ކަރަންޓް އަޕްގްރޭޑް ނުކުރެވި ބ. ކެންދޫއިން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެއްޖެއެވެ.
ކެންދޫއިން ކަރަންޓު ކެނޑޭ މައްސަލައާއި ގުޅިގެން އެރަށުގެ ކައުންސިލްގެ ރައީސް، އިބްރާހިމް އަބްދުއްރަހުމާން، ރާއްޖެއެމްވީ އަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޔަގީންކަން ދެއްވާފައި އޮތީ، ކަރަންޓުގެ ހިދުމަތަށް އެއްވެސް ބުރޫއެއް ނާންނާނެކަމަށާއި، ރަމަޟާން މަހު ބަރާބަރަށް ކަރަންޓް ލިބޭނެ ކަމަށެވެ. ނަމަވެސް ކެންދޫގެ ކަރަންޓުގެ މައްސަލައާއި ގުޅޭގޮތުން ފެނަކައާއި ބައްދަލުކުރުމުން، ރޯދައިގެ ކުރިން މައްސަލަ ހައްލުވާނެކަމަށް ބުނި ނަމަވެސް އާދީއްތަ ދުވަހުގެ ރޭ އެއްކޮށް މުޅި ރަށުން ކަރަންޓް ކެނޑުނު ކަމަށް އަބްދުއްރަހުމާނު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކެންދޫ ކަރަންޓުގެ މައްސަލަ އަޕްގްރޭޑްކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އެރަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މިހާރުވެސް އެ ސާމާނު އެބަހުރި ކަމަށާއި، ނަމަވެސް ރަށުގެ ކަރަންޓު މައްސަލަ ހައްލުނުވެ ރޯދަމަހު ރައްޔިތުން ތިބެންޖެހެނީ އަސާސީ ހިދުމަތަކުން މަހުރޫމުވެފައި ކަމަށެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ އަޕްގްރޭޑްކުރުމުގެ މަސައްކަތް ނުކޮށް ހުއްޓާ ރަމަޟާން މަހާއި ބައްދަލުވެ ގެބިސީތަކުގައި ކަރަންޓް ބޭނުންކުރަން ފެށުމާއެކު ދެ ދުވަސް ވަންދެން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވަމުންދާ ކަމަށެވެ. އާދިއްތަ ދުވަހު އެކަނިވެސް 20 ވަަރަކަށް ފަހަރު ކަރަންޓު ކެނޑުނު ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހުމާނު ވިދާޅުވީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފެނަކައިން ބުނެފައިވާ ކަމަށާއި، މަސައްކަތަށް ބޭނުންވާ އެއްޗެއް ނެތިގެން އެކަން ނުކުރެވޭ ކަަމަށެވެ. އަދި އާންމުން ސުވާލުކޮށްގެން ފެނަަކައިން ރައްޔިތުންނަށް ޖަވާބެއް ނުދޭ ކަމަށާއި، ކައުންސިލުން މައުލޫމާތު ހޯދަން ގުޅާ ހަރުކަށިކޮށް ސުވާލުކުރުމުން އެކަނި ފެނަކައިން ޖަވާބުދޭކަމަށެވެ.
އޭނާ ވިދާޅުވީ ރަށުގެ އިރުމަތީ ފަރާތުން ކަރަންޓު ކެނޑޭތާ އެތައް ދުވަހެއްވެފައިވާ ކަމަށެވެ. އަދި އާދީއްތަ ދުވަހުގެ ގިނަ ވަގުތު އިރުމަތީ ސަރަހައްދަށް ކަރަންޓު ނުލިބޭ ކަމަށާއި، ރަށުގެ އެއްވެސް ހިސާބެއްގައި ކަރަންޓު ނެތި ގަޑިއެއްހާއިރުވިކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި އިރުއޮއްސުނު ފަހުން ރަށުގައި ކަރަންޓު ދެމުންދަނީ އެކި ސަރަހައްދުތަކަށް ކުޑި އިރުކޮޅަކަށް ކަމަށާއި، ކަރަންޓު ލިބޭނެ އިރެއްވެސް ނޭނގޭ ކަމަށެވެ. ނަމަވެސް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެނަކައިން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.