އެކު، ގިނަ ބަޔަކު އަންނަނީ ރާއްޖޭގައި މިހާރު އޮތް ޙާލަތާ، އެކަމާ ވެސް ގުޅުވައި ވާހަކަ ދައްކަމުންނެވެ.
އެގޮތުން ރާއްޖޭގައި މިހާރު ސަރުކާރުގެ ފަރާތުން ޝަރުއީ ދާއިރާ އަށް، އަދި ވަކިން ޚާއްސަކޮށް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން، އެ ކޯޓުގެ ފަނޑިޔާރުންތަކެއް ކުއްލި ގޮތަކަށް ސަސްޕެންޑުކޮށް، ސުޕްރީމް ކޯޓުގައި ތަޅު އަޅުވަން މަސައްކަތް ކުރަމުންދާއިރު، އެކަމާ ދެކޮޅަށް ރާއްޖޭގެ ޝަރުއީ ދާއިރާގެ އެންމެ އިސް ފަރާތުގެ ޙައިސިއްޔަތުން، އުއްތަމަ ފަނޑިޔާރު ބަހެއް ވިދާޅުނުވާކަން ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ.