Advertisement
ކ. މާލެ
|
4 ސެޕްޓެންބަރ 2025 | ބުރާސްފަތި 19:50
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބުރާހިމް ރަޝީދު ( ބޮންޑޭ) ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބުރާހިމް ރަޝީދު ( ބޮންޑޭ) ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
ސްކްރީން އިމޭޖް
ޕްރެސް ފްރީޑަމް
މީޑިއާ ކޮންޓްރޯލް ބިލަކީ، "ވާނުވާ" ޖަހާފައި މީޑިއާތައް ބަންދު ކުރާ ބިލެއް : ބޮންޑޭ
ކޯޓުތައް ވެސް ހުރީ އުލުބައިންދާފައި ކަމަށް ބޮންޑޭ ވިދާޅުވި
މީޑިއާ ބިލަކީ ސަރުކާރުން ބޭނުން ނުވާ ވާހަކަތައް ދެއްކުން މަނާކުރުމަށް އަމާޒުކޮށްފައިވާ ބިލެއް
މިނިވަން މީޑިއާ ނެތިކޮށްލުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު ބޭރުކޮށްލުމަށް ގޮވާލައި 151 ނޫސްވެރިން ވަނީ ޕެޓިޝަނެއް ހުށަހަޅާފަ

މީޑިއާ ކޮންޓްރޯލްކުރުމަށް ހުށަހެޅިފައިވާ ބިލަކީ، "ވާނުވާ" ޖަހާފައި މީޑިއާތައް ބަންދު ކުރާ ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބުރާހިމް ރަޝީދު ( ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މީޑިއާތައް ތަޅުއަޅުވާ ނޫސްވެރިން ޖަލަށްލެވޭ ގޮތަށް އޮތް މީޑިއާ ބިލާއި ގުޅޭގޮތުން ބޮންޑޭ ވިދާޅުވީ މިއީ ސަރުކާރުގެ ކޮންޓްރޯލް ކުރުމާއި ހިފެހެއްޓުމުގެ އުސޫލު ފެންނަ ކަމެއް ކަމަށެވެ. މި ބިލުގެ ބޭނުމަކީ ސަރުކާރުން ބޭނުން ނުވާ ވާހަކަތައް ދެއްކުން މުޅިން މެދުކަނޑުވާލުން ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.

"ވާގޮތަކީ ޑިކްޓޭޓާރޝިޕެއް އައީމަ ކަންކަން ވާގޮތް ކަމު ނުދިއައީމަ އުފެދޭނެ ވަރަށް ބޮޑަށް މެހި. އެ މެހިގަނޑު ހުންނާނެ ރަށްރަށަށް އެރީމަ އަރާނެ ފަހަތުން ބައެއް. އެ މަންޒަރުތައް ޓީވީން ދައްކަނީ އާއްމު ރައްޔިތުންގެ އާއްމު ސިއްހަތަށް އޮތް ފައިސާ ނަގައިގެން. މިކަންތައްތަކާއި ހެދި އުލު ބައިންދަނީ. ޓީވީ އާއި ނޫސްވެރިން. ޤާނޫނުއަސާސީ އާއި ސްޕްރީމްކޯޓު އުލު ބައިންދައިފި." ބޮންޑޭ ވިދާޅުވިއެވެ.

ވާހަކަ އެއް ދައްކާ މީހާ އަށް ވުރެ ބޮޑަށް އެ ވާހަކަ އެއް ބްރޯޑްކާސްޓް ކުރި ނުވަތަ ރިޕޯޓް ކުރި މީހާ އާއި މެދުގައި ފިޔަވަޅު އަޅާ އުސޫލަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ތަހުގީގެއް ފަށާ ހިސާބުން މީޑިއާ އެއް ބަންދު ކުރެވޭ ގޮތަށް އޮތުމަކީ ވެސް ހަމަޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ ކޯޓަކަށް ނުގޮސް ކުށްވެރިންނަށް ބަޔަކު ހެދޭ ގޮތަށް ބިލެއް ފަރުމާކުރަން ޖެހުނު ސަބަބާއި މެދު ސުވާލު އުފައްދަވާފައެވެ. ރައްޔިތުންގެ ބާރުވެރިކަން ބަލަައިގަންނަން ސަރުކާރުން ބޭނުން ނުވާ ކަމަށާއި މީޑިއާ ކޮންޓްރޯލް ކުރަނީ އެ ސަބަބާއި ހުރެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ކޯޓުތައް ވެސް ހުރީ އުލުބައިންދާފައި. ތިން ބާރު ވަކިވެފައިވާ ނިޒާމެއް އޮތް އިރު ވެރިކަމުގެ ބާރުތަކަކީ ކޮބާތޯ، އެކަން ފެށެނީ ވެސް ދެމި އޮންނަނީ ވެސް ރައްޔިތުންގެ ކިބައިގައި. އަދުލު އިންސާފާއި މަޖިލީހުގެ ބާރު ވަނީ ޤާނޫނުއަސާސީގައި ލިޔެފައި. މިއީ ޤާނޫނުއަސާސީގެ ވެރިކަމެއް." އޭނާ ވިދާޅުވިއެވެ.

މިނިވަން މީޑިއާ ނެތިކޮށްލުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 151 ނޫސްވެރިންގެ ސޮޔާއެކު ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފައެވެ.

މި ޕެޓިޝަނުގައި ރާއްޖޭގައި ހަރަކާތްތެރިވާ 41 މީޑިއާއަކަށް ނިސްބަތްވާ ނޫސްވެރިންނާއި ފްރީލާންސް ނޫސްވެރިން ވަނީ ސޮއިކޮށްފައެވެ. މަޖިލީހަށް ހުށަހެޅި ޕެޓިޝަން ވައްދަން ސޮއިކުރީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅި ޕެޓިޝަނުގައި ވަނީ އެ ބިލު މަޖިލީހުން ފާސްކުރި ނަމަވެސް ތަސްދީގު ނުކުރުމަށް ގޮވާލާފައެވެ.

- ކޮމެންޓް