ރިޔާސީ ބަޔާނުގެ ވާހަކަ ދައްކާއިރު ދެއްކި ވާހަކައަކީ ސަރުކާރަށް ކުރިމަތިވެފައި ހުރި ހުރިހާ ބޮޑެތި މައްސަލަތަކުގެ ވާހަކަ. ރައްޔިތުން މިއަންނަނީ ބޮޑެތި މައްސަލަތައް އަޑުއަހާކަށް ނޫން. ރައްޔިތުން ބޭނުންވަނީ މުއިއްޒު ރައްޔިތުންގެ އަރިހަށް ވަޑައިގެންނެވިއިރު، އެ ގެެނެސްދެއްވި ގޮތަށް މައްސަލަތަކަށް ހައްލު. ހަމަވެދާނެ ހަމަ ހަގީގަތުގައި ވެސް ހުރިހާ މައްސަލަތަކުގެ ހައްލު ތިމަންނަ އަތުގައި އެބަހުއްޓޭ ވިދާޅުވި ކަމަށް. އެކަންތައްތައް ކޮށްދޭނަމޭ. އެއްއަހަރު ވެގެންދިޔައިރު އެކަންކަން ނުވެ ދިޔައީ. އަދިވެސް މިދައްކަނީ އަލިފްލައިލާ ވާހަކަ މިކިޔާދޭން. މިދައްކަނީ އޭރު އެހެން އޮތް ވާހަކަ. ދެން މިހާރު ވެސް މިބުނަނީ އަދިވެސް ކަމެއް ނުކުރެވިގެން މިއުޚެނީ އޭރު ކަންތައްތައް ހުރި ގޮތުންނޭ. ބަޖެޓުން ވެސް ކަމެއް ނުކުރެވޭ އެމްޑީޕީން ބަޖެޓް ދަތިކޮށްފައޭ. އެކަމަކު މިދިޔަ އަހަރުގެ ބަޖެޓަކީ ވެސް މި ބޭފުޅުން ފާސްކުރި ބަޖެޓެއް.
ކުރީގެ ރައީސް އަބްދުﷲ ޔާމީން![]()
ރާއްޖޭގެ ކުރިމަގަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަދިވެސް ދައްކަވަމުންދަނީ ''އަލިފްލައިލާ'' ވާހަކަތައް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ޕީއެންއެފް ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ޔާމީން ވިދާޅުވީ ކެންޕޭން ދުވަސްވަރު ރައީސް މުއިއްޒު ރައްޔިތުންގެ ގާތަށް ވަޑައިގެން، ގައުމުގައި ހުރި މައްސަލަތަކުގެ ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ. ނަމަވެސް އެއްއަހަރު ވެގެންދިޔައިރު ވެސް އެއްވެސް ކަމެއް ނުވާ ކަމަށާއި، އަދިވެސް ރައީސް މުއިއްޒު ދައްކަވަމުން ދަނީ ސަރުކާރަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ވާހަކަތައް ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުން ނުކުމެ ރައީސް މުއިއްޒު ވެރިކަމަށް އިންތިޚާބު ކުރީ މައްސަލަތަކުގެ އަޑު އަހަން ނޫން ކަމަށެވެ.
ރިޔާސީ ބަޔާނަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ އަދިވެސް ރައީސް މުއިއްޒު ދައްކަވަމުންދަނީ އަލިފްލައިލާގެ ވާހަކަތައް ކަމަށާއި، ރިޔާސީ ބަޔާނުން އެއްވެސް އުންމީދެއް ނުލިބޭ ކަމަށެވެ. އަދި ސަރުކާރަށް އެއްއަހަރަށް ވުރެ ގިނަ ދުވަސްވެގެންދިޔައިރު ފާސްކުރި ބަޖެޓުން ވީ ކަމެއް ނެތް ކަމަށާއި، ބަޖެޓު ހުސްވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ މިގައުމު ނުދަރާ ދަރަނިން ސަލާމަތްކުރި ކަމަށް މިސަރުކާރުގެ ބޭފުޅުން ވިދާޅުވާއިރު، ނުދަރާގޮތް ކިޔާދޭންޖެހޭ ކަމަށާއި، ދަރަނި މާނަކުރާ ގޮތް ބުނެދޭން ޖެހޭ ކަމަށެވެ. އަދި ޗައިނާއަށް އިންޑިއާއަށް ދައްކަން ޖެހޭ ފައިސާ ކޮބައިތޯ ޔާމީން ސުވާލު އުފެއްދެވިއެވެ.
ޔާމީން ވަނީ ރައްޔިތުންނަށް ދަތިވެފައި ހުރި ކަންތައްތަކުގައި މިސަރުކާރުގެ ވިޝަންއާ ގުޅޭގޮތުން ސުވާލު އުފައްދާފައެވެ. އަދި ވިދާޅުވީ ގައުމު ގެންދާ މިސްރާބު ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށެވެ.