ރިޓަޔަމެންޓް ޕެންޝަން ސްކީމުން ހައްޖަށް ދާ މީހުންނަށް ފައިސާ ދޫނުކުރާ މައްސަލަ ބޮޑުވެއްޖެއެވެ.
ރާއްޖެއެމްވީއަށް އިތުބާރު ހުރި ފަރާތަކުން ވިދާޅުވީ ރިޓަޔަމެންޓް ޕެންޝަން ސްކީމުން ހައްޖަށް ދާ މީހުންނަށް ފައިސާ ދޫކުރުމަށް އަދިވެސް ހުޅުވާނުލާ ކަމަށާއި، ޕެންޝަން އޮފީހަށް ވެސް އެކަމުގެ ގިނަ ޝަކުވާތައް ލިބެމުންދާ ކަަމަށެވެ.
މިއަހަރު ހައްޖަށް ދިއުމަށް ޖާގަ ކަށަވަރުވެފައިވާ ދެމަފިރިން ރާއްޖެއެމްވީއަށް ބުނީ ހައްޖަށް ދާން ޕެންޝަން ފަންޑުން 80 ނެގޭނެ ކަމަށް ގާނޫނު އިސްލާހުކޮށްފައި އޮތް ނަމަވެސް އެކަމުގައި ޕެންޝަން އޮފީހުން އަމަލުކުރަމުންދަނީ އުދަނގޫ އުސޫލަކުން ކަމަށެވެ. ފައިސާ ދޫކޮށް ދިނުމަށް އެދޭ ކޮންމެ ފަހަރަކު ވެސް ހައްޖަށް ދެވޭނެ ކަމުގެ ޔަގީންކަން ނުވަތަ ޖާގަ ކަށަވަރުވި ކަމުގެ ލިޔުން ދނުމަށް ޕެންޝަން އޮފީހުން އަންގާ ކަމަށެވެ.
ނަމަވެސް ހައްޖު ކޯޕްރޭޝަނުން ޖާގަ ކަށަވަރު ކުރުމަށް ކުރީބައިގައި ވަކި ވަރަކަށް ފައިސާ ދައްކަންޖެހޭ ކަމަށެވެ. އެހެންކަމުން ޖާގަ ކަށަވަރުކުރުމުގެ ގޮތުން އަމިއްލަ އަތުން 52،000 ރުފިޔާ ދައްކާފައިވާ ކަމަށާއި، ބާކީ ނުދެއްކި 17،465 ރުފިޔާ އެބައޮތް ކަމަށެވެ. މިއަހަރު ހައްޖަށް ދިއުމަށް ޖާގަ ކަށަވަރުވެފައިވާތީ އެފައިސާ ދެއްކުމަށް ހައްޖު ކޯޕްރޭޝަނުން އަންގަމުންދާ ކަމަށެވެ. އަދި ޕެންޝަން އޮފީހަށް ދިއުމުން އެ ފައިސާ ދެއްކުމަށް އަދި ހުޅުވާލާފައިނުވާ ކަމަށް ބުނެ، ލަސްކުރަމުންދާ ކަމަށާއި،ފައިސާ ދެކުމުން ނޫނީ ޖާގަ ކަށަވަރު ނުކުރެވޭއިރު، މިއީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް އެމީހާ ބުންޏެވެ.
އެދެމަފިރިން ބުނީ މިމައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީ، ހައްޖު ކޯޕްރޭޝަންގައި އެދުނު ނަމަވެސް މާ ބޮޑު އެއްބާރުލުމެއް ލިބިފައިނުވާ ކަަމަށާއި، އެއީ ޕެންޝަން އޮފީހުން ކުރިއަށް ގެންދަންޖެހޭ މަސައްކަތެއް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ޕެންޝަންއިން ލިބެންޖެހޭ ފައިސާ ނުލިބި ވަރަށް ދަތިވެ އުނދަގޫތައް ކުރިމަތިވާ ކަމަށް އެމީހުން ބުނެފައިވެއެވެ.
ފަރުޟް ހައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން 80 އިންސައްތަ ދޫކުރެވޭގޮތަށް ގާނޫނަށް ގެނައި އިސްލާހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ތަސްތީގު ކުރެއްވީ 5 އޮގަސްޓް 2019 ގައެވެ.
މި އިސްލާހު ތަސްދީގު ކުރެއްވުމާއެކު، ފަރުޟް ހައްޖުގެ އަޅުކަން އަދާކުރުމަށް އެ އަހަރަކު ހައްޖަށް ދިޔުމަށް ދައްކަންޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދަށްވާ ފައިސާގެ 80 އިންސައްތަ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން މިހާރު ދޫކުރެވޭނެއެވެ.
ޙައްޖުވުމަށް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ފަރުޟު ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެތެރެއިން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ބެލެންސްގައި މަދުވެގެން 336،000 (ތިންސަތޭކަ ތިރީސް ހަހާސް) ރުފިޔާ ޖަމާކުރެވިފައިވާ ފަރާތްތަކަށެވެ. އަދި ހައްޖުވުމަށް ޕެންޝަން ސްކީމުގެ މެންބަރުންނަށް ބޭނުންކުރެވެން ހުރި އަދަދު، އެ މެންބަރެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ސްޓޭޓްމަންޓުންނާއި ޕެންޝަން އޮފީހުގެ މޯބައިލް އެޕްލިކޭޝަނުން ބެލޭނެ އިންތިޒާމުވެސް ޕެންޝަން އޮފީހުން އޭރުގައި ވަނީ ހަމަޖައްސާފައެވެ.
ހައްޖަށް ދިއުމަށް ޕެންޝަން ފަންޑުން ފައިސާ ނެގި ބައިވެރިޔަކު އެއްވެސް ސަބަބެއް ދިމާވެ އެ އަހަރަކު ހައްޖަށް ނުދެވިއްޖެނަމަ އެ އަހަރެއްގެ ހައްޖު ދުވަހުގެ ފަހުން 30 ދުވަހުގެ ތެރޭގައި ހައްޖަށް ދާން ލިބުނު ފައިސާ އަނބުރާ ޕެންޝަން އޮފީހަށް ރައްދު ކުރަން ވާނެކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.
ޕެންޝަން ފަންޑު މެދުވެރިކޮށް ހައްޖަށް މީހުން ގެންދިއުމާ ގުޅޭގޮތުން އެކުލަވާލި އުސޫލުގައިވާ ގޮތުން ހައްޖަށް ދާން އެއަހަރަކު އެދޭ ހުރިހާ އެންމެނަށް ފައިސާ ދޫކުރަންޖެހޭނެއެވެ. އަދި އެ ފައިސާ ދޫކުރާނީ ހައްޖަށް ގެންދާކަމުގެ ލިޔުމެއް ލިބުމުންނެވެ. ނަމަވެސް މި ލިޔުން ދެއްކުމުން ވެސް ސިޓީއާއެކު ހުށަހެޅި ނަމަވެސް ފައިސާ ދޫނުކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ.
މި މައްސަލައާ ގުޅިގެން ޕެންޝަން އޮފީހުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.