މި ސަރުކާރުގެ ކަންކަން ދާ ގޮތުން ފެންނަނީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އުނބަށް ޖަހަމުންދާތަން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިފަދައިން ވިދާޅުވީ އަންގާރަ ދުވަހު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އަމީރު ވިދާޅުވީ، ފެންނަނީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް މި ސަރުކާރުން އުނބަށް ޖަހަމުންދާތަން ކަމަށާއި މި އަހަރުގެ ބަޖެޓު ޕްލޭނާ އެއްގޮތަށް މި ސަރުކާރުން ކަންކަން ކުރާ ތަން ނުފެންނަ ކަމަށެވެ.
އަމީރު ފާހަގަކުރެއްވި ގޮތިގައި މި އަހަރުގެ ބަޖެޓުގައި ޚަރަދު ކުޑަކުުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އޮތީ އަސާސީ ޕެންޝަން ހަމައެކަނި ހައްގުވެރިންނަށް ދިނުމަށާއި ރައްޔިތަކަށް ލިބޭ ސަބްސިޑީއާއި ޕެންޝަންގެ ރިފޯމްތައް ގެންނާނެ ވާހަކައެވެ. އެހެން ނަމަވެސް ފެނިގެން ދަނީ ސަރުކާރުގެ އިސްބޭފުޅުންނާއި ރައީސް މުއިއްޒުގެ ވާޙަކަފުޅުތައް މުޅިން އެހެން މިސްރާބަކަށް ބަދަލުވެފައިވާތަން ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ސަބްސިޑީތައް މިހާރަށް ވުރެ ބޮޑުކޮށްދޭނެކަމަށާއި އެއްވެސް ރައްޔިތަކަށް ލިބޭ ސަބްސިޑީ، އާސަންދަ އަދި ޕެންޝަން ނުކަނޑާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ކަމަށެވެ. އެހެން ނަމަވެސް ފެނިގެން ދަނީ ދިމާއިދިކޮޅަށް ކަންކަން ކުރައްވަމުންދާތަން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެތެރޭގައި ސަބްސިޑީތައް ކުޑަކޮށް މިހާރަށް ވުރެ ބޮޑުކޮށްދޭން ރައީސްގެ ވައުދު އެބައާދޭ. އެއްވެސް ރައްޔިތަކަށް ލިބޭ ސަބްސިޑީ، އާސަންދަ. އަދި ޕެންޝަނެއް ނުކަނޑާނެ ވާހަކަ އެބަ އާދޭ.ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު![]()
މީގެ އިތުރުން އަމީރު ވިދާޅުވީ މި ސަރުކާރުން ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން 7.7 ބިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ލަފާކުރި ނަމަވެސް ޚަރަދު ކުޑަ ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކަށް ނަގާ މުވައްޒަފުންނާއި ސިޔާސީ މީހުން އިތުރުވަމުން އަންނައިރު، 7.7 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ އެއްވެސް ގޮތެއް މި ސަރުކާރަށް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފެންނަމުން ދަނީ މި ސަރުކާރަށް މިހާރު ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ތަން ކަމަށާއި ފެންނަ ފެނުމުން ދަތުރުފަތުރާއި އިދާރީ ހިންގުމާއި ސިޔާސީ މަގާމުތަކަށް ކުރާ ޚަރަދުތައް ބަޖެޓުގައި ހުރި މިންވަރަށް ވުރެ އިތުރަށް ކުރާނެކަމަށް ލަފާކުރެވޭ ކަމަށް އަމީރު ވިދާޅުވިއެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ނިންމެވީ މިދިއަ އަހަރުގެ ތެރޭގައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަދި ޚާއްސަކޮށް ރިކަރަންޓް ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަމަށެވެ.