ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އާއި އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އަންގައިފި އެވެ.
މި މައްސަލައިގައި ކައިޒީން ބުނެފައި ވަނީ، އޭނާ ބައްޕަ އަށް ހަވާލުކުރި 3.6 މިލިއަން ރުފިޔާ އިން ގަނެފައިވާ ބޯޓު، އޭނާގެ ރުހުމެއް ނެތި ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ކައިޒީން އެދިފައިވަނީ ބޯޓުގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކޮށްދިނުމަށެވެ.
މި މައްސަލައާ ގުޅިގެން ކުރިން ސިވިލް ކޯޓުން ވަނީ ބޯޓުގެ ރަޖިސްޓްރޭޝަނާ ބެހޭ ގޮތުން ކޯޓުން ގޮތެއް ނިންމަންދެން، ރަޖިސްޓްރީ ބަދަލުނުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފަ އެވެ.
އެހެންނަމަވެސް، އިބްރާހީމް އަލިފުޅުގެ ފަރާތުން ބުނެފައިވަނީ، ބޯޓު ގަތުމަށް ވެފައިވާ އެއްބަސްވުމުގައި ގަންނަ ފަރާތުގެ ގޮތުގައި އޮންނަނީ އޭނާގެ ނަން ކަމަށާއި، އެހެންކަމުން އޭނާ އެ ބޯޓު ގަނެފައިވަނީ ކައިޒީންގެ އޭޖެންޓެއްގެ ގޮތުގައި ނޫން ކަމަށެވެ. އަދި ދަރިންގެ މުދާ މައިންބަފައިން ބޭނުން ކުރުމާ މެދު އައިސްފައިވާ ހަދީޘަކުން، ދަރިއެއްގެ މުދަލެއް މައިންބަފައިން ބޭނުން ކޮށްގެން އެ ފަރާތެއްގެ މައްޗަށް ދައުވާ ނުކުރެވޭނެކަން ވެސް އޭނާގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ.
މިއަދު ހައިކޯޓުން ނިންމި ނިންމުމުގައި ވަނީ، ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށް، މި މައްސަލަ އަލުން ބެލުމަށް އެ ކޯޓަށް އަންގާފައެވެ. މި މައްސަލައިގެ އިތުރު ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.