ޚިޔާނާތުގެ މައްސަލަ އެއް ބަލަމުންދާ ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލަ ބަލައިދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ނިންމައިފިއެވެ.
އެ މައްސަލަ ހައިކޯޓަށް ހުށަހަޅުއްވާފައި ވަނީ ޤާނޫނުއަސާސީ އެކުލަވާލި އިރު ޤާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުޤައްރިރު އިބްރާހިމް އިސްމާއިލްއެވެ. އެ މައްސަލަ އަކީ އެއީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑު ކުރުމުން ސުޕްރީމް ކޯޓު ފުރިހަމަ އަށް ހިނގުމަށް ބުރު އަރާފައިވާތީ ހުށަހެޅި މައްސަލައެކެވެ. އެ މައްސަލަ ބަލައި ނުގަންނަން ނިންމި ސަބަބު ހައިކޯޓުން ހާމަކޮށްފަ އެއް ނުވެއެވެ. އެހެންނަމަވެސް އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާކަން އެ ކޯޓުގެ ވެބްސައިޓުގައި ވަނީ އާއްމުކޮށް ހިއްސާކޮށްފައެވެ.
ފަނޑިޔާރު ހުސްނުއް ސުއޫދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެއްފަހަރާ ކުށްލި ގޮތަކަށް ސަސްޕެންޑް ކޮށް، ސުޕްރީމް ކޯޓުގެ ހިންގުން ހުއްޓުވާފައި ވަނީ 26 ފެބްރުއަރީ 2025ގައެވެ.
ޖޭއެސްސީގެ އެ ނިންމުމަކީ ޤާނޫނުއަސާސީ އާއި ޚިލާފު ނިންމުމެއް ކަމަށާއި ސުޕްރީމްކޯޓު ހުއްޓުމަކަށް ގެނައުމަކީ އެއްވެސް އިދާރާއަކަށް ވެސް މުޢައްސަސާ އަކަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް އިބްރާހިމް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.
ހައިކޯޓަށް އޭނާ ހުށަހެޅުއްވި މައްސަލަ އާއި ގުޅޭގޮތުން ރާއްޖެ އެމްވީ އަށް ދެއްވި ބަސްތީގަތުމެއްގައި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަކީ ޤާނޫނުއަސާސީން މަނާކޮށްފައިވާ ކަމެއް ކަމަށާއި ރާއްޖޭގެ ދުސްތޫރު ހިފަހައްޓާ ދެނީ ސުޕްރީމްކޯޓުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ސުޕްރީމްކޯޓު ހުއްޓުމަކީ ދުސްތޫރީ ނިޒާމް ހުއްޓުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ދުސްތޫރީ މުހިންމު މައްސަލަ އެއް ބަލަމުން ދަނިކޮށް ފަނޑިޔާރުން ސަސްޕެންޑްކުރުމަކީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޖުޑީޝަރީ އެކަހެރިވެ ޕެރަލައިޒްކޮށްފައި ނުބޭއްވޭނެ ކަމަށާއި މިއީ ޤައުމަކަށް ދިމާވާނެ އެންމެ ނާޒުކު ހާލަތު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.