ޕާޓީ ވެރިކަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، ޕާޓީގެ މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، އެއްޕާޓީ (ޕީޕީއެމް) އުވާލާ ކުރިން ރާވާފައި އޮތްގޮތަށް އެއް ޕާޓީއަކަށް ޕާޓީ ބަދަލުކޮށް ޕާޓީގެ އެތެރޭގެ ހުރިހާ ގުނަންތަކެއް ރަނގަޅަށް ގިރިސްޖަހާ އިސްކުރުތައް ބާރުކޮށް މި ފަށަނީ ޕާޓީގެ ވެރިކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީގެ އިސް ފަރާތްތަކުން އަތޮޅުތެރެއަށް ދަތުރުކުރަނީ ޕާޓީގެ މެންބަރުން ހިތްހަމަޖައްސައިދޭން ކަމަށެވެ. އަދި ޕާޓީގެ މެންބަރަކަށް ވަޒީފާއެއް ނުލިބިއްޖެނަމަ އޮންނަ އުސޫލުގެ ތެރެއިން އެމީހަކަށް ވަޒީފާ ލިބޭނެ ކަމަށާއި، އެއީ ޕާޓީ ވެރިކަން ކުރަން އުޅުއްވާތީ ކަމަށެވެ.
އަޅުގަނޑުމެންގެ ޕާޓީ މީހަކަށް ވަޒީފާ ނުލިބިއްޖެއްޔާ އޮންނަ އުސޫލުގެ ތެރެއިން އެމީހަކަށް ވަޒީފާ ލިބޭނެ، އެއީ ޕާޓި ވެރިކަން ކުރަން މި އުޅެނީ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު![]()
ޝުޖާ ވިދާޅުވީ ޕާޓީ ވެރިކަން ކުރައްވަން ރައީސް މުއިއްޒުއަށް ކެރިވަޑައިގަންނަވާނެ ކަމަށާއި، ކުރިން އިދިކޮޅަށް ދާންޖެހުނީ ޕާޓީ ވެރިކަން ނުކުރެވުނީމަ ކަމަށެވެ. އަދި ރަށްރަށަށް ގޮސް ވެރިކަން ވެއްޓުނީ ކީއްވެހޭ ސުވާލުކުރުމުން އާންމުން ބުނަނީ ވެރިކަން ވެއްޓުނީ މެޑަމްއާއި ހެދި ކަމަށާއި، މިހާރު ޕާޓީ ހިންގަން މެޑަމްއެއް ނުހުންނާނެ ކަމަށް ޝުޖާ ވިދާޅުވިއެވެ.
ޕީއެންސީ ހިންގަން "މެޑަމް"އެއް ނޫޅޭނެ. ޕާޓީ ހިންގާނީ ޕާޓީގެ ރައީސާއި ލީޑާޝީޕުން.
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު![]()
ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ އިތުރު ނުވާނެކަމަށް މި ސަރުކާރު ވެރިކަމަށް އަންނަމުން ބުނި ނަމަވެސް ދެހާހަށްވުރެ ގިނަ ސިޔާސީ މަގާމުތައް މިހާރުވެސް އުފައްދާފައިވެއެވެ. އަދި މެންބަރުންނަށް ކޯޓާ ކަނޑައަޅައިގެން ވަޒީފާ ބަހާލާފައިވާއިރު، ރަށްރަށުގައި ހުރި ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކުން އާންމުން ވަޒީފާއިން ވަކިކޮށް އެތަންތަނަށް ޕީއެންސީގެ މެންބަރުން ވަޒީފާއަށް ނަގަމުންދާކަމުގެ ޝަކުވާވެސް އާންމުން އަންނަނީ ކުރަމުންނެވެ.