ނޫސްތަކާއި މީޑިއާ ތައް ކޮންޓްރޯލް ކޮށް، ދުލާއި ގަލަމުގެ މިނިވަންކަން ނިގުޅައިގަތުމަށް ފަރުމާކޮށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ އެއްވެސް މަޝްވަރާއެއް ކުރުމަކާއި ނުލައި މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ނުފޫޒާއި ބާރު ފޯރުވޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒް މޫސާ ވިދާޅުވެއްޖެ އެވެ.
ފިޔާޒް އެފަދައިން ވިދާޅުވީ މީޑިއާތައް ކޮންޓްރޯލްކުރާ ބިލާ ގުޅޭގޮތުން ރާއްޖޭގެ ބައެއް ތަޖުރިބާކާރު ނޫސްވެރިންގެ ކަންބޮޑުވުން ފާޅުކުރުމަށް އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެެވެ.
ވަކި ނޫސްވެރިންނަށް އަދަބު ދެވޭ ގޮތަށް މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އެ ބިލު ހުށަހަޅާފައި ވަނީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު އެވެ. އެ ބިލުގައި ބްރޯޑްކާސްޓަރުން އަދި ރާއްޖޭގައި ނޫސް މަޖައްލާތައް ހިންގުމުގައި އަމަލުކުރަން ޖެހޭ ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައިވެ އެވެ.
މީޑިއާތަކުގެ ބާރު ކަނޑުވާލައި ނޫސްވެރިކަން މަރާލުމަށް މި ސަރުކާރުން މަޖިލީހަށް ހުށަހަލާފައިވާ މި ބިލާއި ގުޅިގެން ވާހަކަދައްކަވަމުން ފިޔާޒު ވިދާޅުވީ މި ބިލު މަޖިލީހަށް ހުށަހެޅުމަށް ފަހު އެ ބިލަކީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސް އާއި އެއްގޮތަށް އެކުލަވާލާފައިވާ ބިލެއް ކަމުގައި ވިދާޅުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ބިލުގައި ހުރި ކަންކަމަށް ބަލާލުމުން މި ބިލަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކޮންޓްރޯލް ކުރެވޭގޮތަށް އަދި އެމަނިކުފާނުގެ އަތްދަށަށް މީޑިއާތަށް ގެންދެވޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް ފިޔާޒް ވިދާޅުވި އެވެ.
ފިޔާޒް ވިދާޅުވީ އެ ބިލަކީ އެވިދާޅުވާ ގޮތަށް ދުނިޔޭގެ ބެސްޓް ޕްރެކްޓިސް އަށް ފަރުމާކޮށްފައި އޮތް ބިލެއް ކަމަށް ނުބެލެވޭ ކަމަށާއި އަދި އެ ބިލް ފަރުމާކޮށްފައި އެ ވަނީ ދުނިޔޭގެ ކޮންތަނެއްގައި އޮތް ބެސްޓް ޕްރެކްޓިސް އަކަށް ކަމެއް ވެސް ނޭގޭ ކަމަށެވެ.
ފިޔާޒް ވިދާޅުވީ މިހާރު ރާއްޖޭގައި މި އޮތް ނިޒާމު ވެސް މި ބިލު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރާއި އޭނާގެ ގާނޫނީ ޓީމުން ވެސް ދިރާސާކޮށްފައި ވާކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ފިޔާޒު ވިދާޅުވީ މިހާރު މިއޮތް މީޑިއާ ކައުންސިލް ރެގިއުލެޓަރީ ފްރޭމްވާރކް މިއޮތީ އަމިއްލަ އަށް ޖަވާބުދާރީވެ، ޒިންމާ އަދާކުރެވޭ ގޮތަށް ކަމަށާއި ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމް އަކީ އެއީ ކަމަށެވެ. އަދި މިހާރު ވެސް މި ފްރޭމްވާރކް އެބަ އޮތް ކަމަށާއި އޭގެ ދަށުން ފިޔަވަޅުތައް ވެސް އަޅާފައި އެބަހުރި ކަމަށް ފިޔާޒު ވިދާޅުވިއެވެ.
ފިޔާޒު ވިދާޅުވީ މި ސަރުކާރުން ބިލެއް ހުށަހަޅާފައި އެވަނީ ކޮންމެހެން ނޫސްތައް ރަނގަޅު ކުރަން ނޫން ކަމަށާއި އެއީ މި ސަރުކާރުގެ ބާރުގެ ދަށަށް މީޑިއާތަށް ގެނައުމަށް ކަމަށް ދައްކާ ބަހަނާ ކަމަށެވެ.
ދެން އޮތް އެންމެ ބޮޑު ނުރައްކަލަކީ، މައްސަލަ ބަލަން ފަށާފަ، ވަގުތުން ޗެނަލް ބަންދު އެބަ ކުރެވޭ. ވަގުތުުން ނޫހުގެ ލައިސަންސް އެބަ ހިފެހެއްޓޭ. އެހެންވީމަ މިއީ މިހާރު މިއޮތް ގާނޫނު އަސާސީއާއި ގާނޫނުގެ ހަމަތަކާއި ވެސް ޚިލާފު ކަމެއް. އެއީ މީހަކު ކުށެއް ކުރިކަން ސާބިތު ނުވަނީހެއް އެމީހެއްގެ މައްޗަށް ކިހިނެތްތޯ ފިޔަވަޅު އަޅާނީ..؟ އެހެންވީމާ މިއޮތީ އަޅުގަނޑުމެން ގާނޫނު އަސާސީން ގަބޫލުކުރި ހަމަތައް ވެސް ގާނޫނު އަސާސީން ދުއްވާލާފަ. ދެން މިއޮތީ ގައުމީ ސަލާމަތަށް ނުރައްކާތެރިވާ ހާލަތެއްގައި ފުލުހުން ފަދަ އިދާރާތައް މެދުވެރިކޮށް ނޫސްތަކާއި، ޓީވީ ތަކަށް ވަދެވޭ.. ދެން ގައުމީ ސަލާމަތަކީ ކޮބައިކަން، އެކި ގާނޫނުތަކުގައި އެކި ގޮތަށް، އެއްތައްގަނޑަކަށް ބަޔާންކޮށްފައި އެއްވެސް ގާނޫނެއްގައި ނެތް. އެހެންވީމަ މިވެސް ހަންނާން އަކަށް އެނގިވަޑައި ނުގަންނަވާ.
ނޫސްވެރިޔާ ހުސެއިން ފިޔާޒު މޫސާ![]()
ވަކިވަކި ނޫސްތަކަށް ފިޔަވަޅު އެޅޭ ގޮތަށް އޮތުމާއި ނޫސްވެރިންނަށް އެ ނޫސްވެރިޔަކު ލިޔާ ޚަބަރެއް ނުވަތަ ވަކިން އެކްސްގައި ކުރާ ޓްވީޓެއްގެ ސަބަބުން ވެސް އެ ނޫސްވެރިއެއްގެ މައްޗަށް ފިޔަވަޅު އެޅޭގޮތަށް އޮތުމަކީ ވެސް ވަރަށް ބިރުވެރި ކަމެއް ކަމަށް ފިޔާޒް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އެ ގާނޫނުގައި ގާނޫނީ ވެރިކަން ވެސް ނަގަހައްޓަން ޖެހޭކަމަށް ވެސް ބަޔާންކޮށްފައި ވާ ކަމަށާއި ނަމަވެސް އެއީ ސިފައިންނާއި ފުލުހުން ކުރަން ޖެހޭ ކަމެއް ކަމަށް ފިޔާޒު ވިދާޅުވި އެވެ.