ކ. މާލެ
|
7 ފެބްރުއަރީ 2025 | ހުކުރު 16:26
ފެބްރުއަރީ 7 - އީރާނުގެ އިންގިލާބީ ލީޑަރު އާޔަތުﷲ ޚާމަނާއީ އެގައުމުގެ އެއަރފޯސްގެ އޮފިސަރުންނާ ބައްދަލު ކުރައްވަނީ
ފެބްރުއަރީ 7 - އީރާނުގެ އިންގިލާބީ ލީޑަރު އާޔަތުﷲ ޚާމަނާއީ އެގައުމުގެ އެއަރފޯސްގެ އޮފިސަރުންނާ ބައްދަލު ކުރައްވަނީ
ޕްރެސް ޓީވީ
އީރާން-އެމެރިކާ ގުޅުން
އެމެރިކާ އާ އެކު މަޝްވަރާކޮށްގެން ކަމެއް ހައްލެއް ނުވޭ: އާޔަތުﷲ ޚާމަނާއީ
އިސްލާމީ އިންޤިލާބުގެ ލީޑަރު އާޔަތު ﷲ ސައްޔިދު ޢަލީ ޚާމަނާއީ ވިދާޅުވީ، ތަޖުރިބާ އިން ދައްކައިދީފައިވާ ގޮތުގައި އެމެރިކާ އާއެކު މަޝްވަރާ ކުރުމަކުން އީރާނުގެ މައްސަލަތައް ހައްލު ކުރުމަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.

އެމެރިކާ އާއެކު މަޝްވަރާ ކުރުމަކުން އީރާނުގެ މައްސަލަތައް ހައްލު ކުރުމަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް އީރާނުގެ އިސްލާމީ އިންޤިލާބުގެ ލީޑަރު އާޔަތު ﷲ ސައްޔިދު ޢަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ތެހެރާނުގައި އެއަރ ފޯސްގެ މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމެއްގައި އޭނާ މިފަދައިން ވިދާޅުވެފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ މައްޗަށް "އެންމެ މަތީ ޕްރެޝަރު" އަލުން ތަންފީޒުކުރުމަށް އެގްޒެކެޓިވް އޯޑަރެއްގައި ސޮއިކުރެއްވުމާ ގުޅިގެން އެމެރިކާ އިން އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އެޅިކަން އިއުލާނު ކުރި ދަނޑިވަޅުގައެވެ.

"އެމެރިކާއާއެކު މަޝްވަރާ ކުރުމަކުން ޤައުމުގެ މައްސަލަތައް ހައްލުކުރުމަށް އެއްވެސް އަސަރެއް ނުކުރާނެ، އަހަރެމެން މިކަން ރަނގަޅަށް ދެނެގަންނަން ޖެހޭ،" އެމެރިކާ އިން އީރާނާ އެކު ވެފައިވާ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ އިން ވަކިވެފައިވާ ކަން ފާހަގަކުރައްވައި އީރާނުގެ އިސް ލީޑަރު ވިދާޅުވިއެވެ.

"އަހަރެމެން އެ ސަރުކާރާއެކު މަޝްވަރާގެ މޭޒުދޮށުގައި އިށީނުމުން މައްސަލަތައް ހައްލުވާނެ ކަމަށް އަހަރެމެންނަށް ދެއްކުމުގެ މަސައްކަތް އެމީހުން ކުރާނެ ކަމެއް ނެތް. ނޫން؛ އެމެރިކާ އާއެކު މަޝްވަރާ ކުރުމަކުން އެއްވެސް މައްސަލަ އެއް ހައްލެއް ނުވާނެ. އެއީ ކީއްވެ؟ ތަޖުރިބާ!"

2015 ވަނަ އަހަރު، އެމެރިކާ ވެސް ހިމެނޭ ގޮތަށް، އީރާނާއި އެހެން 6 ޤައުމަކުން، 2 އަހަރު ދުވަހުގެ މަޝްވަރާ ތަކަކަށް ފަހު މިހާރު ހުއްޓިފައިވާ ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) ގައި ސޮއިކުރިއެވެ. ނަމަވެސް ރައީސް ޓްރަމްޕް މި އެއްބަސްވުން އުވާލެއްވިއެވެ.

"އޭރުގެ އަހަރެމެންގެ ސަރުކާރުން އިށީނދެ މަޝްވަރާކުރި - އެމީހުން އައިސް ގޮސް ހެދި، އިށީނދެ ތެދުވެ މަޝްވަރާކުރި، ވާހަކަ ދެއްކި، ހިނިތުންވި، އަތް ޖެހި، ރަޙްމަތްތެރިވި، އެންމެން މަސައްކަތް ކުރި، އަދި އޭގެ ނަތީޖާ އެއްގެ ގޮތުން މުޢާހަދާއެއް އެކުލަވާލެވުނު."

"މި މުޢާހަދާ އެކުލަވާލުމުގައި، އީރާނުގެ ފަރާތުން ކަންތައް ކުރީ ވަރަށް ދީލަތިވި ކަމާއެކުގައި، އަނެއް ފަރާތުގެ އެދުމަށް ގިނަ ކަންތައްތަކެއް ދޫކޮށްލާފައި ވާނެ، އެކަމަކު އެމެރިކާ އިން އެ މުޢާހަދާ ތަންފީޒެއް ނުކުރި،" ލީޑަރު ވިދާޅުވިއެވެ.

"މުއާހަދާ ވިދާލީ މިހާރު ސަރުކާރާ ހަވާލުވެ ހުރި ފަރާތުން، އޭނާ އެ މުއާހަދާ ވީދާލާނެ ކަމަށް ބުނި، އަދި އޭނާ އެކަން ކުރި؛ އެމީހުން އެއްބަސްވުމާ އެއްގޮތަށް ޢަމަލެއް ވެސް ނުކުރި،" ޓްރަމްޕް އަށް އިޝާރާތް ކުރައްވައި އާޔަތުﷲ ވިދާޅުވިއެވެ.

އާޔަތުﷲ ޚާމަނާއީ އިތުރަށް ވިދާޅުވީ ޓްރަމްޕްގެ ފަހުން ވެރިކަމަށް އައި ފަރާތުންވެސް އެއްބަސްވުން ތަންފީޒު ކޮށްފައި ނުވާ ކަމަށެވެ.

"މުޢާހަދާގެ މަޤްޞަދަކީ އެމެރިކާ އިން ކުރިމަތިކުރި ދަތިތައް ނައްތާލުން، އެކަމަކު އެ ދަތިތަކެއް ނައްތައެއް ނުލެވުނު، އޭގެ ބަދަލުގައި އެމީހުން އދ ލައްވައި އީރާނުގެ މައްޗަށް ދާއިމީ ބިރުވެރިކަމެއް އޮންނާނެ ގޮތް ހެދި، މި މުޢާހަދާއަކީ 2 އަހަރު ވަންދެން ކުރެވުނު މަޝްވަރާތަކުގެ ނަތީޖާ." އޭނާ ވިދާޅުވިއެވެ.

އާޔަތުﷲ ޚާމަނާއީ މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު އީރާނުގައި ފާހަގަކުރަމުން ދަނީ 1979 ގައި އެމެރިކާގެ އެހީތެރިކަން ލިބިގެން އީރާނުގައި ހިންގި ޕަހުލަވީ ވެރިކަމުގެ ނިމުމަށް މަގުފަހިކުރި އިސްލާމީ އިންޤިލާބުގެ އަހަރީ ދުވަހެވެ.

ކޮންމެ އަހަރެއްގެ ފެބްރުއަރީ 8 ވަނަ ދުވަހު، އީރާނުގެ އެއަރ ފޯސްގެ މުވައްޒަފުން އެގައުމުގެ އިންގިލާބީ ލީޑަރާ ބައްދަލުކުރަނީ 1979 ގައި އިސްލާމީ ޖުމްހޫރިއްޔާގެ ބާނީގެ ގޮތުގައި ދެކޭ އިމާމް ޚުމައިނީ އަށް އެއަރ ފޯސްގެ އޮފިސަރުން ވަފާތެރިވި ތާރީޚީ ހާދިސާގެ ހަނދާން އާކުރުމަށެވެ. އިސްލާމީ އިންޤިލާބު ކާމިޔާބު ވުމަށް މަގުފަހި ކޮށްދިން މުހިންމު ހާދިސާ އެއްގެ ގޮތުގައި މިކަން އަންނަނީ ބަލަމުންނެވެ.

- ކޮމެންޓް