އެސްޓީއޯގެ ފާމަސީތަކުން ބައެއް ބޭސްތައް ނުލިބި، ބޭސް ލިބުން ފަދަ އަސާސީ ހިދުމަތަކަށް މިފަދަ ލޮޅުން އަރައިގެން އުޅޭ ސަބަބު މިހާރުން މިހާރަށް ބަލާ، އެކަމަށް އަވަސް ހައްލެއް ހޯއްދަވާދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ގޮވާލައްވައިފިއެވެ.
އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ އަށް އެޑްރެސްކުރައްވާ އޭނާ ފޮނުވާފައިވާ އެ ސިޓީގައި ވަނީ އާސަންދައިގެ ދަށުން ނުލިބޭ ބޭސް އެސްޓީއޯ ބޭސްފިހާރަތަކުންވެސް ނުލިބޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި ފަހަކަށް އައިސް ޑޮކްޓަރުން ބޭސް ލިޔެދެއްވާއިރު، ސިޓީގައި ހިމަނާ ބޭސް، އަމިއްލަ ފާމަސީ ތަކުން، އާސަންދައިގެ ދަށުން ނުލިބޭ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެބޭސް، އެސްޓީއޯ އިންވެސް ނުލިބޭ މައްސަލަ ފާހަގަވަމުންދާ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުޙައްމަދު އިބްރާހިމް ވަނީ އެންމެ ބޮޑަށް ކަންބޮޑު ވަނީ ބައެއް ބާވަތުގެ ބޭސް އެއްގޮތަކަށްވެސް ރާއްޖޭން ނުލިބޭތީ ކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނާއި އަދި ދިގުމުއްދަތަށް ބޭސް ނަގަމުންދާ ފަރާތްތަކަށް ބޭނުންވާ ބޭސް ނުލިބުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވެފައެވެ. ޑޮކްޓަރު ލިޔެދެއްވާ ބޭހުގެ ޑޯޒޭޖު ހަމައަށް ނުލިބުމުގެ މައްސަލަވެސް މިހާރު މިވަނީ އާއްމުވެފަ ކަމަށް ފާހަގަކުރައްވާ އޭނާ ވަނީ އެ މައްސަލަ ހައްލުކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
މީގެ އިތުރުން ދާއިމީގޮތެއްގައި ބޭސްކާންޖެހޭ މީހުންގެ ތެރެއިން ހަކުރުބަލި، ކެންސަރ އަދި ލޭގެ ޕްރެޝަރ ފަދަ ބަލިތަކަށް ބޭނުންވާ ބޭހަކީ އެލިބޭނޭގޮތް އަބަދުވެސް ކަށަވަރުވާން ޖެހޭ ބޭސްތައް ކަމަށް އޭނާ ވިދާޅުވިއެވެ.
އެސްޓީއޯގެ ފާމަސީތަކުން ބޭސް ނުލިބި، ބޭސް ސިޓީތަކާއިގެން އެތައް ފާމަސީއަކަށް ދާންޖެހޭ ހާލަތަކަށް ކަންތައްތައް ވެއްޓިފައިވާކަމަށް ރައްޔިތުން އަންނަނީ ބުނަމުންނެވެ. އަދި މިކަމާ ގުޅޭގޮތުން ހިޔާލު ފާޅުކުރަމުންދާ ފަރާތްތަކުން ދަނީ އެސްޓީއޯގެ ފާމަސީތަކުން ބޭސް ނުލިބުމުގެ މައްސަލަ އާއްމު ވަމުންދާކަމުގެ ކަންބޮޑުވުން ހިއްސާކުރަމުންނެވެ.