މީޑިއާ ކޮންޓްރޯލު ބިލުގެ މަސައްކަތްތައް ކުރިއަށް ދިޔައީ ގާނޫނުގައިވާ ގޮތުގެ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒުގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު ސަރުކާރުގެ ދިފާއުގައި ކުރެއްވި ޕޯސްޓަށް މެމްބަރު މީކާއީލު ވަރުގަދަ ސުވާލުތަކެއް ކުރިމަތި ކުރައްވައިފިއެވެ.
ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން އަންގާރަ ދުވަހު އިރުއޮއްސެއް އުޅެނިކޮށް ފާސްކުރި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެތައް ބައެއްގެ ނުރުހުން އަމާޒުވެފައިވާ މީޑިއާ ކޮންޓްރޯލު ބިލުގެ ދިފާއުގައި ސަރުކާރުގެ މިނިސްޓަރުންނާއި ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުން ގެންދަނީ މީސް މިޑިއާ ގައި ގިނަ ޕޯސްޓުތަކެއް ކުރަމުންނެވެ.
ކުރިން ރައީސް ޔާމީނުގެ ވަރަށް އަރިހުގައި ހުންނެވުމަށް ފަހު މުއިއްޒު އަށް ވެރިކަން ލިބިވަޑައިގަތުމާއެކު މުއިއްޒު ކޮޅަށް ދީލާލެއްވި ޣައްސާން ބުދަ ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބިލުގެ މަސައްކަތްތައް ދިޔައީ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، ބިލު ކޮމިޓީ މަރުހަލާގައި މުރާޖަޢާ ކުރެވި، މަޖިލީހުގެ އިޖުރާއާތުތަކާ އެއްގޮތަށް ކަމުގައެވެ. އަދި މީޑިއާ ތަކާއި ޖަމްޢިއްޔާތަކުގެ ސީދާ ބައިވެރިވުން ހިމެނިފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ޣައްސާނުގެ މި ވާހަކަފުޅަށް ރައްދު ދެއްވަމުން ގަލޮޅު ދެކުނު ދާއިރާ ތަމްސީލު ކުރައްވާ އަދި ބިލު ދިރާސާ ކުރުމުގެ މަސައްކަތް ހިންގި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މީކާއީލް ނަސީމު މިކަން ހިނގައި ދިޔައީ އެންމެ ރަނގަޅަށްތޯ ސުވާލު އުފައްދަވަމުން "މަޖިލީހުގެ ޖަލްސާއެއް ފެށުމުގެ އެންމެ މިނެޓެއް ކުރިން އެޖެންޑާ ދިނުމަކީ އެންމެ ރަނގަޅު އުސޫލަކަށް ކިހިނެއް ވާނެ ކަމެއްތޯ؟ އައްސަވާފައެވެ.
އޭގެ އިތުރުން "ކައުންސެލް ޖެނެރަލްގެ ލަފާ ލިޔުމުން ދިނުމަށް އިންކާރު ކުރުމަކީ ކިހިނެއް ރަނގަޅު ގޮތަކަށް ވާނެ،" ކަމެއްތޯ ވެސް ވަނީ ކުރިން އިންޑިއާ އައުޓް ކެމްޕޭންގައި ވެސް އިސްކޮށް އުޅުއްވި ޣައްސާން އާ ސުވާލު ކުރައްވާފައެވެ.
އަދި "50 އަށް ވުރެ ގިނަ ސަފުހާގެ ބިލަކަށް އިސްލާހު ހުށަހެޅުމަށް 27 މިނެޓު ދިނުމަކީ ކިހިނެއް ޤަބޫލުކުރެވޭނެ ކަމެއްތޯ،" ވެސް މީކާއީލް ވަނީ، ޣައްސާން އާ ސުވާލު ކުރައްވާފައެވެ.
"އިއްޒަތްތެރި ވަޒީރު! މިއަށްވުރެ ރަނގަޅަށް މިކަން ކުރައްވާށެވެ!" މީކާއީލް، ޣައްސާން މައުމޫނަށް އަމާޒު ކުރައްވާ ވިދާޅުވެފައިވެއެވެ.
ޣައްސާންގެ މި ޕޯސްޓަށް މީކާއީލް ގެ އިތުރުން ވެސް ވަރަށް ގިނަ އާންމުން ކޮމެންޓް ކޮށްފައިވާއިރު އޭގެ ތެރޭގައި ގިނައިން ހުރީ ޣައްސާން ވިދާޅުވި އެއްޗަކާ ދެކޮޅަށް ކޮމެންޓް ކޮށްފައިވާ ފަރާތްތައް ކަން ފާހަގަ ކުރެވެއެވެ.