ކ. މާލެ
|
23 ފެބްރުއަރީ 2025 | އާދީއްތަ 15:12
ރައްޔިތުންގެ މަޖިލީހުގައި ސައުދުﷲ ވާހަކަދައްކަވަނީ
ރައްޔިތުންގެ މަޖިލީހުގައި ސައުދުﷲ ވާހަކަދައްކަވަނީ
ރައްޔިތުންގެ މަޖިލިސް
ސަރުކާރުން ކުންފުނިތަކަށް ފައިސާ ދޫނުކުރުން
ރޯދަ މަހުގެ އިނާޔަތާއި، މުސާރަ ދެވޭނެ ގޮތް ހަދައިދިނުމަށް ސަރުކާރަށް މެންބަރު ސައުދުﷲ ގޮވާލައްވައިފި
މި މައްސަލައަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ
ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ރޯދަ މަހުގެ ކުރިން ވިޔަފާރިތަކަށް ފައިސާ ދިނުމަށް މަސައްކަތް ކުރަންޖެހޭ
މެންބަރު ސައުދަކީ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެއް

ރަމަޟާން މަސް ފެށެން މަދު ދުވަސްކޮޅަކަށްވީއިރު، އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ކުންފުނިތަކުގައި އުޅޭ މުވައްޒަފުންނަށް މުސާރައާއި އިނާޔާތް ދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

މެންބަރު ސައުދު ސޯޝަލް މީޑިއާގައި ހިއްސާކުރަށްވާ ފައިވާ ޕޯސްޓެއްގައި ވިދާޅުވީ މުސްލިމުން ދުވާލު ރޯދަ ހިފާ ބަރަކާތްތެރި ރަމަޟާން މަސް ފެށެން މަދު ދުވަސްކޮޅަކަށްވީއިރު، އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ކުންފުނިތަކުގައި އުޅޭ މުވައްޒަފުންނަށް މުސާރައެއް އަދި ރަމަޟާން އިނާޔަތް ދެވޭނެ ގޮތެއް އަދި ނެތް ކަމަށެވެ.

މެންބަރު ސައުދު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ރޯދަ މަހުގެ ކުރިން ވިޔަފާރިތަކަށް ފައިސާ ދިނުމަށް ދައުލަތުގެ ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރުމަކީ އިންސާނިއްޔަތުގެ ގޮތުން ވެސް އަދި ދީނީ ނަޒަރަކުން ވެސް ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށެވެ. އަދި މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅައި، ފައިސާ ލިބޭނެ ގޮތެއް ހަދައިދިނުމަށް މެންބަރު ސައުދު ވަނީ އާދޭހާއެކު އެދިވަޑައިގެން ފައެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގައި އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދޫކުރަންޖެހޭ ފައިސާ ދޫނުކޮށް ހިފަހައްޓާ މައްސަލަ ވަރަށް ބޮޑެވެ. ފިނޭންސް މިނިސްޓްރީން ފައިސާ ދޫނުކުރާތީ އެކިއެކި ވިޔަފާރިތައް ހިންގާ ކުންފުނިތަކާއި، ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރާ ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ނުލިބި، އަދި މުސާރަ ލިބުމުގައި ލަސްތައް ކުރިމަތިވެ މީގެ ކުރިން އެމުވައްޒަފުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި، ސަރުކާރުގެ ޕާޓީ ޕީއެންސީއަށް ނިސްބަތްވާ މެންބަރު ސައުދަކީ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. މެންބަރު ސައުދުގެ ކުންފުނިން ސަރުކާރުގެ ބައެއް މަޝްރޫއުތަކުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދެއެވެ. އެކުންފުނީގެ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރާއިރު، ބައެއް ދިވެހިން ވެސް އެކުންފުނީ ގައި މަސައްކަތް ކުރެއެވެ.

- ކޮމެންޓް