ކ. މާލެ
|
9 ޖޫން 2025 | ހޯމަ 13:22
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު
އެސްޓީއޯ
ބޭސް ނުލިބޭ މައްސަލަ
ބޭސް ނުލިބުމަކީ އާއްމު ދިރިއުޅުމުގެ ބައެއް: އަމްރު
ބޭސް ފިހާރައަށް ދިއުމުން ބޭސް ނުލިބިގެން އެކަމުގެ ޝަކުވާ ނުކުރާ ރައްޔިތަކާ ދިމާނުވޭ
މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުން ވެސް ބޭސް ނުލިބޭ
ބޭސް ނުލިބުމަކީ މުޖުތަމައުއެއްގައި ވެގެންވާނެ ކަމެއް ނޫން

ބޭސް ނުލިބުން އެއީ މިހާރު އާއްމު ދިރިއުޅުމުގެ ބަޔަކަށްވެފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އަމްރު ވިދާޅުވީ ބޭސް ނުލިބޭ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށާއި، ބޭސް ފިހާރައަށް ދިއުމުން ބޭސް ނުލިބިގެން އެކަމުގެ ޝަކުވާ ނުކުރާ ރައްޔިތަކާ ދިމާނުވާ ކަމަށެވެ. އަދި ވިދާޅުވީ މިސަރުކާރާއެކު ބޭސް ނުލިބުން އެއީ މިހާރު އާއްމު ދިރިއުޅުމުގެ ބަޔަކަށް ބަދަލުވެފައިވާ ކަމެއް ކަމަށެވެ.

އަމްރު ވިދާޅުވީ މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުން ވެސް ބޭސް ނުލިބޭ ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުމާއި، ޝަކުވާ އާއްމު ރައްޔިތުން އިންތިހާއަށް ކުރަމުންދާ ކަމަށެވެ.

އަމްރު ވިދާޅުވީ ބޭސް ސިޓީގައި ތިން ބޭސް ނުވަތަ ހަތަރު ބޭސް ލިޔެފައިވާނަމަ ލިބޭނީ އެންމެ ބޭހެއް ނުވަތަ ދެ ބޭސް ކަމަށެވެ. ހުރިހާ ބޭހެއް ލިބޭނެ ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ ބޭސް ނުލިބުމަކީ މުޖުތަމައުއެއްގައި ވެގެންވާނެ ކަމެއް ނޫން ކަމަށާއި، ބޭސް ނުކައި ބަލި މީހުން ރަނގަޅުނުވާނެ ކަމަށެވެ. އެއީ ގައުމެއްގައި ހުންނަންޖެހޭ އެއްޗެއް ކަމަށާއި، ރާއްޖެ ކަހަލަ ތަނަވަސް ގައުމަކުން ބޭސް ނުލިބުން މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭސް ނުލިބުމަކީ މިހާރު އާއްމު ދިރިއުޅުމުގެ ބަޔަކަށް ވެއްޖެ. މިސާލަކަށް އަޅުގަނޑު. އަޅުގަނޑަށް ހަމަ ދިމާވޭ ކުޑަ މީހާއަށް ބޭސް ގަންނަންދާއިރުގައި މިދަނީ އާދައިގެ ވަރަށް ކުޑަ ރޯގާ ބޭސް ނޫނިއްޔާ އެލާޖިކް ބޭހެއް ގަންނަން. ދިޔާމަ އެއެއް ނުލިބޭ. ޑޮކްޓަރު މިލިޔެދެނީ ކުޑަކުދިންނަށް ދޭ ބޭސް. ލިޔެ ދިނީމަ އެހިފައިގެން މުޅި މާލޭގައި ހުރި ހުރިހާ ފާމަސީތަކަކަށް ދުއްވައިގެން ނުލިބުނީމަ އަނެއްކާ އަނބުރާ ޑޮކްޓަރު ކައިރިއަށް މިދަނީ. ދިޔާމަ ޑޮކްޓަރު ދެން މިލިޔެދޭންޖެހެނީ ބޮޑު މީހުންނަށް ކާންދޭ ބޭހެއް. 5 އަހަރުގެ ކުޑަ ކުއްޖަކަށް. ދެން ބުނަނީ އެ ކުޑަ ބޭސްގުޅަ އަނެއްކާ ދެފަޅިއަށް ފަޅާލައިގެން އެ ބޭސް ގުޅަ އެފަޅި ގެންގޮސް 10 އެމްއެލްގެ ފެންކޮޅަކަށްލައި ގިރުވާލައިގެން 5 އެމްއެލް ބޯންދޭށޭ. މިއީ ނޫން ދިވެހިރާއްޖޭގެ ރައްޔިތުންނަށް އޮތް ހާލަކީ.

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

އަމްރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ބޭސް ލިބުމުގައި ދަތިވެގެންދިޔައީ މިސަރުކާރުގެ ނާގާބިލް ކަމުގެ ސަބަބުން ކަމަށެވެ. ވިޔަފާރިވެރިން ކުށްވެރި ކުރި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ބޭސް ވިއްކުމުގައި ވިޔަފާރިވެރިން މާ ބޮޑު ފައިދާއެއް ލާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަންކަން ސާފުވެ ހާމަވެގެންދާނީ ވިޔަފާރިންނާ މަޝްވަރާ ކޮށްގެން ކަމަށާއި، މިމައްސަލާގައި ވިޔާފާރިވެރިންނާ ސަރުކާރުން އެއްވެސް ގޮތަކަށް މަޝްވަރާ ކޮށްފައިނުވާ ކަމަށް އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ ވިޔަފާރިވެރިން ވެސް ގެއްލުން ވާ ގޮތަކަށް ވިޔަފާރި ނުކުރާނެ ކަމަށާއި، މިކަމުގައި މަޝްވަރާ އިސްކުރި ނަމަވެސް ރައްޔިތުންނަށް ދަތިނުވެ، ރައްޔިތުންގެ ބޭސް ލިބޭނެ ކަމަށެވެ.

ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ބޭސް ގެންނަ ވިޔަފާރިވެރިންނަކީ މެޑިކަލް މާފިޔާގެ ގޮތުގައި ސިފަކުރައްވައި އެ ވިޔަފާރިވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވާހަކަ ދައްކަވާފައެވެ.

- ކޮމެންޓް