Advertisement
ކ. މާލެ
|
17 އޯގަސްޓް 2025 | އާދީއްތަ 12:35
ދިވެހި ފުލުހުންގެ ޚިދުމަތުގެ އިމާރާތާއި، ފޮރިން މިނިސްޓްރީގެ އިމާރާތް
ދިވެހި ފުލުހުންގެ ޚިދުމަތުގެ އިމާރާތާއި، ފޮރިން މިނިސްޓްރީގެ އިމާރާތް
ރާއްޖެއެމްވީ
ސްރީލަންކާ-ދިވެހިރާއްޖެ
ލަންކާގައި ދިވެހި ކުޑަ ކުއްޖެއް ރަހީނު ކުރި ކަމަށް ބުނާ މައްސަލަ: ފޮރިން މިނިސްޓްރީގެ ބަހެއް ނެތް، ދިވެހި ފުލުހުން ބުނީ ކުރެވޭނެ ކަމެއް ނެތް ކަމަށް
އެކުއްޖާ ހޯދުމަށް އެކުއްޖާގެ މަންމަ ލަންކާގައި މަސައްކަތް ކުރާތާ 5 ދުވަސް ވަނީ ވެފައި
މި މައްސަލަ ބަލާނީ ލަންކާގެ ފުލުހުން
ދިވެހި ކުއްޖާއަށް އަނިޔާ ކުރާ ކަމަށް މަންމައާ ހަވާލާދީ ވީޑިއޯގައި ބުނެފައިވޭ

ސްރީލަންކާގައި ދިވެހި ކުޑަ ކުއްޖެއް ރަހީނު ކުރި ކަމަށް ބުނާ މައްސަލާގައި ކުރެވޭނެ ކަމެއް ނެތް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ލަންކާގައި އުމުރުން 8 އަހަރުގެ ކުޑަ ކުއްޖެއް ރަހީނުކޮށްފައިވާ ކަމަށް އެކުއްޖާގެ މަންމައާ ހަވާލާދީ ސޯޝަލް މީޑިއާގައި ވަނީ ވީޑީއޯއެއް އާއްމުކޮށްފައެވެ. ޝެހެނާޒް މޫސާ ޓިކްޓޮކްގައި އާއްމުކުރި ވީޑިއޯގައި އެކުއްޖާގެ މަންމައާ ހަވާލީ ބުނެފައިވަނީ ލަންކާ އަންހެނަކާއެކު 8 އަހަރުގެ ކުއްޖާ ލަންކާއަށް ފޮނުވީ ކިޔަވައިދިނުމަށް ކަމަށާއި، އެއީ އެކުއްޖާގެ ދޮން މަންމަ ކަމަށެވެ. އެ އަންހެން މީހާ މީގެ ކުރިން ދިރިއުޅެމުންދިޔައީ މާލޭގައި ކަމަށާއި، ވަރަށް އެކުވެރިކަމާއެކު އުޅުމަށްފަހު ލަންކާއަށް އެ އަންހެންމީހާ ދިރިއުޅުން ބަދަލުކުރީ އެ އަންހެން މީހާގެ އަމިއްލަ ދަރިފުޅަށް ކިޔަވައިދޭން ބޭނުންވާތީ ކަމަށެވެ.

ނަމަވެސް ގާތްގަނޑަށް 2 އަހަރު ދުވަހަށްފަހު، އެ އަންހެން މީހާ ވަރިވި ކަމަށާއި، އޭގެފަހުން ދިވެހި ކުއްޖާއަށް އަނިޔާކުރާކަން އެނގުމާއެކު، ކުއްޖާގެ މަންމަ ލަންކާއަށް ދިޔަ ކަމަށެވެ. ކުއްޖާ އަނބުރާ ރާއްޖެއަށް ގެނައުމަށް އެކުއްޖާގެ މަންމަ އެގެއަށް ގޮސް، އެއްޗެހި ޕެކް ކުރަން ހުއްޓާ ލަންކާ އަންހެން މީހާ، ކުއްޖާގެ މަންމައާ ދަރިފުޅު ކޮޓަރީގައި ބަންދުކުރި ކަމަށާއި، ލަންކާ ފުލުހުން އައިސް މައްސަލަ ބެލި ކަމަށެވެ.

ނަމަވެސް ދިވެހި ކުއްޖާ ލަންކާގައި ކިޔަވައިދިނުމަށް އަދި ވިސާގެ ކަންކަން ހަމަޖައްސައިދިނުމަށް ހަދާފައިވާ އެއްބަސްވުމެއް އޮތުމާއެކު، ކުއްޖާ ނުގެންދެވޭނެ ކަމަށް ބުނެ، ހިފައްޓާފައިވާ ކަމަށެވެ. އެދުވަހުގެ އިރުއޮއްސުނުފަހުން ކުއްޖާ މަންމައަށް އެގެއިން ނުކުމެވުނު ނަމަވެސް އެކުއްޖާ އެގޭގައި ބަންދުވި ކަމަށް ބުނެފައިވެއެވެ. އޭގެފަހުން އެ އެއްބަސްވުން ބާތިލްކޮށް، ލިޔުން ހިފައިގެން ދިޔަ ނަމަވެސް ލަންކާ އަންހެން މީހާގެ ފަރާތުން ދިވެހި ކުއްޖާ، އެކުއްޖާގެ މަންމައާ ހަވާލުކޮށްފައިނުވާ ކަމަށާއި، އެ ކުއްޖާގެ މަންމަ ކުރިމަތިން އެކުއްޖާ ކެންޑީއަށް ވެސް ގެންގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ލަންކާގައި ހުންނަ އެމްބަސީންނާއި، ފުލުހުންގެ ޚިދުމަތަށް މައްސަލަ ހުށަހެޅި ނަމަވެސް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް ބުނެފައިވެއެވެ.

އެކުއްޖާ ހޯދުމަށް އެކުއްޖާގެ މަންމަ ލަންކާގައި މަސައްކަތް ކުރާތާ 5 ދުވަސް ވަނީ ވެފައެވެ.

މިމައްސަލައާ ގުޅިގެން ރާއްޖެއެމްވީން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ، މިފަދަ މައްސަލަތަކުގައި ދިވެހި ފުލުހުންނަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި، މި މައްސަލަ ބަލާނީ ލަންކާގެ ފުލުހުން ކަމަށެވެ.

މިމައްސަލައާ ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ފަރާތުން ވަނީ ބަހެއް ލިބޭ ގޮތް ނުވެފައެވެ.

- ކޮމެންޓް