މި ސަރުކާރުން ސުޕްރީމް ކޯޓު ޕެރަލައިޒް ކޮށްލާފައިވާ ކަމަށް ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީ ކުއްލި އެއްވުމުގައި ވާހަކަ ދައްކަވަމުން މަހުފޫޒު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ރޫޅާލާފައިވާ ކަމަށާއި، ކޯޓު ޕެރަލައިޒް ކޮށްލާފައިވާ ކަމަށެވެ. ގިނަ މައްސަލަތަކެއް ކޯޓުގައި ހުއްޓައި ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވާ ކަމަށާއި، މައްސަލަތައް ބެލުން ހުއްޓުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޣައިރު ގާނޫނީ އަމުރުތަކަށް ފުލުހުން ކިޔަމަންވެގެން ނުވާނެކަން ފާހަގަކުރައްވައި މަހުފޫޒު ވިދާޅުވީ މުޒާހަރާ ކުރުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށެވެ. މުޒާހަރާއަށް ނުކުންނަނީ އަމިއްލަ ކަމެއްގައި ނޫން ކަމަށާއި، ރައްޔިތުންގެ ހައްގުގައި ކަމަށް މަހުފޫޒު ވިދާޅުވިއެވެ.
4000 ރައްޔިތުންނަށް ފްލެޓު ލިބޭނެ ކަމަށް ކަށަވަރުކޮށް، ކުރީ ސަރުކާރުން ދައުލަތުގެ ފަރާތުން ލިޔުން ދޫކޮށްފައިވަނިކޮށް އެއަށް ބެލުމެއް ނެތި މިސަރުކާރުން ބޭނުންވާ ބަޔަކަށް ފްލެޓުތައް ދޫކުރުމުން އެއީ ރައްޔިތުންނަށް ގައްދާރުވުން ކަމަށް އޭނާ ވިދާޅުވިއެވެ.
ސުޕްރީމްކޯޓަށް ހުރަސްއެޅީމާ ފުލުހުން އެކަމަށް އެއްބާރުލުން ދީގެންނުވާނެ. ސުޕްރީމްކޯޓު ޕެރަލައިޒްވެފައި. ދައުލަތުގެ އެއްބާރު ޕެރަލައިޒް ކޮށްލައިފި. އެމައްސަލަތައް ބަލައި ކުރިއަށް ގެންދެވޭނެ އެއްވެސް ގޮތެއް މިހާރު ނެތް. އެކަމަކު މިއީ އަޅުގަނޑުމެންނަށް ހުރި ގޮތް ކަމަށް ދެކިގެން ތިބެންވެއްޖެއްޔާ މި ދައުލަތުގައި ގާނޫނު އަސާސީއެއް ލިޔެގެން އަޅުގަނޑުމެން އުޅުމުގެ މާނައެއް ނެތް. ތިބޭފުޅުންނޭ އަޅުގަނޑުމެންނަށް އެހީތެރިވެދެއްވަންވީ.
ގާނޫނީ ވަކީލު މަހުފޫޒު ސައީދު![]()
މަހުފޫޒު ވިދާޅުވީ މުޒާހަރާ ކުރަން ފެށުމުން ރައީސް މުއިއްޒު އަމިއްލަ ފަރުދުންނަށް ބިރު ދައްކަމުންދާ ކަމަށާއި، ނަމަވެސް މުޒާހަރާ ނުހުއްޓުވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މުޒާހަރާއަށް ނުކުންނަ އާއްމު ރައްޔިތުން އިތުރުވާނެ ކަމަށް މަހުފޫޒު ވިދާޅުވިއެވެ.