އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގައި ފުލުހުން ޙާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާތީ، ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.
މުޒާހަރާގައި ފުލުހުން އެލްއާރުއޭޑީ ބޭނުން ކޮށްފައިވާތީ، އެތައް ބަޔަކު އަންނަނީ އެކަމުގެ ނުރުހުން ފާޅު ކޮށްފަ އެވެ. ދާއިމީ ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ބިރު އޮތް އެ އާލާތް ފުލުހުން ބޭނުން ކޮށްފައިވާއިރު، ގިނަ ބަޔަކު ބުނަމުން އަންނަނީ އެއީ އިންސާނިއްޔަތުކަމާ ޚިލާފު ކަމެއް ކަމަށެވެ. އެއީ މީގެ ކުރިން ފުލުހުން އެ ފަދަ އާލާތެއް ބޭނުން ކޮށްފައި ނުވާތީ އެވެ.
މުޒާހަރާގެ ބައިވެރިން ގަޔަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހުމާއި، މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރުމުގައި އިންތިހާ އަށް އަނިޔާވެރިކަން އިސްކޮށްފައިވާ މަންޒަރު ވަނީ ފެނިފަ އެވެ. މުޒަހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ހިފައިގެން ތިބި ޝީލްޑުތައް ބޭނުން ކޮށްގެން، މުޒާހަރާގެ ބައިވެރިންނަށް އަނިޔާ ކުރި މަންޒަރު ވެސް ފެނުނެވެ. މުޒާހަރާގެ ބައިވެރިން ކޮއްޕައި، ފަހަތަށް ޖެއްސުމަށް ފުލުހުން ވަނީ އިންތިހާ އަށް އަނިޔާވެރިކަން އިސްކޮށްފަ އެވެ.
އެއާއެކު، ފުލުހުންގެ ދިފާއުގައި ނިކުތީ ސަރުކާރުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ރައްޔިތުންގެ މަޖިލީހުގެ ރަައީސްގެ އިތުރުން، ވަޒީރުންގެ މަޖިލީހުގެ މެމްބަރުން އަދި ވަރު ވަރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އައްޔަން ކުރައްވާފައި ތިއްބެވި ސިޔާސީ ވެރިންނެވެ. ފުލުހުންނަށް އިޙުތިރާމް ކުރުމަށާއި، ފުލުހުންނަށް ކަމޭ ހިތުމުގެ ވާހަކަ އެވެރިން ދައްކަވައިފި އެވެ.
އެކަމަކު އަޅުގަނޑު ހިތަށް އެރި އެވެ. ފުލުހުންނަށް އިޙުތިރާމް ކުރާ ވާހަކަ ދައްކަން މިވެރިން މިއީ ހަމަ އެންމެ އެކަށީގެންވާ މީހުން ހެއްޔެވެ؟ އެހެން ހިތަށް ނާރަންވީ ސަބަބެއް ވެސް ނެތެވެ. މާޒީގައި މިވެރިންގެ ފަރާތުން ވެސް ފެނިފައި ހުރި ކަންތައް ތަކުގެ ސަބަބުންނެވެ. މިވެރިން ދައްކާފައި ހުރި ވާހަކަ އާއި، މިވެރިން އަމަލު ކޮށްފައިވާ ގޮތުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއް ރަޙީމް ޢަބްދުﷲއާ ހަމައިން ފަށަމާ ހިނގާށެވެ. އަދުރޭމެން އިދިިކޮޅުގައި ތިބިއިރު ކުރި މުޒާހަރާއެއް ކޮންޓްރޯލް ކުރުމަށް ގޮސް ތިބި ފުލުހުންނާ ދިމާލަށް އަދުރޭ ގޮވާލި އަވަގުރާނަ އަޑު އިވިއްޖެ ނަމަ، މިއަދު އަދުރޭ ވެސް އިސް ޖަހާލާނެކަން ކަށަވަރެެވެ. އޭރުގެ ރައީސް އަށް ނިސްބަތް ކުރައްވައި، ފުލުހުންނާ ދިމާލަށް އަދުރޭ ގޮވާލި ބަސްތައް، މި ކަހަލަ ތަނެއްގައި ބުނަން ވެސް ކުރެނޭ ހެއްޔެވެ؟
ދެން އޮތީ އަނެއް ވާހަކަ އެވެ. މުޅި ދުނިޔެ އަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލި މަޑު ކަމުގެ ތެރޭގައި ވެސް އަދުރޭމެން އިސްވެ ތިބެ މާލޭގައި މުޒާހަރާތައް ކުރިއަށް ގެންދިޔަ އެވެ. އެއީ ގައިމު މަގު މައްޗަށް މީހުން ނިކުތުން މަނާ ވެސް ކޮށްފައި އޮއްވަ އެވެ. ރާއްޖޭގައި އެކަންޏެއް ނޫނެވެ. މުޅި ދުނިޔެ ވެސް ބަންދުވެފައި އޮއްވަ އެވެ. އެކަމަކު، ސަރުކާރަށް، ނޫން ނަމަ ފުލުހުންނަށް ބެލުމެއް ނެތި އަދުރޭމެން މާލޭގައި މުޒާހަރާ ވެސް ކުރީ އެވެ.
އެވަރުން އަދި ނުނިމެ އެވެ. މަގު ތަކަށް ނިކުތުން މަނާ ކޮށްފައި އޮއްވައި އަދުރޭމެން މުޒާހަރާ ކުރާތީ، އެކަން ހުއްޓުވަން ނިކުތް ފުލުހުންގެ ގަޔަށް ހައްޕުޑު ވެސް ޖެހީ ހަމަ، އަދުރޭމެން ޕާޓީ ކުދިން ކޮޅެވެ. ދުފާ ރަތް ކޮށްފައި ހުރި ހައްޕުޑާއި، ކުޅު ފުލުހުންގެ ގަޔަށާއި، ބޮލަށާއި އަދި މޫނަށް ޖެހި މަންޒަރު މިއަދު ވެސް އެ ހުރީ ފެންނާށެވެ. އިންސާނިއްޔަތު ކަމެއް، ނުވަތަ ލަދު ޙަޔާތުގެ ކަންފުޅެއް ވެސް ނެތީ އެވެ.
އެހެންވީމާ، މިއަދު އަދުރޭ އާއި ޕީއެންސީގެ މެމްބަރުން ނިކުމެ ފުލުހުންނަށް އިޙުތިރާމް ކުރާ ވާހަކަ ދައްކަވަން ފެށީމާ އަޅުގަނޑަށް ބުނަން ޖެހޭނީ އެންމެ އެއްޗެކެވެ. އަދުރޭ އެވެ. ޕީއެންސީގެ މެމްބަރުންނޭވެ. އިންސާނެއް ވިއްޔާ ލަދު ޙަޔާތުގެ ކޮންމެ ވެސް މިންވަރެއް ހުންނަން ޖެހޭނެ އެވެ.