މިޤައުމުގެ ހާލަތު މިއޮތް ހިސާބުން ފުލުހުން ފޮނުވާ ޗިޓަށް ހަމައެކަނި ރައްޔިތުން ހާޒިރުވެގެން ނިންމާލެވެން ނެތް ކަމަށާ ސަރުކާރުން ކުރަމުންދާ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވެސް މަޖިލީހަށް އަވަސް އަވަހަށް ހާޒިރުކުރެއްވޭނެ ގޮތެއް އޮންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބުރާހިމް ރަޝީދު ( ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބޮންޑޭ އެހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ މުޒާހަރާތަކަށް ނިކުންނަ މީހުންނަށް ޗިޓް ފޮނުވައިގެން ފުލުސް އޮފީހަށް ހާޒިރުކުރާ އުސޫލުން ސިފައިންނާ ފުލުހުން ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވެސް މިހާރު މަޖިލީހަށް ހާޒިރުކޮށްދެއްވަން ޖެހޭ ކަމަށެވެ.
ބޮންޑޭ ވިދާޅުވީ ވަޒީރުން މަޖިލީހަށް ހާޒިރުވުމަށް ނޯޓިސް ފޮނުވޭ ކަމަށާ އެކަމަކު އެބޭފުޅުން މިހާރު ވަޑައިނުގަންނަވާ ކަމަށެވެ. އޭގެ މައްސަލަތައް ވެސް މަޖިލީހުގެ މެމްބަރުން ސަމާލުކަމަށް ގެންނަވައިފި ކަމަށެވެ. މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮތް ތަން ކަމަށް ވިދާޅުވެފައި ހަމައެއާއެކު މަޖިލީހުގެ މެމްބަރުންނަށް އެފުރުޞަތު ނުދެއްވަނީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ ވެރިކަން ހިންގުމުގެ ބާރާ، ޤާނޫނު ހެދުމުގެ ބާރާ، އަދުލު އިންސާފު ޤާއިމްކުރުމުގެ ބާރަކީ ވަކިން އޮންނަންޖޭ ބާރުތައް ކަމަށް ޤާނޫނު އަސާސީގައި ލިޔެފައި އޮއްވައި ވަޒީރަކު ނިކުމެވަޑައިގެން ފަނޑިޔާރެއްގެ ނިޔާ އިއްވައިގެން ނުވާނެ ކަމަށެވެ. އެހެން ވަޒީރަކު އަމަލުކުރެއްވީމާ އެތައް ރައްޔިތެއްގެ ބޯހިޔާވަހިކަމުގެ ހައްޤު ގެއްލިގެން ރައްޔިތުން އެތިބީ މަގުމަތީގައި ކަންބޮޑުވުން ފާޅުކުރަން ކަމަށް ބޮންޑޭ ވިދާޅުވިއެވެ.