ކ. މާލެ
|
5 ނޮވެންބަރ 2025 | ބުދަ 15:28
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މިޔަރު މަސްވެރިކަން
ރާއްޖޭގައި މިޔަރު ހިފުމަށާއި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް ގޮވާލައި ހުށަހެޅި ގަރާރު ބޭރު ކޮށްލައިފި
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ސަރުކާރުގެ ޕާޓީ ޕީއެންސީއަށް ނިސްބަތްވާ 44 މެންބަރުން ވޯޓު ދެއްވީ ގަރާރު ބޭރު ކޮށްލުމަށް
ޕީއެންސީގެ މެންބަރުން ވަނީ ކަށި މިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމާ އެއްކޮޅަށް ވާހަކަ ދައްކަވާފައި
މިކަމުގެ ސަބަބުން ކަނޑުފަޅަށް އިޔާދަ ނުކުރެވޭ ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ

ރާއްޖޭގައި މިޔަރު ހިފުމަށާއި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް ގޮވާލައި ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ބޭރު ކޮށްލައިފި އެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައި އެ ގަރާރަށް ބަހުސް ކުރުމަށްފަހު ނެގި ވޯޓުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ސަރުކާރުގެ ޕާޓީ ޕީއެންސީއަށް ނިސްބަތްވާ 44 މެންބަރުން ވޯޓު ދެއްވީ ގަރާރު ބޭރު ކޮށްލުމަށެވެ. ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ މެންބަރު އައްބާސްގެ އިތުރުން އެމްޑީޕީގެ ނުވަ މެންބަރުންނެވެ.

މިޔަރު މަސްވެރިކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި ނެގުނު ވޯޓު

މި ގަރާރަށް ބަހުސް ކުރައްވަމުން މެންބަރު އައްބާސް ވިދާޅުވީ ކަށި މިޔަރުގެ މަސްވެރި ކަމަށް ހުއްދަ ދިން ނަމަވެސް ހުރިހާ ވައްތަރެއްގެ މިޔަރު ބާނާނެ ކަމަށާއި، މޮނިޓަރ ނުކުރެވޭނެ ކަމަށެވެ. އަދި ކަނޑުފަޅަށް އިޔާދަ ނުކުރެވޭ ވަރަށް ބޮޑު ގެއްލުމެއް ލިބި، ފަތުރުވެރި ކަމުގެ ރީތި މަންޒިލްތައް ހަލާކުވެދާނެ ކަމަށެވެ.

ނަމަވެސް ޕީއެންސީގެ މެންބަރުން ވަނީ ކަށި މިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމާ އެއްކޮޅަށް ވާހަކަ ދައްކަވާފަ އެވެ. އެކަމުގެ ސަބަބުން ތިމާވެއްޓާ ފަތުރުވެރިކަމުގެ ސިނާއަތެއް އަސަރެއް ނުކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

މެންބަރު އައްބާސް ހުށަހެޅުއްވި މި ގަރާރުގައި ބުނެފައިވަނީ މިޔަރު އާއިލާގެ މަސްތަކަކީ ލަހުން ދަރިމައިވާ އަދި ލަހުން ބޮޑެތިވާ މަސްތަކަކަށްވެފައި އެ ބާވަތުގެ މަސްތަކަކަކީ ވިހާ ފަހަރެއްގައި ވަރަށް މަދުން ވިހާ މަސްތަކަކަށް ވާތީ މިޔަރަކީ ދެ އުމުރުފުރާގެ ދޭތެރެ ދުރު ސްޓޮކުގެ އުފެއްދުންތެރިކަން ދަށް އެއްޗެއް ކަމަށެވެ.

މިޔަރަކީ ކަނޑުގެ ދިރުންތަކާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދިރުމަކަށް ވާއިރު، މިޔަރުގެ މަސްވެރިކަން ހުއްދަ ކޮށްފި ނަމަ، އޭގެ ސަބަބުން ކަނޑުގައި އުޅޭ އެހެން ދިރުންތަކަށް އޭގެ ނުރަނގަޅު އަސަރު ވަރަށް ބޮޑަށް ކޮށް، މަސްވެރިކަމަށް ވެސް ގެއްލުން ލިބިގެންދާނެ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

ހަމައެހެންމެ ކަށިމިޔަރުގެ މަސްވެރިކަމަށް ރާއްޖޭގައި ފުރުސަތު ދިނުމަކީ ކުރު މުއްދަތުގެ އިގްތިސާދީ ކުޑަ މަންފާއެއް ލިބިދާނެ ކަމެއް ކަމުގައި ވީ ނަމަވެސް އެކަމުން ދިގު މުއްދަތުގައި ތިމާވެއްޓަށާއި، ފަތުރުވެރިކަމުގެ ސިނާއަތަށާއި، ރާއްޖޭގެ ބައިނަލްއަގުވާމީ މަގާމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާނެ ކަން މި ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

- ކޮމެންޓް