ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގައި އާސަންދައިން ލިބޭ ބޭސްތައް ނުލިބޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ދާއިމީ ބަލިތަކަށް ބޭސްކާ މީހުންގެ ބޭސްތައް ވެސް ނުލިބި ޝަކުވާ ބޮޑުވެފައިވެ އެވެ.
މިމައްސަލައާ ގުޅިގެން 24 ފެބްރުއަރީ 2025 ގައި ދ.މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މެޑިކަލް މާފިޔާއަށް ބޭސްތައް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ބޭސް ލިބުން ދަތިވެފައިވާ ސަބަބަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ބޭހުގެ އަގު ދަށްކުރުމުން ސަރުކާރަށް ދަތިކުރުމުގެ ބޭނުމުގައި ވިޔަފާރިވެރިން އެ ބޭސް އެތެރެ ކުރުން ހުއްޓާލި ކަމަށާއި، ރައްޔިތުންގެ ޓެކްސް ފައިސާއިން، އާސަންދައިގެ ތެރެއިން، %1000 ނުވަތަ %2000 ފައިދާ ވިޔަފާރިވެރިން ނަގަމުން ދިޔަ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ބޭހުގެ މައްސަލަ ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީގެ އެހީތެރިކަމާއެކު، އެސްޓީއޯއިން އެ ހުރިހާ ބޭހެއް އެތެރެ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އޭޕްރީލް މަހުގެ 15އާ ހަމައަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އެސެންޝަލް މެޑިކަލް ލިސްޓުގައި ހުރި ހުރިހާ ބޭހެއް އެސްޓީއޯއިން ގެންނާނެ ކަމަށާއި، އެހެން ހުރިހާ ބޭހެއް ވެސް، 15 އޭޕްރީލްގެ ފަހުން އެސްޓީއޯގެ ބޭސް ފިހާރަތަކުން ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް މިތާރީހު ފަހަނައަޅައި ގޮސްފައިވާއިރު، އަދިވެސް ބޭހެއް ނުލިބެ އެވެ.
މި މައްސަލައާ ގުޅޭގޮތުން 10 އޭޕްރީލް 2025 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ރާއްޖޭގައި ބޭސް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ގެނައުމަށް ކުރާ މަސައްކަތުގެ ނަތީޖާ މިހާރު ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށެވެ. ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލު ކުރުމަށް އެސްޓީއޯގެ ބޭސް ސަޕްލައި އިތުރު ކުރުމަށް އެސްޓީއޯގެ ނިޒާމު ވަރުގަދަކޮށް، ބޭހުގެ ކަންކަން ބެލެހެއްޓުމުގައި ގަވަނަންސް ހަރުދަނާ ކުރާ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އަދަދު އިތުރު ކުރަމުންދާ ކަމަށެވެ.
އޭޕްރީލް މަހުގެ 15އާ ހަމައަށް ބޭސް ނުލިބޭ މައްސަލަ ހައްލުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ޒަރޫރީ ބޭސްތައް ނުލިބޭ މައްސަލައާ ގުޅޭގޮތުން އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދަށް ގުޅައި، މެސެޖް ކުރި ނަމަވެސް ޖަވާބު ދެއްވާފައިނުވެ އެވެ.