ކ. މާލެ
|
5 ނޮވެންބަރ 2025 | ބުދަ 16:12
 ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އައްޑޫ މީދޫ އަދި ހުޅުދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން 5-11-2025
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އައްޑޫ މީދޫ އަދި ހުޅުދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން 5-11-2025
ރައީސް އޮފީސް
އައްޑޫ ބްރިޖު މަޝްރޫއު
އައްޑޫ ބްރިޖް މަޝްރޫއުގެ ޑިޒައިން ހެދުމާއި ފަންނީ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލު ކުރީ އެއް މިލިއަން ޑޮލަރަށް
އަންނަ އަހަރުގެ ތެރޭގައި މި ބުރިޖުގެ މަސައްކަތް ފެށޭނެ
ހަ މަސް ދުވަހުގެ ތެރޭގައި ބުރިޖުގެ މަސައްކަތުގެ ހުރިހާ ކުރެހުންތަކާއި ހުރިހާ ފަންނީ މަޢުލޫމާތަކާ އެއްކޮށް ސަރުކާރަށް ހުށަހަޅާނެ
އައްޑޫ ހުޅުދޫ އައްޑޫ މީދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތުގައި ސޮއިކޮށްފައިވޭ

ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންނެވި އައްޑޫ ބުރިޖްގެ މަޝްރޫއު ސްލޯ ސްޕީޑުގައި އޮތް އިރު، ބުރިޖަކީވެސް ވެވަޑައިގެންނެވި ވަޢުދެއް ކަމަށާއި، މިހާރު އެވަނީ އިންޓަރނޭޝަނަލް ބިޑިންގ އަށް ހުޅުވާލައިގެން ފުރިހަމަ ޑިޒައިނެއް ހެދުމަށް ޗައިނާގެ ޕާޓީއަކާއި ޙަވާލުކުރެވިފައި ކަމަށާއި، އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި މި ބުރިޖުގެ މަސައްކަތް ފެށުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނުގެ ދެ އަތޮޅުކަމަށްވާ، ފުވައްމުލައް ސިޓީއާއި އައްޑޫ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫއަށް ވަޑައިގެން، އެ ދެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅެއް އެހެން ތަނަކަށް ބަދަލު ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. ހަމަސްދުވަހުގެ ތެރޭގައި ބުރިޖުގެ މަސައްކަތުގެ ހުރިހާ ކުރެހުންތަކާއި ހުރިހާ ފަންނީ މަޢުލޫމާތަކާ އެއްކޮށް ތިން އޮޕްޝަނަކަށް ޑިޒައިން ހަދާފައި ސަރުކާރަށް ހުށައަޅަން ޙަވާލު ކުރެވިފައި ވަނީ އެއް މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި މަސައްކަތް ޙަވާލުކުރެވުނު ޗައިނާގެ މި ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގައި ވެސް އެންމެ ރަނގަޅަށް މިފަދަ މަސައްކަތްތައް ކުރާ އެއް ކުންފުނިކަން ފާހަގަކުރެއްވި އެވެ. އަދި އެ ކުންފުންޏާއި ޙަވާލުކުރެވުނީ، ސަރުކާރުން ދިން ތިން އޮޕްޝަނަށް ބުރިޖުގެ ޑިޒައިނާއި އޭގެ ފީޒިބިލިޓީ ތަކާއެކު ކޮންޓްރެކްޓަރަކާ މަސައްކަތް ޙަވާލުކުރާއިރު ބޭނުންވާނެ ފެންވަރަށް ހުރިހާ ކަމެއް ފުރިހަމަކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިދިޔަ މަހު މި މަސައްކަތް ފަށާފައިވާއިރު، މަސައްކަތް ނިންމައި އަންނަ އަހަރުގެ މާޗް-އެޕްރީލާއި ހިސާބަށް ދާއިރު ސަރުކާރަށް މި ލިޔުންތައް ހުށައަޅާނެ ކަމަށާއި، އެ ލިޔުންތައް ލިބުމުން އެއް ޑިޒައިނެއް އިޚުތިޔާރުކޮށް އެގްރީމަންޓް ހަދައި، މިއަންނަ އަހަރުގެ ތެރޭގައި މި ބުރިޖުގެ މަސައްކަތް ފެށުމަކީ އަމާޒުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

ބައެއް މުހިންމު މަޝްރޫޢުތައް

މަގުހެދުމާއި ކުނި މެނޭޖުކުރުމުގެ ބޮޑު މައްސަލައަށް ޙައްލެއް ގެނައުމާއި ކުޅިވަރުގެ ދާއިރާއިން ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ހިނގަމުންދާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި ބޭންކިންގ ޚިދުމަތް ދެރަށުގައި ވެސް އެއްވަރަކަށް ގާއިމުކުރުމަށް، ގޮފިތައް ގާއިމުކުރުމާއި އެމް.އައި.ބީ.ގެ އޭ.ޓީ.އެމް ހުޅުވީ ވެސް ހަމަހަމަކަމާ އެކީގައި ހުޅުދޫއާއި މީދޫގެ ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތާއި ތަރައްޤީ ގެނެސްދިނުމުގައި، އެ ބޭނުންފުޅުގައި، އެ އަޒުމުގައި، އެ ނިޔަތުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިއީ ފެށުމެއް ކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައި މިފަދަ އެތައް ކަމެއް މި ދެރަށުގެ ތަރައްޤީ އަށް ކޮށްދިނުމަކީ އެ މަނިކުފާނުގެ އުފާފުޅަކަށް ވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ބުދަ ދުވަހުގެ ބައްދަލުކުރެއްވުމުގައި ހުޅުދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އަދި މީދޫގައި އައިޑީ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ވަނީ ފައްޓަވައިދެއްވާފަ އެވެ. މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި އައްޑޫ ހުޅުދޫ އައްޑޫ މީދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތާއި ސ. އަތޮޅު މަދަރުސާގެ އައު އިމާރާތް ބިނާކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފަ އެވެ.

- ކޮމެންޓް