ކ. މާލެ
|
11 މާރޗް 2025 | އަންގާރަ 13:00
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސް އޮފީސް
ފަޅުތަކާއި ރަށްތައް ދޫކުރުން
ކައުންސިލްތަކުގެ އިޙްތިޞާސްގައި ހިމެނޭ ރަށްތަކާއި ފަޅުތައް ދޫކުރުމުގެ ބާރުވެސް ރައީސުލްޖުމްހޫރިއްޔާ އަށް ދެނީ
ޓުއަރިޒަމް ގާނޫނަށް ގެންނަ އިސްލާހުގައި ބަޔާންކުރާ ސިޔާސަތުތައް ކަނޑައެޅުމުގެ ބާރުވެސް މިހާރު ރައީސަށް ވަނީ ލިބިދީފަ
މި ބަދަލުގެ ސަބަބުން ވަކި ސިޔާސަތެއް ބަޔާންކުރުމަކާއި ނުލާ ނުވަތަ ކޮން ބާވަތެއްގެ މަޝްރޫޢު އެއް ކަން ހާމަނުކޮށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ބައެއް މަޝްރޫޢުތަކާ ގުޅޭ ގޮތުން ރަށްތަކާއި ފަޅުތައް އަދި ބިންތައް ދޫކުރުމަށް ފުރުސަތު ލިބޭނެ

ކައުންސިލްތަކުގެ އިޙްތިޞާސްގައި ހިމެނޭ ރަށްތަކާއި ފަޅުތައް ދޫކުރުމުގެ ބާރުވެސް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ގޮތަށް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

(ދިވެހިރާއްޖޭގެ ޓޫރިޒަމާއި ބެހޭ ޤާނޫނު) އަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައި ވަނީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒެވެ.

އޭނާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ، ސަރުކާރުގެ ފަރަތުން މިފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ ޤާނޫނު ނަމްބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާއި ބެހޭ ޤާނޫނު) ގައި ބަޔާން ކުރާ ކްރޮސް ސަބްސިޑީގެ ގޮތުގައި ޓުއަރިސްޓް ރިސޯޓްތައް ތަރައްޤީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅުތައް ދޫކުރުމުގެ އުސޫލާއި، ޓުއަރިސްޓް ރިސޯޓް ހޯދުމަށް ދޫކުރާ ރަށް ނުވަތަ ބިން ދޫކުރާ މުއްދަތު އިތުރު ކުރުމާއި ގުޅޭ އުސޫލު އިސްލާހުކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން ކަމަށެވެ.

މީގެ އިތުރުން ޓުއަރިޒަމްގެ ބޭނުމަށް ތަރައްޤީކޮށް ހިންގާ ތަންތަން ރީޑިވެލޮޕްކުރުމަށް ބަންދުކުރުމާއި ބެހޭ އުސޫލައި، ޓުއަރިޒަމް ފަންޑެއް ޤާއިމްކޮށް ހިންގުމާއި ބެހޭ އުސޫލުތައް ޤާނޫނުގައި ހިމެނުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަކީ ވެސް ބިލުގެ މަގްސަދެއް ކަމަށް ވަނީ ބުނެފައެވެ.

އެ އިސްލާހުގެ ދަށުން (ދިވެހިރާއްޖޭގެ ޓޫރިޒަމާއި ބެހޭ ޤާނޫނަށް) ގެންނަ އިސްލާހުތަކުގެ ތެރޭގައި އެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) އިސްލާހުކުރުން ހިމެނެއެވެ. އެ އިސްލާހުގައި ބުނެފައި ވަނީ މީހުން ދިރިއުޅޭ ރަށް ނުވަތަ ސިޓީ އެއްގެ ބިނާވެށީގެ ޕްލޭނާއި އެއްގޮތަށް ޓުއަރިޒަމްގެ ބޭނުމަށް ތަރައްޤީކުރާ ބިން ކަނޑައަޅާނީ އެ ސިޓީ އެއް ނުވަތަ ރަށެއްގެ ކައުންސިލުން ކަމަށެވެ.

އެހެންނަމަވެސް އެ މާއްދާ އަށް ގެންނަ ދެ ވަނަ އިސްލާހެއްގެ ގޮތުގައި ހިމަނާފައި ވަނީ މީހުން ދިރިއުޅޭ ރަށް ނުވަތަ ސިޓީ އެއްގެ އިޙްތިޞާސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓުއަރިޒަމްގެ ބޭނުމަށް ތަރައްޤީ ކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

އެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެއެވެ. އެ މާއްދާ އަށް އިތުރު ކުރާ (ނ)ގައި ބުނެފައި ވަނީ އެ މާއްދާގެ (ށ)ގެ ދަށުން ޓުއަރިޒަމްގެ ބޭނުމަށް ކަނޑައަޅާ ސަރަހައްދުތަކުގައި ތަރައްޤީކުރެވޭނީ ގެސްޓްހައުސް އާއި ޓުއަރިސްޓް ހޮޓެލް ކަމަށެވެ.

އެގާނޫނުގެ 5 ވަނަ މާއްދާ ބުނާ ގޮތުން ނަމަ، ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓުއަރިސްޓް ނުވަތަ އިންޓަގްރޭޓަޑް ޓުއަރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރަށް، ބިން ނުވަތަ ފަޅު ދޫކުރެވޭނީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިޞާދީ ސިޔާސަތާއި އެއްގޮތަށް އިޖްތިމާއީ ސިޔާސަތެއްގެ ދަށުން ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކުގެ މަތިންނެވެ. އެހެންނަމަވެސް ސަރުކާރުން ކަނޑައަޅާ މުހިންމު ސިޔާސަތުގެ ތެރެއިން ސަރުކާރުން ކަނޑައަޅާ މަޝްރޫއާކާ ގުޅިގެން ޓޫރިޒަމް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވޭ ގޮތް ހެދުމަށް ބިލްގައި ހުށަހަޅާފައިވެ އެވެ.

މި ބަދަލުގެ ސަބަބުން ވަކި ސިޔާސަތެއް ބަޔާންކުރުމަކާއި ނުލާ ނުވަތަ ކޮން ބާވަތެއްގެ މަޝްރޫޢު އެއް ކަން ހާމަނުކޮށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ބައެއް މަޝްރޫޢުތަކާއު ގުޅޭ ގޮތުން ރަށްތަކާއި ފަޅުތައް އަދި ބިންތައް ދޫކުރުމަށް ފުރުސަތު ލިބޭނެއެވެ.

ޤާނޫނުއަސާސީ އަށް ދާދިފަހުން ގެނައި އިސްލާހުގައި ރައީސަށް ލިބިފައިވާ ބާރުތަކުގެ ތެރޭގައި ދައުލަތުގެ ސިޔާސަތުތައް ކަނޑައަޅާ އެ ސިޔާސަތުތައް ކަމާއި ގުޅުން ހުރި ފަރާތްތަކަށް އެންގުމާއި، ޤައުމީ ތަރައްޤީގެ ޕްލެނާއި ތަސައްވުރުތައް ކަނޑައެޅުމުގެ ބާރު ވެސް ރައީސަށް ވަނީ ދީފައެވެ.

އެހެންކަމުން ޓުއަރިޒަމް ގާނޫނަށް ގެންނަ އިސްލާހުގައި ބަޔާންކުރާ ސިޔާސަތުތައް ކަނޑައެޅުމުގެ ބާރުވެސް މިހާރު ރައީސަށް ވަނީ ލިބިދީފައެވެ. މިއީ ޓުއަރިޒަމް އާއި ބެހޭ ޤާނޫނަށް މި ސަރުކާރުން އިސްލާހު ގެންނަ ތިން ވަނަ ފަހަރެވެ.

- ކޮމެންޓް