ސަރުކާރުން އިންތިޚާބުތައް ކާމިޔާބު ކުރަނީ ކަޅު ފައިސާ ބަހައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ އެމްޑިޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރަށްރަށުގައި ވާ ވައުދުތައް ފުއްދަން ކިރިޔާ ވެސް މަސައްކަތް ކުރަނީ އަނެއްކާވެސް އެ ރަށަކަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަޑައިގަންނަވަން ވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ވަރަށް އަވަހަރަށް ފުވައްމުލައް ސިޓީ އަށް ރައީސް ޑރ.މުއިއްޒު ވަޑައިގަންނަވާ ކަަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، ރައީސް ވަޑައިގަތުމުގެ ކުރިއަށް އެ ސިޓީ އަށް ހޮޅިތަކެއް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހޮޅިތަކަކީ ފުވައްމުލަކުގެ މަގު ހެދުމުގެ ދެ ވަނަ ފޭސްގެ މަސައްކަތަށް ބޭނުންވާ ހޮޅިތައް ކަމަށް ވާއިރު މީގެ ކުރިން އެ ސިޓީ އަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގެ މަގު ހެދުމުގެ މަޝްރޫޢު އިފްތިތާހުކޮށްދެއްވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ކޮންމެ ފަހަރަކު ވެސް މަސައްކަތް ކުރަނީ ރައީސް އެ ސިޓީ އަށް ވަޑައިގަންނަވާ ދުވަސްވަރާއި ގާތްކޮށްފައި ކަން ފާހަގަކުރެވޭ ކަމަށް ކުރީގެ މެމްބަރު ވިދާޅުވިއެވެ. ހުސެއިން މުހައްމަދު ދީދީ ވިދާޅުވީ މި ދާ ރޭޓުގައި މަސައްކަތްތައް ދާ ނަމަ މި ދައުރު ނިމޭ އިރު ވެސް ފުވައްމުލަކުގެ މަގުގެ މަސައްކަތް ނުނިމޭނެ ކަމަށެވެ.
ރައީސް ދަތުރުކުރަން އެބަ ޖެހޭ ގިނަ ގިނައިން. ނޫނި އެތަނަށް ބޭނުންވާ ހޮޅި އެއްފަހަރު. އަނެއް ފަހަރު ސިމެންތި މިހެން ދާނީ. މި ދާ ރޭޓުގަ ދަންޏާ އެއްކަމެއް ނުކޮށް ނިމިގެން ދާނީ ދައުރުވެސް. ރަށަށް ގޮސްފަ މިއައީ. އެމްޑީޕީ ސަރުކާރުގަ ކުރި ކަމެއް ނޫން އެއްވެސް ކަމެއް ނުވޭ. އެއަރޕޯޓާ، ބަނދަރާ، މަގު ހެދުމުގެ ރިޔާސީ ވައުދުވި. އަޅުގަނޑު ހިތަށް އަރަނީ ލަދެއް ހަޔާތެއް ނެތީތޯއޭ.
ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ![]()
މިހާރުގެ ރައީސަށް ތާއީދެއް ނެތް ކަމަށާއި މިހާރު އާއްމުން ބޭނުންވަނީ ވެރިކަމުން މުއިއްޒު ބާލަން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ ރައްޔިތުންނަށް ފައިދާ ވާ ގޮތަށް މި ސަރުކާރަށް ކުރެވޭ އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ. ވާނުވާ ނޭނގޭ ގަމާރު ކެބިނެޓަކާއި ގައުމު ހަވާލުކޮށްގެން ތިބެވެން ނެތް ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒު އަށް ވެސް ކަންކަން ކުރަންވާ ގޮތް ނެނގޭ ކަމަށާއި މިއީ ސިޔާސަތެއް ނެތް ސަރުކާރެއް ކަމަށް އޭނާ ވިދާޅުވި އެވެ.