ސަރުކާރުގެ ބިމެއް ވަގު ލިޔެކިޔުން ތައްޔާރުކޮށްގެން އަމިއްލަ ފަރާތަކަށް ވިއްކާލުމުގެ ތުހުމަތުގައި ހައްޔަރުކުރި ލަންކާގެ ކުރީގެ ސްޓޭޓް މިނިސްޓަރަކު އިތުރަށް ބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ މެޖިސްޓްރޭޓް ކޯޓަކުން ނިންމައިފިއެވެ.
ލަންކާ ގެ އަދަ ދެރާނާ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، މިއަދު ކޯޓަށް ހާޒިރު ކުރެވުނު ޕްރަސަންނަ ރަނަވީރާ އޯގަސްޓް 25 ވަނަ ދުވަހާ ހަމައަށް ބަންދުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
ކިރިބަތުގޮޑާ އިން ސަރުކާރުގެ ބިމެއް ދޮގު ލިޔެކިޔުން ތައްޔާރުކޮށްގެން އަމިއްލަ ފަރާތަކަށް ވިއްކާލުމުގެ މައްސަލައިގައި ކުރީގެ ސްޓޭޓް މިނިސްޓަރުގެ އިތުރު ހަތަރު މީހަކު ވެސް ވަނީ ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ ގޮތުގައި، ސަރުކާރުގެ ބިމެއްކަން އެނގިހުރެ، އެ ބިން އަމިއްލަ ފަރާތަކަށް ވިއްކާލުމަށް ދޮގު ލިޔެކިޔުންތަކެއް ތައްޔާރުކޮށް، މި މުޢާމަލާތް ހިންގާފައިވަނީ ގާނޫނާ ޚިލާފަށެވެ. މި މައްސަލައިގެ ތަޙްޤީޤު ދަނީ ކުރިއަށެވެ.