Advertisement
ކ. މާލެ
|
15 އޯގަސްޓް 2025 | ހުކުރު 23:54
ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ރަސްމީކޮށް އެމްއެންޑީއެފާ ހަވާލުކުރުން: މިއީ މިހާތަނަށް އެމްއެންޑީއެފް އަށް ލިބޭ އެންމެ ބޮޑު މަނަވަރު
ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ރަސްމީކޮށް އެމްއެންޑީއެފާ ހަވާލުކުރުން: މިއީ މިހާތަނަށް އެމްއެންޑީއެފް އަށް ލިބޭ އެންމެ ބޮޑު މަނަވަރު
ރައީސް އޮފީސް
އެމްއެންޑީއެފް
ތުރުކީން ހަދިޔާކުރި މަނަވަރު އެމްއެންޑީއެފަށް ހަވާލުކޮށް ކޮމިޝަން ކޮށްފި
ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ދަރުމަވަންތަ އެމްއެންޑީއެފް އާއި ހަވާލުކޮށް ކޮމިޝަންކުރުމުގެ ރަސްމިއްޔާތު ބޭއްވީ ހުޅުމާލޭގަ
މި މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ ކޯސްޓު ގާޑަށް އިތުރުވި އެންމެ ބޮޑު އުޅަނދު
މި މަނަވަރު ބަލަހައްޓައި އޮޕަރޭޓު ކުރާނީ ދިވެހި ސިފައިން

ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރަން ތުރުކީ ސަރުކާރުން, ހަދިޔާކުރި މަނަވަރު ހުކުރު ދުވަހުގެ ރޭ ރަސްމީކޮށް ދިވެހި އަސްކަރިއްޔާއާ ހަވާލުކޮށް ކޮމިޝަން ކޮށްފިއެވެ.

ދަރުމަވަންތަ މަނަވަރު ޤައުމީ ދިފާޢީ ބާރާއި ހަވާލުކުރުމާއި ކޮމިޝަންކުރުމުގެ ރަސްމިއްޔާތު އޮތީ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ އެމްޕީއެލް ސަރަހައްދުގައެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިފައިންގެ އެންމެމަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއެވެ.

ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ދަރުމަވަންތަ ޤައުމީ ދިފާޢީ ބާރާއި ހަވާލުކޮށް ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި މަނަވަރު ހަވާލުކޮށްދެއްވީ ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކަދިރް ޔިލްޑްޒްއެވެ.

ރާއްޖޭގެ ފަރާތުން މަނަވަރާ ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މިރަސްމިއްޔާތުގައިވަނީ ދިވެހިރާއްޖޭގެ ފަރާތުން ތުރުކީ ސަރުކާރަށް ޝުކުރުގެ ހަނދާނީ ލިޔުމެއްވެސް ހަވާލުކުރައްވާފައެވެ.

ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ޤައުމީ ދިފާޢީ ބާރާއި ހަވާލުކޮށް ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި މަނަވަރުގެ ނަން ކަޝްފުކޮށްދެއްވީ ރައީސް މުޢިއްޒުއެވެ.

އަސްކަރީ މަނަވަރު ކަމިޝަން ކުރުމުގެ ގޮތުން ސިފައިންވަނީ މަނަވަރުގައި ޚާއްސަ ޑްރިލްއެއް ބާއްވާފައެވެ.

މި މަނަަވަރު ކޮމިޝަން ކޮށްފައިވަނީ 'ދަރުމަވަންތަ' ނަން ދިނުމަށްފަހުގައެވެ. މި މަނަވަރުގެ ކޮމާންޑިން އޮފިސަރަކީ ލެފްޓިނެންޓް ކާނަލް ހަސަން ޝިނާނެވެ.

މިރަސްމިއްޔާތުގައި ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކަދިރް ޔިލްޑްޒް ދެއްކެވި ވާހަކައިގައި ކުރިމަގުގައި ރާއްޖެއާއި ތުރުކީއާ ދެޤައުމުގެ ދެމެދު އަސްކަރީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މިމަނަވަރަކީ ދެޤައުމުގެ ދެމެދު އޮންނަ ގުޅުން ރަމްޒްކޮށްދޭ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ، މިރެއަކީ އެމްއެންޑީއެފްގެ ގާބިލްކަން ކުރިއަރައިގެންދާ ރެޔެއް ކަމަށެވެ.

އަދި މިއީ 17 ނޮވެމްބަރު 2023ގައި ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ރައީސް މުއިއްޒު ކުރެއްސެވި ރަތް ރޮނގު އިތުރަށް ފަވާލަދެއްވާ ރެޔެއްކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ ވިދާޅުވީ މިއީ ދިވެހި އަސްކަރިއްޔަ ތަރައްގީކުރުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދަވާކަން ހާމަވާ ކަމެއް ކަމަށެވެ.

އަދި މިއީ އަސްކަރިއްޔާގެ ކޯސްޓު ގާޑަށް އިތުރުވާ އެންމެ ބޮޑު އުޅަނދުކަމަށް ހިލްމީ ވިދާޅުވިއެވެ. މިއާއެކު ދިވެހި އަސްކަރިއްޔާގެ ކަނޑުގެ ލަޝްކަރުގެ ބާރު އެތައް ގުނައެއް އިތުރުވާނެ ކަމަށް ހިލްމީ ވިދާޅުވިއެވެ.

ހިލްމީގެ އިތުރުން މިނިސްޓަރު ޣައްސާން ވެސް ވަނީ މި މަނަވަރު ހަދިޔާކުރެއްވި ކަމަށް ޓަކައި، ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާނަށާއި، ތުރުކީ ސަރުކާރާއި އެ ގައުމުގެ އަސްކަރިއްޔާއަށް ޝުކުރު އަދާކުރައްވައިފައެވެ.

ތުރުކީން ރާއްޖެއަށް ހަދިޔާކުރީ TCG Volkan (P-343) ނަމަކަށް ކިޔާ އަސްކަރީ މަނަވަރެކެވެ. އެއީ ތުރުކީ ނޭވީއަށް 1981ވަނަ އަހަރުގެ މޭ މަހު ޚިދުމަތަށް ނެރުނު ބޯޓެކެވެ. މި ބޯޓަށް މިދިޔަ އަހަރު 43 އަހަރު ވުމާއެކު ވަނީ ޓެސްޓުތައް ހެދުމަށާއި، ޓްރެއިނިންތަކަށް ބޭނުންކުރާ އުޅަނދަކަށް ބަދަލުކޮށްފައެވެ.

ޑޯގަން ކްލާހުގެ އުޅަނދުތައް ފަރުމާކޮށްފައިވަނީ ޖަރުމަނަށް ނިސްބަތްވާ ބޯޓު ފަރުމާކުރުންތެރިއެއް ކަމަށްވާ ލާރްސަން ވާފްޓެވެ.

އެމްއެންޑީއެފުން ބުނީ މި މަނަވަރު ބަލަހައްޓައި، އޮޕަރޭޓު ކުރާނީ ދިވެހި ސިފައިން ކަމަށެވެ.

- ކޮމެންޓް