އެސްޓީއޯއިން ބޭސް ނުލިބި ބޭސް ސިޓީއަށް ސަލާންޖަހަން މަޖުބޫރުކޮށްފިކަމަށް އާންމުން ބުނަން ފަށައިފިއެވެ.
އެސްޓީއޯގެ ފާމަސީތަކުން ބޭސް ނުލިބި، ބޭސް ސިޓީތަކާއިގެން އެތައް ފާމަސީއަކަށް ދާންޖެހޭ ހާލަތަކަށް ކަންތައްތައް ވެއްޓިފައިވާކަމަށް ރައްޔިތުން އަންނަނީ ބުނަމުންނެވެ. އަދި މިކަމާ ގުޅޭގޮތުން ހިޔާލު ފާޅުކުރަމުންދާ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، އެސްޓީއޯގެ ފާމަސީތަކުން ބޭސް ނުލިބުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ބޭސް ހޯދުމަށް އެތައް ތަނަކަށް ދާންޖެހި، ވަގުތާއި ފައިސާ އިސްރާފުވަމުންދާ ކަމަށެވެ.
އެސްޓީއޯ ބޭސް ފިހާރައިގައި ހޭދަކުރި ވަގުތުކޮޅުގެ ގޮތުގައި އެކްސްގައި އާންމު ފަރާތަކުން ކުރި ޕޯސްޓެއްގައި ބުނީ އުމުރުން ދުވަސްވީ ތިން މީހަކު، އެ މީހުންގެ ބޭސް ނުލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ސިޓީގައި އޮތް ހަތަރު ބޭހުން ދެ ބޭސް ނުލިބޭ ކަމަށާއި، މިއީ ކުރިން އެސްޓީއޯ ބޭސް ފިހާރައިން ވާކަމެއް ނޫން ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ ސިއްހީ ނިޒާމް ޓަރޝަރީ ފެންވަރަށް ދާތަނެއް ނުފެންނަ ކަމަށެވެ.
މީގެ ކުރިން އާސަންދަ އަދި އެސްޓީއޯއިން ލިބޭ ބޭސްތައްވެސް އެންމެފަހުން ގަންނަންޖެހި، އެ ބޭސްތަ ނުލިބޭކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. އެ ޝަކުވާތަކާއެކު އާންމު ފަރާތެއް ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވަނީ ޕްރޮބަޔޮޓިކް ކެޕްސޫލް އަކީ ރާއްޖެއިން ލިބޭ އެއްޗެސް ކަމަށާއި، ޓްރީޓޮޕް ހޮސްޕިޓަކުން ޑޮކްޓަރަށް ދައްކާފައި އެތަނުން ބޭސްނަގަން ދިއުމުން އާސަންދަ މެދުވެރިކޮށް ބޭސް ނުލިބޭ ކަމަށާއި، އެސްޓީއޯ ފާމަސީއަށްދިއުމަށް އެންގި ކަމަށެވެ. ނަމަވެސް އެސްޓީއޯ ފާމަސީގައިވެސް އެ ބޭހެއް ނެތް ކަމަށާއި، އާސަންދަ މެދުވެރިކޮށް ރާއްޖެއިން މިހާރު އެ ބޭހެއް ނުލިބޭކަމަށް އެމީހާ ވަނީ ބުނެފައެވެ. އަދި އެ ބޭސް އާސަންދައިން ނަގާނަމަ ގެންނަން ޖެހޭނީ ބޭރުން ކަމަށްވެސް އެސްޓީއޯ ފާމަސީއިން ބުނެފައިވާކަމަށް ވީޑިއޯ ހިއްސާކުރި މީހާ ވަނީ ބުނެފައެވެ.
ކީއްވެހޭ ބުނީމަ ދެތިންހަތަރު ފަހަރަކަށްވެސް ބުނީ އެސްޓިއޯގެ ސްޓޮކްގައި ނުހުންނަ ބޭހެއްވީމަ ބޭރުން ގެންނަންށޭ ޖެހޭނީ. ދެން ތިރީގައި މިއިން އެންޓިބަޔޮޓިކް ބޭހާއި ބެހޭ ގޮތުން ވެސް ސުވާލުކުރީމަ ބުނީ ތިބޭހެން ނެތޯ އެހެންތަނަކުން ގަނެލާށޯ. އެސްޓީއޯއިން އާސަންދައިގެ ދަށުން ބޭސް ނުލިބޭ ނަމަ ކިހިނެއް ރައްޔިތުން ބޭރުގެ ޚިދުމަތް ހޯދާނީ. ދެން އެތާނގައި ހުއްޓައި އެތަނަށް ދިޔަ އެހެން މީހެއް ދިޔައީ ބޭހުގެ އެއްވެސް އެއްޗެއް ނުލިބިގެން އެންމެ ބޭހެއް އެކަކަށް ލިބުނު އަނެއް މީހާއަށް ދެބޭސް އެބައޮތް ވާހަކަ ބުނި ދެންތިބި އެންމެން ދިޔައީ އެންމެ ބޭހެއް ވެސް ނުލިބިގެން.އާންމު ފަރާތެއް![]()
އެސްޓީއޯއިން މިހާތަނަށް މިކަމާ ގުޅޭގޮތުން އެއްވެސް ބަޔާނެއް ނެރެފައި ނުވިނަމަވެސް، ބޭސް ސްޓޮކް ހުސްވުމުގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް އެ ކުންފުނީގެ އިސް މުވައްޒަފުން ބުނެފައިވެއެވެ.
މި މައްސަލައަކީ ގިނަ ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައަކަށްވެފައި، އަވަސް ހައްލެއް ގެނައުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދެއެވެ. ޚާއްސަކޮށް ދާއިމީ ބޭސް ބޭނުންކުރަންޖެހޭ ފަރާތްތަކަށް މިކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރެވެއެވެ.
ރާއްޖޭގެ ސިއްހީ ހާލަތު ދުވަހެއް ދުވަހަކަށް ދައްވަމުން ދާކަން އާންމު ރައްޔިތުން ފާހަގަ ކުރަމުންދާއިރު، އެމްޑީޕީ ސަރުކާރުން 2023 ވަނަ އަހަރު އާސަންދަ އާއި އެންސްޕާ އަށް 2.2 ބިލިއަން ރުފިޔާ ހަރަދު ކުރި އިރު 2024 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން 2.4 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ. އަދި އިތުރަށް 200 މިލިއަން ރުފިޔާ މުއިއްޒުގެ ސަރުކާރުން ހޭދަ ކުރި އިރު ދިވެހި ރައްޔިތުން އުޅެން ޖެހެނީ ބޭސް ސިޓީ އަށް ސަލާން ޖަހަން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.