ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރުގެ މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.
ރާއްޖެއެމްވީއަށް އިތުބާރު ހުރި ފަރާތަކުން ވިދާޅުވީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަމުންދަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަދި ފުލުހުން ކަމަށެވެ. އަދި ތަހުގީގު ކުރަމުންދަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މި މައްސަލާގައި ފުލުހުން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ބަޔާން ވެސް ނަގާފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. އަދި ޖޭއެސްސީއާ ސުވާލުކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ އެކޮމިޝަންގެ ޕޮލިސީ އޮންނަ ގޮތުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ މައުލޫމާތު ހާމަނުކުރާ ކަމަށާއި، ސުލޫކީ މައްސަލައެއް ސާބިތުވެއްޖެނަމަ އެކަން ހާމަކުރާނެ ކަމަށެވެ.
ސުޕްރީމްކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަން ފަށާފައިވަނީ މިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިހާބުވާއިރު ނިސްބަތްވާ ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ސިޔާސީ ޕާޓީއަކުން މަޖިލިސް މެންބަރަކު ވަކިކޮށްފި ނަމަ، މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މި މަހަށް ތާވަލުކޮށްފައި ވަނިކޮށެވެ. އަދި ސަރުކާރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރާ ކަމަށް އިތުބާރު ހުރި ގޮތަކުން މައުލޫމާތު ލިބިފައިވާ ކަމަށް އެ މައްސަލަ ހުށަހެޅުއްވި އަލީ ހުސައިން ވެސް ވިދާޅުވެފައިވެއެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނައި މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނީ 17 ފެބްރުއަރީ 2025ގެ ހެނދުނު 11:00 އަށެވެ.
މި މައްސަލަ ބައްލަވާނީ ހަތް ފަނޑިޔާރުންގެ ބެންޗުންނެވެ. ރިޔާސަތު ބަލަހައްޓަވާނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އެވެ.
އެ މައްސަލައިގައި ބުނެފައި ވަނީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހު ގާނޫނުއަސާސީ އަށް ގެނެސްފައިވަނީ ގާނޫނު އަސާސީގެ 4 ވަނަ، 8 ވަނަ، 26، 75، އަދި 90 ވަނަ މާއްސާއާ ހިލާފަށް ކަމަށެވެ. އަދި އެ ބަދަލަކީ ސީދާ ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފަށް ގެނެސްފައިވާ ބަދަލެއް ކަމަށެވެ.