ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ ޖަމިއްޔާއެއް ކަމަށްވާ ވަން މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި މާހެފުމަކަށް ދިން ދަޢުވަތު، ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މަސްޢޫދު އިމާދު ޤަބޫލުނުކުރެއްވިކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.
ރަމަޟާން މަހާ ދިމާކޮށް ބޭއްވި މި މާހެފުމަށް ހައިކޮމިޝަނަރަށް ދަޢުވަތު ދެވުނު ނަމަވެސް، އެ މާހެފުމުގައި ބައިވެރިވުމަށް ވަނީ ދެކޮޅު ހައްދަވާފައެވެ.
މި މާހެފުން އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މެމްބަރެއް ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް ކިޔައިދިން ގޮތުގައި، ހައިކޮމިޝަނަރު މަސްޢޫދު އިމާދުގެ އިތުރުން އެ ކޮމިޝަނުގެ އެއްވެސް މުވައްޒަފަކުވެސް މި މާހެފުމުގައި ބައިވެރިވެފައެއް ނުވެއެވެ.
އޭނާ ކިޔައިދިން ގޮތުގައި އެ ބޭފުޅުން ބާރުއެޅުއްވީ އެ މާހެފުން ހައިކޮމިޝަނުގައި ބޭއްވުމަށް ނުވަތަ ކަލްޗަރަލް ސެންޓަރަށް ބަދަލުކޮށްދެއްވުމަށް ކަމަށާއި ނަމަވެސް ކޮމިޔުނިޓީގެ ބޭފުޅުން ހައިކޮމިޝަނާއި އެހާބޮޑު ގުޅުމެއް ނެތުމުން ރައްޔިތުން އެގޮތަށް އެކަން ކުރަން ބޭނުންފުޅުނުވީ ކަމަށެވެ.
ނަމަވެސް، ކޮމިއުނިޓީގެ ގިނަ ބޭފުޅުން ބޭނުންފުޅުވީ މުޅިން މިނިވަން ތަނެއްގައި މާހެފުން ބޭއްވުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މިފަދަ ހަރަކާތެއް އެގޮތަށް ބޭއްވުމަކީ "އިލީގަލް" ކަމެއް ކަމަށް ހައިކޮމިޝަނަރު ވިދާޅުވި ކަމަށެވެ. ނަމަވެސް، އޭނާ ކިޔައިދިން ގޮތުގައި ވަން މޯލްޑިވްސްއަކީ ސްރީލަންކާގެ ޤާނޫނީ އިމުގެ ތެރެއިން ރަޖިސްޓަރީކޮށްގެން ހިންގާ ޖަމިއްޔާއެއް ކަމުން، މި ކަމުގައި ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނެތެވެ.
އަޅުގަނޑުމެން ހައިކޮމިޝަނަރަށް އެ މާހެފުމަށް ދައުވަތު ކާޑު ހަވާލުކުރެއްރީ ބައްދަލުކޮށްފަ. އެބޭފުޅާގެ އަތްޕުޅަށް ކާޑު ދިނީވެސް. އެހެން ނަމަވެސް ވަރަށް ގިނަ އިރު ވާހަދައްކަވާފަ އަލުން އަނބުރާ ކާޑު ރައްދުކުރީ. ވިދާޅުވީ އެއީ އެގޮތަށް ކުރެވޭނޭ ކަމެއް ނޫން ކަމަށް އަދި އެއީ އިލީގަލް ކަމެއްކަމަށް. އެހެން ނަމަވެސް ވަންމޯލްޑިވްސް މި އޯގަނައިޒެޝަން އަކީ ސްރީލަންކާގައި އޮންނަ އުސޫލުގެ ތެރެއިން، ޤާނޫނީ އިމުގެ ތެރެއިން އުފައްދާފައި އޮތް އޯގަނައިޒޭޝަން އެއް. އެހެން އެ ބޭފުޅުންނަށް ވިދާޅުވެވޭނެ ޖާގައެއް ނޯންނާނެ.
ވަންމޯލްޑިވްސްގެ ފަރާތުން މާ ހެފުން އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި އިސް ފަރާތެއް![]()
މި މާހެފުމުގައި މަދަހަ ކިޔުމާއި ލަވަކިޔުން ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ވަން މޯލްޑިވްސް ލޯންޗްކޮށްފައި ވެއެވެ.
ވަން މޯލްޑިވްސްއަކީ ލަންކާގައި ދިރިއުޅޭ ދިވެހިން ގުޅިގެން އަލަށް އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ.