ބ.ތުޅާދޫ ފެނަކައިގެ ވަގުތީ މެނޭޖަރުގެ ގިނަ މައްސަލަތަކެއް ފާހަގަ ކޮށް އޭނާ އާ ބެހޭ ގޮތުން ފެނަކަ އަށް ޕެޓިޝަން ހުށަހެޅި 5 މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.
ވަގުތީ މެނޭޖަރު ހުންނެވީ "ގަދަކޮށް" މަގާމު ގައި ކަމަށް ރަށުގެ މީހަކު މައުލޫމާތު ދެމުން ބުނެފައިވެއެވެ.
މި 5 މުވައްޒަފުންނަށް 14 އޮގަސްޓް ގެ ތާރީޚު ގައި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އާރިފް ސޮއިކޮށް ފެނަކަ އިން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ، "މި ކުންފުނިން ތިޔަ މުއްވަޒަފު އާ ގުޅުން ހުރި މައްސަލަ އެއް ތަހުގީގު ކުރަމުން ދާތީ، މި މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުން...14 އޮގަސްޓް 2025 އިން ފެށިގެން ތިޔަ މުވައްޒަފު 14 ދުވަހުގެ މުއްދަތައް، މުސާރަ ލިބޭ ގޮތައް، ވަގުތީ ގޮތުން އޮފީހުގެ މަސައްކަތައް ނުކުތުން މަނާ ކުރެވިފައިވާ ކަމުގައި ދެންނެވީމެވެ."
ފެނަކައިގެ ބްރާންޗް މެނޭޖަރ އަލީ ނިމާލް އާ ބެހޭ ގޮތުން ހުށަހެޅި ޕެޓިޝަން ގައި 43 މުވައްޒަފުން ސޮއިކޮށްފައި ވެއެވެ.
ބުރާސްފަތި ދުވަހު ސަސްޕެންޑް ކުރި މުވައްޒަފުންނަކީ ޕެޓިޝަންގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވި 5 މުވައްޒަފުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ބުރާސްފަތި ދުވަހު ސަސްޕެންޑް ކުރި 5 މުވައްޒަފުންގެ ތެރެއިން 4 މުވައްޒަފުން ހުސްވި ހަފްތާ ގައި ރައީސް މުއިއްޒު ތުޅާދޫ އަށް ކުރެއްވި ދަތުރުފުޅުގައި މަރުހަބާ ކިޔުމަށް ނުދާ ކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ.
މުވައްޒަފުން ހުށަހެޅި ޕެޓިޝަން ގައި ވަގުތީ މެނޭޖަރު އަލީ ނިމާލް އާ ބެހޭ ގިނަ މައްސަލަ ތަކެއް ވަނީ ފާހަގަ ކޮށްފައެވެ. އޭގެ ތެރޭގައި އޭނާގެ ސަބަބުން ތަނުގެ އާއްމު މަސްލަހަތު ގެއްލި، ވަޒީފާ ގެ ބިރު ދެއްކުމާއި، ތަފާތު ކުރުން ގެންގުޅުމާއި، ކުދިކުދި ކަންކަމުގައި ބައެއް މުވައްޒަފުންނަށް ބޮޑެތި އަދަބުތައް ދިނުމާއި އަނެއް ބައި މުވައްޒަފުން ބޮޑެތި ކުށް ކުރި ކަމުގައި ވިޔަސް އެއްވެސް ފިޔަވަޅެއް ނޭޅުން ފަދަ ކަންކަން ވަނީ ފާހަގަ ކޮށްފައެވެ.
ޕެޓިޝަން ގައި އެދިފައިވަނީ އަލީ ނިމާލް ހިންގުމުން ދުރުކޮށް ދިނުމަށެވެ.