ކ. މާލެ
|
7 މާރޗް 2025 | ހުކުރު 11:04
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު
ރާއްޖެއެމްވީ
ކުންފުނިތައް ހިންގުން ދޯދިޔާ ވުން
ކޯޕަރޭޓް އުސޫލުން ހިނގާ އެއްވެސް ކުންފުންޏެއް މިހާރު ރާއްޖޭގައި ނެތް - އަމްރު
އުސޫލާއި އެއްގޮތަށް ކުންފުނިތައް ނުހިނގުމުން ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ
މިފްކޯ އަށް ބިދޭސީ އަކު އައްޔަން ކުރީ ދިވެއްސަކަށް ދޭނެ މުސާރައަށް ވުރެ ތިން ގުނަ ބޮޑު މުސާރަ އެއްގައި ކަމަށް އަމްރު ވިދާޅުވި
މިފްކޯ އިން މަސްވެރިންނަށް މުސާރަ ވެސް ދެމުން ދަނީ ބީއެމްއެލް އިން ލޯނެއް ނަގައިގެން ކަމަށާއި އެއީ ދެމެހެއްޓެނެވި ގޮތެއް ނޫން ކަމަށް އަމްރު ވިދާޅުވި

ކުންފުނިތައް ހިންގަން ޖެހެނީ ކޯޕަރޭޓް ގަވަރނަންސް އުސޫލުން ކަމަށް ވާއިރު އެ އުސޫލާއި އެއް ގޮތަށް ހިންގާ އެންމެ ކުންފުންޏެއް ވެސް ރާއްޖޭގައި މިހާރު ނެތް ކަމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމްރު ވަނީ ސަރުކާރު ހިއްސާ ވާ ކުންފުނިތައް ހިންގުމަށް އައްޔަންކުރާ މީހުންގެ ޤާބިލްކަން ދަށް ކަމަށް ފާހަގަކުރައްވާ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ހަމައެހެންމެ ކުންފުނިތައް ހިންގުން ވަރަށް ބޮޑަށް ދޯދިޔާވެފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، އުސޫލާއި އެއްގޮތަށް ކުންފުނިތައް ނުހިނގުމުން ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އޭގެ މިސާލެއްގެ ގޮތުން މިފްކޯގެ ވާހަކަ ފާހަގަކުރައްވަމުން އަމްރު ވިދާޅުވީ މި ވެރިކަމުގެ ކުރީކޮޅު، މިފްކޯ އާއި މެދު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި އެ ހިސާބުން މިފްކޯ އަށް ބޭރު މީހަކު ލުން މުހިންމު ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަކާލާތުކުރައްވަން ފެއްޓެވި މަންޒަރު ފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ އެ ކުންފުނި ރަނގަޅަށް ހިންގުމަށް އޮތް ހައްލު ނޫން ކަމަށް ކުރިން ވެސް ފާހަގަކުރަމުން އައިސްފައިވާނެ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ. އަދި މިފްކޯ އަށް ބިދޭސީ އަކު އައްޔަން ކުރީ ދިވެއްސަކަށް ދޭނެ މުސާރައަށް ވުރެ ތިން ގުނަ ބޮޑު މުސާރަ އެއްގައި ކަމަށާއި އޭނާ އަށް މުސާރަ ދެނީ ވެސް ޑޮލަރުން ކަމަށް އަމްރު ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމުގެ ނަތީޖާ ރަނގަޅު ނޫން ކަމަށް އަމްރު ވިދާޅުވިއެވެ.

އަޅުގަނޑު ދެކުނިން އޭނަ ގެނެސްގެން ( މިފްކޯގެ ކުރީގެ ސީއީއޯ) އޭނާ އަށް ޑޮލަރުން މުސާރަ ދެނީ. ދިވެއްސަކަށް ދޭ އަގަށް ވުރެ ދެ ގުނަ ތިން ގުނަ ބޮޑުކޮށް. ރާއްޖެ އަށް އާއިލާ ގެނެސްގެން މުޅިން މިފްކޯގެ ކާރުގައި ހުޅުމާލޭގައި އުޅުނީ އަޅުގަނޑުމެން ދެކުނިން. އަނެއްކާ އޭނާ ވަކިކުރީމަ ކޮންޓްރެކްޓެއް އެބަ އޮތް. ތިން މަސް ނުވެ ހިންގުން ދޯދިޔާ ވެގެން ވަކި ކުރީ. އޭނަ އަށް ގެއްލުމުގެ ބަދަލުވެސް ދޭން އެބަ ޖެހޭ.

އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު

މިފްކޯ އަށް އޭގެ ފަހުން އައްޔަން ކުރެއްވީ ރިޓަޔަރ ކުރައްވާފައިވާ ސިފައިންގެ ބޭފުޅެއް ކަމަށާއި މިހާރު ވެސް އެ ކުންފުނި ހިންގަނީ ރަނގަޅަށް ނޫން ކަމަށް އަމްރު ވިދާޅުވިއެވެ. އެގޮތުން މަސްވެރިންނަށް މުސާރަ ވެސް ދެމުން ދަނީ ބީއެމްއެލް އިން ލޯނެއް ނަގައިގެން ކަމަށާއި އެއީ ދެމެހެއްޓެނެވި ގޮތެއް ނޫން ކަމަށް އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޓީސީސީ ހިންގަމުން ދަނީ ކިރިޔަ ކިރިޔާ ކުރިއަށް ގެންދެވޭ މިންވަރަށް ފައިސާ ހުރެގެން ކަމަށާއި އެ ކުންފުނިވެސް ރަނގަޅަށް ނުހިނގާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެމްޓީސީސީ އަށް އެއްވެސް މަޝްރޫޢު އެއް އަލަށް ހިންގެމުން ނުދާ ކަމަށް ފާހަގަކުރައްވާ އޭނާ ވަނީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ. އެ ކުންފުންޏަށް މިހާރު ލިބެނީ ކުރިން ކުރި މަސައްކަތުގެ ފައިސާ އެކަނި ކަމަށާއި މިހާރު ކުންފުންޏަށް ލިބޭ ފައިސާ އއިން ކިރިޔަ ކިރިޔާ މުސާރަ ދެވެނީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް