ކ. މާލެ
|
13 މާރޗް 2025 | ބުރާސްފަތި 16:25
ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) 12 މާރޗް 2025 ވަނަ ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަނީ
ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) 12 މާރޗް 2025 ވަނަ ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަނީ
ރާއްޖެއެމްވީ
އެމްޑީޕީ ކުއްލި އެއްވުން
 ޤާނޫނާއި ޚިލާފަށް މުޒާހަރާކުރި ކަމަށް ބުނެ މާޒް ސަލީމް ފުލުހަށް ހާޒިރުކުރަނީ
އޭނާ ފުލުހަށް ހާޒިރުކުރުމަށް އަންގާފައި ވަނީ 14 މާރޗްވާ ހުކުރު ދުވަހުގެ 16:00 އަށް
އެމްޑީޕީން ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖާ ގުޅިގެން، ފުލުހުން އަންނަނީ ކޮންމެ ރެޔަކު އިހުތިޖާޖުގެ ބައިވެރިންނަށް ހުރަސްއަޅާ ބާރުގެ ބޭނުން ކުރަމުން
މާޒް އަށް ކުރަނީ 12 ވީ ބުދަ ދުވަހުގެ ރޭ މާލޭގައި ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ޚިލާފަށް މުޒާހަރާކުރުމުގެ ތުހުމަތު

 ޤާނޫނާއި ޚިލާފަށް މުޒާހަރާކުރި ކަމަށް ބުނެ ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

އޭނާ ފުލުހަށް ހާޒިރުކުރުމަށް އަންގާފައި ވަނީ 14 މާރޗް ވާ ހުކުރު ދުވަހުގެ 16:00 އަށް، ގަލޮޅު ޕޮލިސް ސްޓޭޝަނަށެވެ. އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާ ފޮނުވި ޗިޓުގައި، އޭނާ ފުލުހަށް ހާޒިރުވެ ބައްދަލުކުރަން ޖެހޭ ފުލުސް އޮފިސަރގެ ތަފްސީލް ހިއްސާކޮށްފައިވެއެވެ. އެ ޗިޓުގައި ބުނާ ގޮތުން އެ ބައްދަލުވުމަށް ހޭދަ ވާނީ އެއް ގަޑި އިރާއި ތިރީސް މިނިޓެވެ.

އެ ޗިޓުގައި ބުނެފައި ވަނީ މާރޗް 12 ވީ ބުދަ ދުވަހުގެ ރޭ މާލޭގައި މާޒް ސަލީމާއި އިތުރު ބަޔަކު ބައިވެރިވެގެން، ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ޚިލާފަށް މާލޭ ސިޓީގެ އެކި މަގުތަކަށް އެއްވެ، އަޑުގަދަކޮށް އާއްމު ދަތުރުފަތުރަށް ހުރަސް އަޅާ އާއްމު މަސްލަހަތު ނަގާލަން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. މާޒް ސަލީމް ފުލުހަށް ހާޒިރުކުރަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އޭނާ އާއި ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށް ވެސް އެ ޗިޓުގައި ވަނީ ބުނެފައެވެ.

މުޒާހަރާއާ ގުޅިގެން ފުލުހުންނަށް ޙާޟިރުވާން މާޒް އަށް އަންގާފައިވާއިރު، މީގެ ކުރިން މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރާއީ ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. އަދި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު ވެސް ފުލުހަށް ހާޒިރު ވުމަށް ވަނީ ޗިޓު ފޮނުވާފައެވެ. ހަމައެހެންމެ ޓެކްސީ ޑްރައިވަރުންގެ ހައްގުތައް ހޯދައި ދިނުމަށް ކުރާ މުޒާހަރާތަކާއި އެމްޑީޕީގެ މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅުއްވާ މުޙައްމަދު ޝާމިނަށް ވެސް ފުލުހަށް ހާޒިރު ވުމަށް ޗިޓް ވަނީ ފޮނުވާފައެވެ.

މި ހުރިހާ ފަރާތްތަށް ވެސް ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓުގައި ކޮށްފައި ވަނީ އެއް ތުހުމަތެކެވެ. މިއީ ބިރު ދެއްކުމަށް ކުރާ ކަމެއް ކަމަށާއި އާއްމުން ފަހަތަށް ނުޖެއްސޭނެ ކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.

އެމްޑީޕީން ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖާ ގުޅިގެން، ފުލުހުން އަންނަނީ ކޮންމެ ރެޔަކު އިހުތިޖާޖުގެ ބައިވެރިންނަށް ހުރަސްއަޅައި، ނުހައްގުން ބާރޔު ބާރުގެ ބޭނުންކޮށް، އެތަކެއް އަނިޔާތަކެއް ދެމުން ކަމަށް އެމްޑީޕީން ބުނެއެވެ.

އާއްމުން ދަނީ މި މުޒާހަރާތަކުގައި ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ގޮވާލަމުންނެވެ. އަދި ބާރުތައް އެއްކުރުމާއި ދެކޮޅަށް އާއްމުން ދަނީ އަޑު އުފުލަމުންނެވެ.

- ކޮމެންޓް