ވައުދުވެފައި އޮންނާނީ މިސަރުކާރުން ބަދަލުހިފުމުގެ އެއްވެސް ކަމެއް ނުކުރާނަން ކަމަށާއި ސިޔާސީ ގޮތުންވެސް އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް އެފަދައިން ވިދާޅުވެފައި ވާއިރު ދާދިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި އެމްޑީޕީގެ ހަރަކާތްތަކެއްގައި ބައިވެރިވި ކަމަށްބުނެ ވެމްކޯގެ ދެ މުވައްޒަފުންވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮނޑި ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅާފައި އޮއްވައި، ސުޕްރީމް ކޯޓު ހުއްޓުވާލައި، ފަނޑިޔާރުންތަކެއް ވަކިކޮށްލި މި ދުވަސް ތާރީހުގައި ލިޔެވޭނީ ކަޅު، އަނދިރި ދުވަހެއްގެ ގޮތުގައި ކަމަށް ގިނަ ބަޔަކު އައީ ބުނަމުންނެވެ.
އަޅުގަނޑު އޮންނާނީ ވައުދުވެފަ މިސަރުކާރަކުންނެއް ބަދަލުހިފުމުގެ އެއްވެސް ކަމެއް ނުކުރާނަމެ އެރޫހު ނައްތާލާނަމެ ސިޔާސީގޮތުން އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅާނަމެ ބަންދެއް ނުކުރާނަމެ އަނިޔައެއް ނުކުރާނަމެ ޖަލަކަށް ނުލާނަމެ، މިއަދާހަމައަށް އާއިރު ނުހުންނާނެ އެއްވެސް މީހަކު އަޅުގަނޑުމެން ހައްޔަރު ކުރި މީހެއްވެސް އަދި ބަނދު ކުރި މީހެއްވެސް، ސިޔާސީ ވިސްނުމެއްގައި ކުރި އެއްކަމެއްވެސް އެއްވެސް މީހަކަދޭތރެ ނޯނަނާނެ ދެއްކޭކަށެއް،
ރައީސް ޑރ މުޙައްމަދު މުޢިއްޒު![]()
ރައީސް އެފަދައިން ވިދާޅުވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން ޢަބްދުއް ރަޙީމް ޢަބްދުﷲ ގެ ދަރިކަލުން އިބްރާހީމް ފައިސަލް ޓުއަރިޒަމް މިނިސްޓަރުގެ މަގާމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަނީ ވަކިކޮށްފައެވެ. އަދި އެކަމާއި ގުޅިގެން ޢަބްދުއް ރަޙީމް ވިދާޅުވީ ފައިސަލް ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ފައިސަލް ވަކިކުރި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވެއެވެ.
މީގެ އިތުރުން ކުރީގެ ރައީސް ޔާމީންގެ ޝަރީއަތުގެ މައްސަލަތް ދިގުދެމިގެންދާ އެއްސަބަބަކީ ރައީސް މުޢިއްޒުގެ ނުފޫޒުން ޝަރުއީ ދާއިރާއަށް އިންތިހާއަށް ފޯރާފައިވުން ކަމަށް ރައީސް ޔާމީނާއި އެމަނިކުފާނަށް ތައީދު ކުރާ މީހުން ތުހުމަތުކުރެއެވެ. ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމުގެ ވައުދާއެކުގައެވެ.
އަދި ހައްވާ ޔުމްނު ރަޝީދު އަށް އިންސާފު ހޯދައިދޭން ގޮވާލައި ސިލްސިލާކޮށް ކުރަމުންދިޔަ މުޒާހަރާއިން ހައްޔަރުކުރި އައިޝަތު ޝިމަން އަހުމަަދާއި އަބްދުﷲ މަހްޒޫމް މާޖިދުގެ މައްޗަށް ދައުވާ އުފުލީ ނަސޭހަތުގެ އެއްބަސްވުމުގައި ސޮއިނުކުރުމުންކަން ވެސް ވަނީ ހާމަވެފައެވެ. ސަރުކާރުން ބޭނުންވީ ބިރު ދައްކައިގެން މަހުޒޫމްއާއި ޝިމަން ނަސޭހަތުގެ އެއްބަސްވުމެއްގައި ސޮއިކުރުވަން ކަމަށް ތުހުމަތުކުރެއެވެ.