ކ. މާލެ
|
7 ފެބްރުއަރީ 2025 | ހުކުރު 01:57
މުހައްމަދު ޣައްސާން މައުމޫނު އަށް މިނިސްޓަރ އޮފް ޑިފެންސް ކަމުގެ ފަތްކޮޅު ދެއްވަނީ (ފައިލް)
މުހައްމަދު ޣައްސާން މައުމޫނު އަށް މިނިސްޓަރ އޮފް ޑިފެންސް ކަމުގެ ފަތްކޮޅު ދެއްވަނީ (ފައިލް)
ރައީސް އޮފީސް
ޣައްސާން މައުމޫނު
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
"ތިމަންނަ އައްޑޫ އަށް ދިޔައީ ކަލޭމެން އައްޑޫ މީހުން އެދިގެން...އައްޑޫ އަކީ މަށާ ބެހޭ ތަނެއްވެސް ނޫން"
ޣައްސާން މައާފަށް އެދެން ޖެހޭނެ ކަމަށް އަބްދުއްރަހްމާން ވިދާޅުވި
ޣައްސާން ވަޒީރު ކަމަށް އައްޔަނު ކުރެވުނު އިރު ކޮށްފައިވާ ހުވައި އަލުން ހަނދުމަކޮށް އެރުވުމަށް ވެސް އަބްދުއްރަހްމާން ވަނީ ރައީސް މުއިއްޒު އަށް ދަންނަވާފައި

އައްޑޫ މީދޫ ރައްޔިތުންނަށް ނިސްބަތްކޮށް ވަރަށް ނިކަމެތި ގޮތަކަށް ވާހަކަ ދައްކަވާފައިވާތީ ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫނު ރައްޔިތުންގެ މަޖިލިހަށް ހާޒިރު ކުރައްވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން ވިދާޅުވެއްޖެއެވެ.

މި މައްސަލަ އާ ގުޅިގެން އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލިހުގައި ތަމްސީލު ކުރައްވާ އަބްދުއްރަހްމާނު، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފެބްރުއަރީ 06 ވަނަ ދުވަހުގެ ތާރީޚުގައި ވަނީ ސިޓީ އެއްވެސް ފޮނުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާ ތަމްސީލު ކުރާ މެމްބަރުގެ ހައިސިއްޔަތުން އޭނާ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ބައްދަލުވެ ދެކެވުނު ވާހަކައިގެ ތެރެއިން އައްޑޫ މީދޫ ރައްޔިތުންނާއި އައްޑޫ ރައްޔިތުންނަށް އަދި ޖުމްލަކޮށް ދިވެހި ރައްޔިތުންނަށް ނިސްބަތްކޮށް ވަރަށް ނިކަމެތި ގޮތަކަށް ވަޒީރު ވާހަކަފުޅު ދެއްކެވި ކަމަށް އަބްދުއްރަހްމާން ރައީސް މުއިއްޒު އަށް ފޮނުއްވި ސިޓީގައި ވެއެވެ.

އަދި އެކަން އެހެން ހިނގިކަން ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެންނަވާ ކަމަށް ވެސް މެމްބަރު ވިދާޅުވެފައި ވެއެވެ.

ޣައްސާން މައުމޫނު އާ މެމްބަރު އަބްދުއްރަހްމާން ބައްދަލުވީ ރިޔާސީ ބަޔާން އިއްވި ޖަލްސާގެ ތެރެއިން މަޖިލީހުގެ އިދާރާ އިން ކަމަށާއި، ބައްދަލު ވުމުން އައްޑޫ ރައްޔިތުންގެ މަސްލަހަތު ބޮޑު ދެކަމެއްގައި ވަޒީރަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާ އޮތް ކަމަށް މިނިސްޓަރަށް ދެންނެވި ކަމަށް އަބްދުއްރަހްމާނުގެ ސިޓީގައި ބަޔާން ކުރައްވާފައިވެއެވެ.

"އަޅުގަނޑު އެހެން ދެންނެވުމުން ވަޒީރު ކޯފާ އިސްކުރައްވާ، ކަލޭމެން ގުޅައިގެން ފޯނަށް ޖަވާބު ދޭކަށް ނުޖެހޭނެ، އައްޑޫ އަކީ މަށާ ބެހޭ ވެސް ތަނެއް ނޫން؛" ޣައްސާން ވިދާޅުވި ކަމަށް އަބްދުއްރަހްމާން ގެ ސިޓީގައި ވެއެވެ.

އަބްދުއްރަހްމާން ފާހަގަ ކުރައްވާފައިވާ ގޮތުގައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ޣައްސާން އަކީ އޭނާ އާ ވަރަށް ގިނަ ފަހަރު ބައްދަލުވެ ވާހަކަ ދެކެވިފައިވާ ބޭފުޅަކަށް ވާތީ، އޭނާގެ ގާތުގައި އައްޑޫ ރައްޔިތުން އެބޭފުޅުންނަށް ވޯޓު ދެއްވައިފި ނަމަ އައްޑޫ ރައްޔިތުން އެހެން ބަޔަކަށް ދުވަހަކުވެސް ވޯޓު ނުދޭވަރު ކޮށްދޭނަމޭ ވިދާޅުވި ވާހަކަ ހަނދުމަފުޅުކޮށް އެރުވި ކަމަށެވެ.

އެހެން ދެންނެވުމުން ވަޒީރު އިތުރަށް ކޯފާ އިސްކުރެއްވި ކަމަށް އަބްދުއްރަހްމާން ވިދާޅުވެފައިވެއެވެ.

"ތިމަންނަ އައްޑޫ އަށް ދިޔައީ ކަލޭމެން އައްޑޫ މީހުން އެދިގެން...އައްޑޫ އަކީ މަށާ ބެހޭ ތަނެއްވެސް ނޫން؛" ޣައްސާން ވިދާޅުވި ކަމަށް އަބްދުއްރަހްމާން ލިޔުއްވާފައިވެއެވެ.

ތިރީސް ފަސްހާހަށް ވުރެ ބޮޑު އާބާދީ އެއް އޮންނަ އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް އަދި ޖުމްލަ ކޮށް މުޅި ދިވެހި ރައްޔިތުންނަށް ނިސްބަތްކޮށް މިފަދަ މޭރުމަކުން އެއްވެސް ވަޒީރަކަށް ބަސް ވިދާޅުވެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަބްދުއްރަހްމާން ވިދާޅުވެފައިވެއެވެ.

އަބްދުއްރަހްމާން، އައްޑޫ މީދޫ ދާއިރާގެ މެމްބަރު - ރައްޔިތުންގެ މަޖިލިސް

މިފަދަ ދަށު ދަރަޖައިގެ ބަސްފުޅަކުން ޣައްސާން ވާހަކަފުޅު ދެއްކެވެމުން އެ ރައްޔިތުންގެ ކިބައިން މާފަށް އެދުމަށް ދެންނެވުމަށް ރައީސް އަރިހުން އެދޭ ކަމަށް އަބްދުއްރަހްމާންގެ ސިޓީ ގައިވެއެވެ.

އޭގެ އިތުރުން ވަޒީރު ޣާއްސާން ގެ މަގާމުގެ ޒިންމާ އާއި މަސްއޫލިއްޔަތާ، ވަޒީރު ކަމަށް އައްޔަނު ކުރެވުނު އިރު ކޮށްފައިވާ ހުވައި އަލުން ހަނދުމަކޮށް އެރުވުމަށް ވެސް އަބްދުއްރަހްމާން ވަނީ ރައީސް މުއިއްޒު ކިބައިން އެދިވަޑައިގެންފައެވެ.

މި ކަމާ ބެހޭ ގޮތުން މި ނޫހާ ވާހަކަ ދައްކަވަމުން ބުރާސްފަތި ދުވަހުގެ ރޭ މެމްބަރު އަބްދުއްރަހްމާން ވިދާޅުވީ، މި ކަމާ ގުޅިގެން ރައީސް މުއިއްޒުގެ ސަމާލު ކަމަށް ގެނައުމުގެ ގޮތުން ސިޓީ ފޮނުވުމުގެ އިތުރުން ޣައްސާން މަޖިލިހަށް ހާޒިރު ކޮށް ސުވާލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް އޭނާ ކުރައްވާނެ ކަމަށެވެ.

- ކޮމެންޓް