މިވަގުތު ރައީސް މުޢިއްޒުގެ ސަރުކާރުން 24 ގަޑިއިރު ކުރަމުންދާ ކަމަކީ އުޞޫލުތަކަށް ބަދަލުގެނަސްގެން ވިޔަސް ސަރުކާރަށް ފައިސާ ހޯދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.
އަބުދުﷲ މިހެން ވިދާޅުވީ ބުދަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައްޔިތުންގެ ކުރިމަތީ ރައީސް މުޢިއްޒު ވަޢުދުވެވަޑައިގެންނެވީ ކޮންމެ ކަމެއްގައި ވެސް ރަނގަޅު ބަދަލުތަކެއް ނޫނީ ނުގެންނަވާނެ ކަމަށް ކަމަށާ، އެހެން ނަމަވެސް ދެއްކެވި ހުރިހާ ވާހަކަފުޅަކާ އިދިކޮޅަށް މިހާރު އަމަލުކުރައްވަން ފަށްޓަވައިފިކަމަށް އަބުދުﷲ ވިދާޅުވިއެވެ.
ޤާނޫނީ ގޮތުން މަޖިލީހުގެ ތެރެއިން ވެސް ހަރުދަނާ ބަދަލެއް ގެންނަވަން މަސައްކަތް ނުކުރައްވާ ކަމަށް އަބުދުﷲ ވިދާޅުވިއެވެ. އޭގެ ބަދަލުގައި ފެންނަނީ ރައީސްގެ މުށުތެރެއަށް ބާރުތައް ޖަމާކޮށްދިނުމުގައި މަޖިލިސް ވެސް އެހީވާ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ.
އަބުދުﷲ ވިދާޅުވީ މިހާރު އޮތް ވެރިކަން ޚުދުމުޚުތާރު ވެރިކަމަށް ބަދަލުވާ މަންޒަރު މިހާރު ފެންނަން ފަށައިފި ކަމަށެވެ. އަދި ވިޔަފާރިވެރިންނާ ދެކޮޅަށް ޑޮލަރު މާރުކުރުމުގައި ފުރަތަމަ ހަރުކަށިކަން މިސަރުކާރުން ދެއްކި ނަމަވެސް އެންމެ ފަހުން މާރުކުރަން އެމްއެމްއޭއަށް ޑޮލަރު ފޮނުވާ ފަރާތުން ސަރުކާރަށް ޑޮލަރުން ދައްކަން އޮންނަ ޓެކްސްތަކާ އެހެނިހެން ފައިސާ ކެނޑޭގޮތަށް ބޮޑުތަނުން ސަރުކާރުން ދޫދިނުމަށް މަޖުބޫރުވީ މަންޒަރު ފެނިއްޖެ ކަމަށް ވިދާޅުވިއެވެ.