ދިވެހިރާއްޖެ މިސްރާބު ޖަހާފައިވަނީ "މުގާބޭ އިކޮނޮމީ" އަކާ ދިމާލަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސާދު މިސްރާބު ޖަހާފައިވަނީ އަނދިރި މަގަކާ ދިމާލަށް ކަމަށެވެ. މިސާލެއްގެ ގޮތުން ޒިމްބާބްވޭ ނަންގަވާ ބޮންޑާ ވިދާޅުވީ އެ ގައުމުގައި މުގާބޭ ވެރިކަން ކުރި ގޮތް އެންމެނަށް ވެސް އެނގޭ ކަމަށެވެ.
ޒިމްބާބްވޭގައި ވޯކީޓޯކީ ބެޓެރިބުރިއެއްްގެ އަގު ޓްރިލިއަނަށް ވެސް އަރައިގެން މީހުން ބަރޯ ހިފައިގެން ބެޓެރި ގަންނަން ދިއަ ކަން މުޅި ދުނިޔެ ދަނޭ ކަމަށް ބޮންޑާ ވިދާޅުވިއެވެ. އޭރު މުޅި ގައުމުގައި ތިބީ ޓްރިލިއަނަރުންކަން ފާހަގަކުރައްވާ ބޮންޑާ ވިދާޅުވީ އެހާލަތަށް އެ ގައުމު ވެއްޓުނީ އެގައުމުގެ ފައިސާގެ އަގު ދަށްވެގެން ދިޔުމުން ކަމަށެވެ.
ބޮންޑާ ވިދާޅުވީ އެއީ އިގްތިސާދުގެ ތެރެއށް ސަރުކާރުން އަތްބޭނީމާ ކަންތައްތައް ވެގެންދާ ގޮތް ކަމަށެވެ. އަދި އެ މިސްރާބަށް ގައުމެއްގެ އިގްތިސާދު ދާނަމަ އެގައުމެއްގެ އިގްތިސާދަކަށް "މުގާބޭ އިކޮނޮމީ" ކިޔަނީ އެހެންވެގެން ކަމަށް ވެސް ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ ތަންދޮރު ބެލުމެއްނެތި ފައިސާ ޗާޕު ކޮށް ދިވެހި ރުފިޔާގެ އަގު ވައްޓާލަން ސަރުކާރުން އުޅޭއިރު އެ އަރައިގަނެވެނީ އެތައް ބައެއްގެ ހައްގުތަކަކަށް ކަމަށެވެ.
ދިވެހި ރުފިޔާ އަށް އޮންނަ އިތުބާރު ގެއްލޭ ގޮތަށް ކަންކަން ކުރީމަ، މި ސާލަކަށް ޕެންޝަން ފަންޑުގަ އެހުރީ ކިތައް މީހުންގެ ހައްގަށް އެ އަރައިގަންނަނީ. ޕެންޝަން ފަންޑުތެރެއިން. އެއް ލައްކަ މީހުން ހިއްސާވާ، މިސާލަކަށް ގިނަ ދުވަހު ސަރުކާރު ވަޒީފާއެއްގަ ގިނަ ދުވަހު ހޭދަ ކުރާ މީހެއްގެ، ހުންނާނެ ރައްކާ ކުރެވިފަ މެދު ފަންތީގެ ވަޒީފާއެއްގަ އުޅޭ މީހެއްގެ ހުންނާނެ 20، 25 އަހަރަށް ދާއިރު މިލިއަން ދެ މިލިއަނެއް ހާ ހުންނާނެ ޕެންޝަން ފަންޑުގަ ފައިސާ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)![]()
ބޮންޑާ ވިދާޅުވީ ޕެންޝަން ފައިސާ އަކީ އެތައް ބައެއްގެ ހައްގެއް ކަމަށާ އެ ފައިސާއަކީ ބައެއް މީހުން ހައްޖަށް ނުވަތަ އުމްރާ އަށް ދާން ބޭނުންކުރާ ފައިސާ ކަމަށެވެ. އަދި އަނެއް ބަޔަކު ގެދޮރު ގަތުމަށް އެ ފައިސާ ބޭނުންކުރާ އިރު ޕެންޝަން ފަންޑަށް ސަރުކާރުން އަތް ބާނައިގެން ޕެންޝަނަރުންގެ ޖީބު ހުސް ކުރަން އުޅޭ ސަބަބު ވެސް ބަލަން ޖެހޭ ކަމަށް ބޮންޑާ ވިދާޅުވިއެވެ.
ސަރުކާރުން މާ ވަރަކުން އެހާ ގިނަ އަދަދެއްގެ ފައިސާ ޗާޕު ކުރަން ކުއްލިއަކަށް އުޅޭއިރު އެކަން ރައްޔިތުންނަށް އޮޅުވާލައިގެން ކުރަން އުޅޭ ކަމަށާ ނަމަވެސް މިއަދު ރައްޔިތުންނަށް ވާނުވާ އެނގޭ ކަމަށް ވެސް ބޮންޑާ ވިދާޅުވިއެވެ.
ފައިސާ ޗާޕުނުކޮށް އިގްތިސާދު ހިފެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ރައްޔިތުންނަށް އޮޅުވާލައި، މިސަރުކާރުން މަސައްކަތް ކުރަމުންދަނީ ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ފައިސާ ޗާޕު ކުރުމަށް މަސައްކަތް ކުރަނީ އެމްއެމްއޭ އިން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓު ކޮށްގެންނެވެ.