ޔުކްރެއިންގެ ހަނގުރާމަ ނިންމުމަށް މަޝްވަރާގެ ވާހަކަ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ ދައްކަވާއިރު އޭނާގެ އަތްބައިގައި "ކާޑެއް ނެތް" ކަމަށް ފޮކްސް ނިއުސްއަށް ދެއްވި ރޭޑިއޯ އިންޓަވިއު އެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ބަހުގެ ހޫނު ހަމަލާތައް ޒެލެންސްކީ އާއި ޓްރަމްޕް އާ ދެމެދު ބަދަލު ކުރެވިފައިވާ ދަނޑިވަޅެއްގައި، ޓްރަމްޕް އިތުރަށް ވިދާޅުވެފައިވަނީ، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ބޭނުންފުޅު ވާނަމަ، "އޭނާ އަށް މުޅި ޔުކްރެއިން ލިބިވަޑައި ގަންނަވާނެ" ކަމަށެވެ.
ނަމަވެސް ރަޝިޔާ-ޔުކްރެއިން އަށް ޓްރަމްޕް ކަނޑައަޅުއްވާފައިވާ ޚާއްސަ ސަފީރު ކީތް ކެލޮގް ވަނީ ޒެލެންސްކީ އާ ބައްދަލު ކުރެއްވުމަށްފަހު ޒެލެންސްކީ އަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވާފައެވެ.
"ހަނގުރާމައިގައިވާ ޤައުމެއްގެ ހިތްވަރުގަދަ ލީޑަރެއް" ގެ ގޮތުގައި ކެލޮކް ވަނީ ޒެލެންސްކީ ސިފަ ކުރައްވާފައެވެ.
މިއީ ޓްރަމްޕްގެ ހަރުކަށި ވާހަކަފުޅުތަކާ ވަރަށް ތަފާތު ބަހުރުވައެއްކަން ފާހަގަ ކުރެވެއެވެ.
އަނެއްކޮޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ޕުޓިންއާ ދެމެދު ބައްދަލުވުމެއް ބޭއްވުން "ބޮޑަށް ބިނާވާނީ ޔުކްރެއިންގެ ހަނގުރާމަ ނިންމުމަށް ލިބޭ ކުރިއެރުމެއްގެ މައްޗަށް" ކަމަށް އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ބުރާސްފަތި ދުވަހު ވިދާޅުވިއެވެ.
ރޫބިއޯ ވިދާޅުވީ އޭނާ އަންގާރަ ދުވަހު ސަޢޫދީ އަރަބިއްޔާ ގައި ރަޝިޔާގެ ފޮރިން މިނިސްޓަރ ސަރގޭ ލަވްރޮވްއާ ބައްދަލުކުރެއްވި އިރު މިފަދަ ބައްދަލުވުމަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ލަވްރޮވް އާއި ރަޝިޔާގެ އޮފިޝަލުންނަށް "ބައްދަލުވުމުގެ މަޤްޞަދަކީ ކޮބައިކަން ސާފުވުމުން ނޫނީ ބައްދަލުވުމެއް ނުބޭއްވޭނެ" ކަމަށް ދެންނެވި ކަމަށެވެ.
"މިފަދަ ބައްދަލުވުންތައް އާންމުކޮށް ބާއްވަނީ ކޮންމެވެސް ނަތީޖާއެއް ނުވަތަ ކުރިއެރުމެއް ލިބޭނެކަން އެނގުމަށްފަހު" ކަމަށް ރޫބިއޯ އެކްސް އިން ބްރޮޑްކާސްޓް ކުރި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.