"ހަގީގަތުގައިވެސް މިހާރު އެ ހުރީ ބާކީވެފަ. މާބޮޑަށް ސައިޒް އޮޅުނީމަ ވާނީ އެހެން. ހީވާ ގޮތުން ދެން މާ ގިނަދުވަހެއް ނެތް. އިސާހިތަކު ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި، ކޮށި ދަނޑުވެސް ގެއްލިދާނެ"
މިއީ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އޮތް ހިސާބު އަންގައިދެމުން މި ސަރުކާރުގެ އެތެރެކޮއިލުގެ ސިއްރު މައުލޫމާތު އެނގޭ ފަރާތަކުން ހިއްސާކޮށްލި މައުލޫމާތުކޮޅެކެވެ. މިއީ އަބްދުއްރަހީމްގެ މިއަދުހެ ހާލަތު އޭނާ ބަޔާން ކޮށްދެއްވި ގޮތެވެ.
ދިވެހި އަދަބީބަސްތަކުގެ ތެރެއިން، ކަތިވަޅިގެއްލި މަރިޔަނބު ގެއްލި، ކޮށި ދަނޑުވެސް ގެއްލުނީއޭ ބުނާ ބަހަކީ މުސްކުޅި ބަހެކެވެ. މިއީ ވަރަށް މާނަފުން އަދަބީ ބަހެކެވެ. އިންތިހާއަށް އަސަރު ގަދަ ވެސް ބަހެކެވެ.
މިބަހުގެ ބަހަވީ މާނައަށް ބަލާލާއިރު، މި ބަހުގައި މި ބުނަނީ އެއްޗަކާއި މީހަކާއި ތަނެއް ގެއްލޭ ވާހަކައެވެ.
ބުނަން މި އުޅޭ ވާހަކައެއް މިހާރު ވަރަށް ސާފުވެއްޖެކަމަށް އުންމީދުކުރަމެވެ. މިއީ ސިޔާސީ ހިސާބު މޮޅަށް ޖައްސަވާ ކަމަށް އަމިއްލަ އަށް ވިދާޅުވި، އަދި އޭނާގެ ސިޔާސީ ތަޖުރިބާގެ ފުންކަން 30 އަކަށް އަހަރަށް ދެމިގެން ދިޔަ ކަމަށް ވިދާޅުވި ލ. ފޮނަދޫއަށް އުފަން ރައްޔިތުންގެ މަޖުިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ނިސްބަތްކޮށް ޕީއެންސީގެ މެމްބަރަކު ވިދާޅުވި ބަސްފުޅެކެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ މީހުން ބުނާ ގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންމެ ގާތް މަދަދުގާރެވެ. އަދި އެންމެ ގާތް ރަހުމަތްތެރިޔާވެސް މެއެވެ. ރައީސް ޔާމީންގެ ދައުރުން ފެށިގެން ރައީސް މުއިއްޒުގެ ވެރިކަމާއި ހަމައަށް، ދާދި އިހަކަށް ދުވަހާއި ޖެހެންދެން ވެސް ގާތް ދެ މިތުރުންނެވެ.
ރިޔާސީ އިންތިޚާބުން ފެށިގެންވެސް ރައީސް މުއިއްޒަށް ވެރިކަން ލިބިވަޑައިގެންނެވުމާއި ހަމައަށް ވެސް މުއިއްޒަށް ވެރިކަމުގެ ތަހުތު ހޯއްދަވައި ދެއްވުމުގައި އެންމެ ބުރަކޮށް، ޖާނާއި މާލުން ޤުރުބާންވި ބޭފުޅަކީ ވެސް އަބްދުއްރަހީމްއެވެ.
ބައެއް ސިޔާސީ މުފައްކިރުން ވިދާޅުވާ ގޮތުގައި ރައީސް މުއިއްޒު ވެރިކަމަށް ގެނައުމުގައި ބެންނެވި އޮޑީގެ އެންމެ އިސް "މާވަޑި" އަކީ ވެސް އަބްދުއްރަހީމެވެ.
ރައީސް މުއިއްޒުގެ މި ސަރުކާރުގެ ކިއްސަރު ގެނައީ އަބްދުއްރަޙީމުގެ މާވަޑިކަމުގައި ހުންނަވައިގެންނެވެ. އެހެންކަމުން މި އޮޑި ފެނަށް ދުވާނެ ގޮތާއި، ދުވާނެ ވަރާއި ހުރިހާއެއްޗެއް ވެސް އެންމެ ރަނގަޅަށް އެނގިލައްވާނީ ވެސް އަބްދުއްރަޙީމަށެވެ. އަދި ކިއްސަރު އެޅުއްވި ގޮތަކަށް އަޅުއްވާފައި ކިޔެވެލި ކިޔަވާފައި އިރުވަރުބެލުމަށް ފަހު، އޮޑި ބާލައި ރައީސް މުއިއްޒާއި އޮޑި ހަވާލުކުރީ ވެސް ސީދާ އަބްދުއްރަޙީމެވެ.
ކަންމިހެން ހުރިއިރު، އަބްދުއްރަޙީމްގެ ސިޔާސީ ބާރުވެރިކަން ގުޅިފައި އޮތީ ރައީސް މުއިއްޒާއި އެކު އޮންނަ ގާތްކަމާއި ވަފާތެރިކަމާއި އެކުވެރިކަމާއެވެ.
އެހެން ނަމަވެސް މިއަދު ކަންތަން ވެގެން ގޮސްފައި މިވަނީ ދިވެހި އެެއްވެސް ރައްޔިތަކު ހީނުކުރާފަދަ ގޮތަކަށެވެ. އެންމެ ގާތްކޮށް އުޅުނު މިތުރުން ހަތުރުންނަށް ވީއެވެ.
މުޅި ސަރުކާރުގެ ތެރެއިން ވަރުގަދަ އަބްދުއްރަހީމްގެ އަޑު ކަނޑުވައިލީއެވެ. އެއްފަރާތްކޮށް، އެކަހެރިކޮށްލައިފިއެވެ.
ބައެއް މުފައްކިރުން ވިދާޅުވާގޮތުންނަމަ ސިޔާސީ ގޮތުން އަބްދުއްރަޙީމްގެ ތަރި އޮއްސުމާއި ދިމާއަށް މިވަނީ މިސްރާބު ޖަހާފައެވެ. މިކަން ގިގަބަޔަކަށް ޔަގީންވީ ދަރިކަލުން އިބްރާހިމް ފައިސަލް ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުން ވަކިކުރުމާއި ގުޅިގެންނެވެ.
އެހިސާބުން އަބްދުއްރަހީމް ޖަޒުބާތުގައި ޖެހިވަޑައިގެން ދަރިކަލުން މަޤާމުން ވަކިކުރިކުރުމާއި މެދު ހިތްހަމަޖެހިވަޑައިނުގެން ފުރަތަމަ ފަހަރަށް ރާއްޖޭގެ މީޑިއާއަކަށް ބަސްދީގަތުމެއް ދެއްވިއެވެ. ދަރިކަލުންގެ ދިފާއުގައެވެ. ދަރިކަލުންނަކީ އިޚުލާސްތެރިއެއް ކަމަށް ވިދާޅުވެއެވެ. އަދި ރައީސް މުއިއްޒާއި މެދު އޮންނަ ގާތް ގުޅުން ގޯސްވެއްޖެ ކަމުގެ އިސާރާތެއް ވެސް ކުރައްވަމުންނެވެ. ކަން ހިނގާ ދިޔައީ ދެރަވަރުކޮށްނޭ ވިދާޅުވިއެވެ. ފައިސަލް ވަކިކުރަން ޖެހޭ ސަބަބެއް ނޯންނާނޭ ވަރަށް ސާފުކޮށް ވިދާޅުވިއެވެ.
އެހިސާބުން މައްސަލަ އިތުރަށް ގޯސްވެ، ދެން އިތުރަށް ހައްލުނުވާނެ ކަމަށް މިހާރު ވަނީ ހީވިއެވެ. އަބްދުއްރަޙީމް މެލޭޝިއާގައި ހުންނަވާފައި، ދަތުރު ކުރުކޮށްލެއްވުމަށް ފަހު، މާލެ ވަޑައިގެންއިރު ނޫސްވެރިން އެއާޕޯޓާއި މުރައިދޫގޭ ދޮށުގައި މުގޯލި އަޅައަޅައި ތިބީ އެހެންވެއެވެ.
އެކަމަކު، ނޫސްވެރިންނަށް ފިއްލަވައިގެން ބޯޓުން ފައިބައިވަޑައިގެން ގޮތަށް އެރުއްވީ ކާރަށެވެ. ދެން ވަޑައިގަތީ ގެކޮޅަށެވެ. އިންތިޒާރުގައި ތިބި ނޫސްވެރިންނަށް ފިއްލަވައިގެންނެވެ. މިކަމުންވެސް އެނގިގެން ދިޔައީ އަބްދުއްރަހީމްގެ މިހާރުގެ ހާލަތެވެ. އަމިއްލަ އިޚްތިޔާރެއް، ބާރެއް ނެތް ފަދައެވެ.
ރައީސް މުއިއްޒާއި މައްސަލަ ޖެހުނު ފަހުން އަބްދުއްރަހީމް ޕީއެންސީގެ އެކިއެކި، ފަންތީގެ މެންބަރުންނާ ވެސް ބައްދަލުކުރެއްވިކަމަށް ވެސް ވެއެވެ. މަސައްކަތް ކުރަނީ ރައީސް މުއިއްޒާއި ޖެހުނު މައްސަލަތައް ހައްލުކުރެވޭތޯއެވެ. ބައެއް މެންބަރުން މުރައިދޫގެއަށް ގެންގޮސްގެން ވެސް ކަންކަން މިހާ ހިސާބަށް ދިޔަގޮތުގެ ވާހަކަދެއްކެވިކަމަށް ވެއެވެ.
ރައީސް މުއިއްޒާއި އަބްދުއްރަހީމާއި ދެމެދު ޖެހިގެން އުޅެނީ އެންމެ މައްސަލައެއް ދެ މައްސަލައެއް ވެސް ނޫނެނެވެ. ރައީސް ޔާމީން ވިދާޅުވީ މި ދެބޭފުޅުންގެ މެދުގައި ޖެހިހެން އުޅެނީ ބައި އެޅުމުގެ މައްސަލަތަކެކެވެ.
ނަމަވެސް އަބްދުއްރަހީމް މިހާރު ބޭނުންވަނީ ޖެހިގެން އުޅޭ މައްސަލަ ހައްލުކޮށް، ކުރިން އޮތް އިތުބާރާއި ގާތްކަމާއި ރަހުމަތްތެރިކަން އަލުން އިޔާދަކުރައްވާށެވެ. އެމަނިކުފާނު އެހުންނެވީ ވެސް އެފަދަ އުންމީދެއްގައެވެ.
ދަރިކަލުން ވަކިކުރިޔަސް އެ މަނިކުފާނު މަޤާމުގައި ބަހައްޓަވާނެކަމުގެ އުންމީދުގައެވެ. އެއްޗެއް ވިދާޅުނުވެ، އެ މަނިކުފާނު ކުރައްވަނީ މައްސަލަ ހައްލުކުރުމުގެ މަސައްކަތެވެ.
ހަޤީޤަތަކީ މިއަދު އަބްދުއްރަހީމު ހުންނެވީ ގޮތް ހުސްވެފައެވެ. ބަނދެވިފައެވެ. އަބްދުއްރަހީމަށް ދެން ކުރެވެން އޮތީ ކޮންކަމެއްތޯ ވިސްނާށެވެ.
ސިޔާސީ މަސްރަޙުގައި ހިނގާ ކަންކަން ދިރާސީ ނަޒަރަކުން ބައްލަވާ ބޭފުޅަކު ކިޔައިދިން ގޮތުގައި އަބްދުއްރަހީމަކަށް ދެން ހޯދޭނޭ ވަކި މާ މޮޅު ގޮތެއް ނެތެވެ.
ތެދުފުޅެކެވެ. ޕާޓީން ވަކިކުރިޔަސް، ޕާޓީން ވަކިވިޔަސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ އަބްދުއްރަޙީމްގެ އަތްޕުޅުންނެވެ. އެ މަނިކުފާނު ވެސް ރުހިވަޑައިގެންނެވެ. އެހެންވީމާ، މަޖިލީހުގައި ރިޔާސަތުގައި އިންނެވުން އެކަންޏެއް ނޫނެވެ. ތަޅުމުގައި ކޮޅަށް ވެސް ހުންނެވޭނީ ރައީސް ބޭނުންފުޅު ނަމައެވެ.
ހަގީގަތުގައި އަބްދުއްރަޙީމް އެ ހުންނެވީ ގޮތް ހުސްވެފައެވެ. ޕީއެންސީގެ ހުރިހާ ބާރުވެރިކަމެއް މިލްކެއް ގޮތުގައި އޮތީ ރައީސް މުއިއްޒުގެ އަތްޕުޅުގައެވެ. އެ މަނިކުފާނުގެ ރުހުމާއި ތާއީދާ ނުލައި، އަބްދުއްރަޙީމް އެ ވަނީ ބާކީވެފައެވެ. މަޖިލީހުގެ ރިޔާސަތާއި، އުންމީދުގައި ހޯދި ގޮނޑި ގެއްލިދާނެކަމުގެ ބިރަށް ބަނދެވިފައެވެ.
ސިޔާސީ އިލްމާއި ޅެންވެރިކަމަށް ކިތަންމެ މޮޅަސް، އަދި ހިސާބަށް ކިތަންމެ މޮޅަސް، އަބްދުއްރަޙީމް މިއަދު އެ ހުންނެވީ ބާކީވެފައެވެ. ކަތިވަޅިގެއްލި މަރިޔަބު ގެއްލި ކޮށި ދަނޑުވެސް ގެއްލޭހިސާބުގައެވެ.