ކ. މާލެ
|
15 މާރޗް 2025 | ހޮނިހިރު 21:23
ހުސައިން ފިޔާޒު މޫސާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ
ހުސައިން ފިޔާޒު މޫސާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ
ޔޫސުފް ސޮފްވާން ރަޝީދު
ަރައީސް، ފިޔާޒަށް އިންޒާރު ދިނުން
ރައީސް މުއިއްޒު، ފިޔާޒު އަށް އިންޒާރުދިން މައްސަލަ ފުލުހަށް ހުށަހަޅައިފި
ރައީސުލްޖުމްހޫރިއްޔާ ދެއްވި އިންޒާރަކީ ސަރުކާރުން އެދޭ ގޮތަށް އެ ނޫހުގެ ސިޔާސަތުތައް ބައްޓަން ނުކުރާތީ އޮންނަ ހިތްޕުޅު ހަމަނުޖެހުމުގައި ދެއްވި އިންޒާރެއް ކަމަށް އެ ނޫހުން ސިފަކުރޭ
އިންޒާރުދެއްވުމުން ފެންނަނީ ރައީސް މުއިއްޒު، ދައުލަތާއި ސަރުކާރުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތަށާއި ހައިބަތަށްވެސް ހުރުމަތެއް ނުބަހައްޓަވާ މިންވަރު ކަމަށް އެ ނޫހުން ވަނީ ބުނެފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަށް އިންޒާރު ދިން މައްސަލަ އެ ނޫހުގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅައިފި އެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މާޗު 14، 2025 ދުވަހުގެ ރޭގެ 19:04 ގައި 'އަދަދު' ނޫހުގެ ނޫސްވެރިޔާ، އަދި ސީ.އީ.އޯ، ޙުސައިން ފިޔާޒު މޫސާއަށް ގުޅާ އިންޒާރު ދެއްވާފައިވާ ކަމަށް، އަދަދު ނޫހުން ހޮނިހިރު ދުވަހުގެ ރޭ ނެރުނު ނޫސް ބަޔާނުގައި ވަނީ ހާމަކޮށްފަ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ، ހުސައިން ފިޔާޒު މޫސާއަށް ގުޅުއްވާ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ބޭފުޅަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައިވާތީ އެކަމާ ކޯފާވެގެން ވާހަކަދައްކަވާފައިވާ ކަމަށެވެ.

އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ބޭފުޅަކާ ބެހޭގޮތުން އެ އެއްވުމުގައި ދެކެވުނު ވާހަކަ އަދަދު ނޫހުން ރިޕޯޓު ނުކުރާ ކަމަށް އެ ނޫހުން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަވެސް ހަބަރެއް ޝާއިއު ކޮށްފައި ވަނީ އެކަން ކުށްވެރިކޮށް ސަރުކާރުގެ އިސްބޭފުޅުން ދެއްކެވި ވާހަކަތަކާއި ގުޅިގެން ކަމަށް އެ ނޫހުން ބުނެއެވެ.

އެހެންކަމުން އެ މައްސަލަ އާއި ގުޅިގެން 'އަދަދު' ނޫހަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ގުޅުއްވައި އިންޒާރު ދެއްވަންޖެހޭ ސަބަބެއް ނެތްކަމަށް އެ ނޫހުން ދެކޭކަން އަދަދުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމަށް ވާއިރު ނޫސްވެރިޔާ ހުސައިން ފިޔާޒު މޫސާއަށް ގުޅުއްވައި އަދަދު ނޫހާއި ފިޔާޒާއި މެދު އެޅުއްވެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށް އިންޒާރު ދެއްވާފައިވާ ކަމަށް އެ ނޫހުން ވަނީ ބުނެފަ އެވެ. އަދި ކޯފާވެގެން ތުރުތުރުލާ އަޑަކުން ދެފަހަރު ތަކުރާރުކޮށް އެހެން ވިދާޅުވުމަށްފަހު "ތިންވަނަ ފަހަރަށް މިބުނަނީ، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން" މިހެން ވިދާޅުވުމަށްފަހު ފޯނު ބާއްވާފައިވާ ކަމަށް އެ ނޫހުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ގައުމުގެ ރައީސުލްޖުމްހޫރިއްޔާއަކީ، ދިވެހިރާއްޖޭގެ އެންމެހައި ފަރުދުންގެ މިނިވަންކަމާއި، ރައްކާތެރިކަމާއި، އެންމެހައި ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްގުތައް ލިބިދެވޭކަން ކަށަވަރުކުރުމުގެ ޒިންމާ އޮތް ފަރާތްކަމަށް ވާއިރު އެފަދަ އަމަލެއް ރައީސް ހިންގެވުމުން އެކަމާއި މެދު އެ ނޫހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އާންމު ފަރުދަކަށް ގުޅުއްވައި، ހަރުކަށި ފިޔަވަޅު އަޅާނޭ ކަމުގެ އިންޒާރުދެއްވުމުން ފެންނަނީ ރައީސް މުއިއްޒު، ދައުލަތާއި ސަރުކާރުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތަށާއި ހައިބަތަށްވެސް ހުރުމަތެއް ނުބަހައްޓަވާ މިންވަރު ކަމަށް އެ ނޫހުން ވަނީ ބުނެފަ އެވެ.

ހަމައެހެންމެ 'އަދަދު' ނޫހުގައި ޝާއިއު ނުވެސް ނުކުރާ ހަބަރަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވި އިންޒާރަކީ ސަރުކާރުން އެދޭ ގޮތަށް އެ ނޫހުގެ ސިޔާސަތުތައް ބައްޓަން ނުކުރާތީ އޮންނަ ހިތްޕުޅު ހަމަނުޖެހުމުގައި ދެއްވި އިންޒާރެއް ކަމަށް އެ ނޫހުން ސިފަކުރެއެވެ. އެހެންނަމަވެސް، އެއްވެސް ފަރާތަކުން ދޭ އިންޒާރަކަށް ނުވަތަ ދައްކާ ބިރަކަށް ޖެހިލުން ނުވާނެ ކަމަށް އެ ނޫހުން ވަނީ ބުނެފަ އެވެ.

- ކޮމެންޓް