ސްރީ ލަންކާއަށް ބޭސް ފަރުވާއަށް ދާ ދިވެހީންނަށާއި އެ ގައުމުގައި ކިޔެވުމަށާއި ވަޒީފާ އަދާކުރުމަށް އުޅޭ ދިވެހީންގެ އަނބިން ނުވަތަ ފިރިންނަށް މި މަހުން ފެށިގެން އެއް އަހަރު ދުވަހުގެ ވިސާ ދިނުމަށް އެ ގައުމުން ނިންމާފައި ވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން އަންގާރަ ދުވަހުގެ ރޭ ބުނީ، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދޫކުރާ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ (ލަންކާގެ ރައްޔިތުންނާ ކައިވެނި ކޮށްގެން އުޅޭ ދިވެހިންނަށް) އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް އެ ގައުމުގެ ސަރުކާރުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނިންމާފައިވާ ކަމަށެވެ.
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް މިހާތަނަށް މެޑިކަލް ވިސާ ދޫކުރަމުން އައީ 3-4 މަސް ދުވަހުގެ މުއްދަތަށެވެ. އޭގެ ދަތިތައް ވަރަށް ބޮޑުވުމާ ގުޅިގެން، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ކުރި މަސައްކަތާ އެކު އެ ނިންމުން ބަދަލުކުރީ ކަމަށް ސަފީރު މަސްއޫދު އިމާދު ވިދާޅުވެފައި ވެ އެވެ.
އެ މިނިސްޓްރީން ވަނީ، ވިސާއަށް އެދޭ މީހުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. ޚާއްސަކޮށް، ސެކިއުރިޓީ ކްލިއަރެންސްއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ވަކިން ހާއްސަކޮށް، ސެކިއުރިޓީ ކްލިއަރެންސް އަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް އިލްތިމާސް ކުރަމެވެ. ވިސާ އަށް އެދޭ ފަރާތުގެ ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ އޭގެ ސަބަބުން ވިސާ ބާތިލުވުން ފަދަ ނޭދެވޭ ނަތީޖާއެއް ކުރިމަތިވެދާނެތީ، މިކަމަށް ސަމާލުވުމަށް ސްރީލަންކާ ސަރުކާރުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ފޮރިން މިނިސްޓްރީ![]()
ރާއްޖެއަށް އަންނަ ސްރީ ލަންކާ މީހުންނަށް ވެސް 90 ދުވަހުގެ އޮން އެރައިވަލް ވިސާ މިދިޔަ މަހު ވަނީ ފަށައިފަ އެވެ. އެއީ ވެސް ލަންކާގެ ރައީސް ޑިސަނަޔަކަ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒާ އެކު ކުރެއްވި މަޝްވަރާތަކުގެ ނަތީޖާ ކަމަށް އިމިގްރޭޝަނުން ބުނެފައި ވެ އެވެ.
މި ބަދަލު ގެނައުމުގެ ކުރިން ލަންކާއަށް ދިވެހީން ދިއުމާއެކު 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބެއެވެ. އެއަށްވުރެ ދިގުމުއްދަތަކަށް އެ ގައުމުގައި މަޑުކުރަން ޖެހޭނަަމަ އޮންލައިންކޮށް ވިސާ އިތުރުކޮށްދިނުމަށް އެދެންޖެހެއެވެ.
ލަންކާގެ ރައީސްގެ ދަތުރުފުޅުގެ ތެރެއިން ރާއްޖެއިން ވަނީ، ސްރީލަންކާގެ ރައްޔިތުން ރާއްޖެ އައުމުން ތިން މަސްދުވަހަށް އޮން އެރައިވަލް ވިސާ ދޫކުރަން ނިންމައިފައިވާކަން ވެސް އިއުލާންކޮށްފައެވެ. އެގޮތުން، ލަންކާގެ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ދިނުން މިދިޔަ އަންގާރަ ދުވަހު ފަށައިފައެވެ.
ލަންކާ އަށް ސަލާމަތީ ގޮތުން ނުރައްކަލެއް ކުރިމަތިވެދާނެ ބޭރު ގައުމުތަކުގެ ލިސްޓުން ވެސް ރާއްޖެ ވަނީ މިދިޔަ މަހު ރަސްމީކޮށް އުނިކޮށްފަ އެވެ.
ރާއްޖޭން ލަންކާއާ ސިޔާސީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965 ގައެވެ. އެހެންކަމުން މި އަހަރު ދެ ގައުމުގެ ގުޅުމަށްވަނީ 60 އަހަރު ފުރިފައެވެ.