ކ. މާލެ
|
15 މާރޗް 2025 | ހޮނިހިރު 23:31
މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަންގެ އެކްސްކޯ ބައްދަލުވުމުގެ ތެރެއިން.
މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަންގެ އެކްސްކޯ ބައްދަލުވުމުގެ ތެރެއިން.
ރާއްޖެއެމްވީ
ނޫސްވެރިންނަށް އިންޒާރުދިނުން
ގައުމުގެ އެންމެ އިސްވެރިޔާގެ ފަރާތުން ނޫސްވެރިންނަށް އިންޒާރުދިނުމަކީ ކަންބޮޑުވާ ކަމެއް: އެމްޖޭއޭ
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން އިސްވެރިން އެޖަމިއްޔާއަށް އެއްވެސް ޖަވާބެއް މިހާތަނަށް ދެއްވާފައި ނުވޭ
އިންސާފުވެރިކަމާއި އެކު ވީހާވެސް އަވަހަށް ތަހުގީގު ކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އެމްޖޭއޭއިން ވަނީ ގޮވާލާފައި

ގައުމުގެ އެންމެ އިސްވެރިޔށާގެ ފަރާތުން ނޫސްވެރިންނަށް އިންޒާރު ލިބުމަކީ އެއްގޮތަކަށްވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށް މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުން ބުނެފި އެވެ.

އަދަދު ނޫހުގެ އެޑިޓަރު ހުސެއިން ފިޔާޒު މޫސާ އަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭ އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، އެމައްސަލަ އެޖަމިއްޔާއަށް ރަސްމީކޮށް މިއަދު ހުށަހަޅާފައިވާ ކަމަށާއި އަދި މިމައްސަލަ ދިވެހި ފުލުހުންނަށްވެސް ހުށަހަޅާފައިވާ ކަމަށެވެ.

މިކަމުގެ ސަބަބުން ފިޔާޒާއި އަދަދު ނޫހުގެ މަސައްކަތްކުރާ އެހެން ނޫސްވެރިން ވެސް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، އެނޫސްވެރިން ނަށް ޤާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްޤަށް ވަރަށް ބޮޑަށް ހުރަސްއެޅިގެންދާނެ ކަމަށާއި މީޑިއާއަކުން ގެނެސްދޭ ޚަބަރެއް ނުވަތަ ކޮންޓެންޓެއްގައި ގޯހެއްވާނަމަ، އެކަމެއް ހުށަހަޅަންޖެހޭ މުއައްސަސާ އަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަކީ އެމަޖިއްޔާއިން ބާރު އަޅާ ކަމެއް ކަމަށް މިބަޔާނުގައި ބުނެފައިވެ އެވެ.

އަދި އަދަދު ނޫހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ، އިންސާފުވެރިކަމާއި އެކު ވީހާވެސް އަވަހަށް ތަހުގީގު ކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އެމްޖޭއޭއިން ވަނީ ގޮވާލާފަ އެވެ.

އަދި މީގެ އިތުރުންވެސް އަދަދު ނޫހުގެ އެކި ނޫސްވެރިންނަށް އެކި ފަހަރުމަތިން ލިބިފައިވާ އިންޒާރުތަކާއި ގުޅޭ ގިނަ މައްސަލަތަކެއް ހުރިއިރު، އެކަންކަމާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް މިބަޔާނުގައި ބުނެފައިވެ އެވެ.

މިޝަކުވާއާއި ގުޅިގެން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، އެއޮފީހުގެ ކޮމިއުނިކޭޝަން އިސްވެރިން އެޖަމިއްޔާއަށް އެއްވެސް ޖަވާބެއް މިހާތަނަށް ދެއްވާފައި ނުވާ ކަމަށް އެމްޖޭއޭ އިން ވަނީ ބުނެފަ އެވެ.

- ކޮމެންޓް