ކ. މާލެ
|
21 އޮކްޓޯބަރ 2025 | އަންގާރަ 10:49
ބީއެމްއެލް އިން އޭޓީއެމް ނެޓްވޯކް ފާފު އަތޮޅުގައި ގާއިމް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ބީއެމްއެލް އިން އޭޓީއެމް ނެޓްވޯކް ފާފު އަތޮޅުގައި ގާއިމް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ބީއެމްއެލް
މަގޭ ރިޕޯޓް
ރައްޔިތުންގެ ވެލިއު އަކީ އޭޓީއެމެއް ނޫން!
ދެން ހަނދާންވީ ދިވެހި ލަވައެއްގައި އޮންނަ ކަޑި އެކެވެ. "ދާމަގުން ރީތި މާތައް ފޮޅޭތީ ދުށީމޭ، އިސް ޖަހާލީމަ ބިން ވެސް ވިދާތީ ދުށީމޭ!" މި ކަޑި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ، ވަރަށް އޭޓީއެމް ސަރުކާރެކެވެ. ރައީސް މުޢިއްޒު ވަޑައިގަންނަވާ ކޮންމެ ރަށެއްގައި އޭޓީއެމް ހުޅުވުން އޮންނާނެ އެވެ. އެއީ މާ ބޮޑު ޕްރޮޖެކްޓަކަށް، ނުވަތަ ކާމިޔާބީ އަކަށް ވެގެން ރައީސް އާއި، ވަޒީރުން އަދި ސަރުކާރުގެ ކުދިން ކޮޅު ވެސް އެ ވާހަކަ ދައްކަވާތީ އަޑު އިވެ އެވެ.

އެއްވެސް ޙާލެއްގައި އޭޓީއެމް ބަހައްޓައިގެން ޝަކުވާ ކުރާކަށް ނޫނެވެ. މައްސަލައެއް ޖައްސާކަށް ވެސް ނޫނެވެ. ކަމަކީ ވެސް ރަނގަޅު ކަމެކެވެ. ރައްޔިތުންނަށް ފައިދާ ވާނެ، އަދި ލުއި ފަސޭހަ ވެސް ވާނެ ކަމެކެވެ. އެކަމަކު، ހިތުގައި އުފެދޭ ސުވާލަކީ ދެ އަހަރުވާއިރު އެއްވެސް ރަށަކަށް ކަމެއް ނުކޮށްދީ ހުންނަވާފައި، ރައީސް ވަޑައިގަންނަވަން އޭޓީއެމް ބެހެއްޓުމަކީ ރައްޔިތުންގެ ވެލިއު، ނުވަތަ އަގު ހެއްޔެވެ؟

ރަށްރަށުގެ އުމުރާނީ ތަރައްޤީ އަށް ހުރީ އެތައް ކަމެއް ކުރަން ޖެހިފަ އެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ވަނީ އެ މަަސައްކަތްތައް ގިނަ ރަށް ރަށުގައި ފައްޓަވައިފަ އެވެ. ގިނަ ރަށް ތަކުގެ މަސައްކަތް ނިންމަވައި، ރައްޔިތުންނަށް ބޭނުން ކުރެވެން ފެށި އެވެ. ވެރިކަން ބަދަލުވީ އިރު، ބައެއް ރަށް ރަށުގެ މަސައަކަތް ތަކުގެ ބޮޑު އިންސައްތަ ނިމި، ހަމައެކަނި ފިނިޝިން މަސައްކަތް ކޮށްލާ ހިސާބުގައި ހުއްޓެވެ.

ނަމަވެސް، ރައީސް މުޢިއްޒުގެ ސަރުކާރަށް ދެ އަހަރުވާން ދާއިރު އޭގެއިން އެއްވެސް މަސައްކަތެއް ނުކުރެވެ އެވެ. އަމިއްލަ ސަރުކާރުން މަޝްރޫއެއް ފަށާ ނުލެވުނު ތަނުގައި، ކުރީ ސަރުކާރުން މަސައްކަތް ފަށައި، ބޮޑު އިންސަައްތަ ނިންމާފައި ހުރި މަސައްކަތްތައް ވެސް މި ސަރުކާރަށް ނިންމާނުލެވުނީ އެވެ. ރައްޔިތުން ފާހަގަ ކުރަމުން ދަނީ އެ ކަންބޮޑުވުމެވެ. އެ ޝަކުވާ އެވެ. އެއީ މިއަދު ރައްޔިތުންގެ އުދާސް ހުރި ގޮތެވެ.

އޭޓީއެމް ވެސް ބަހައްޓަނީ ވަރަށް ހެއްވާ ގޮތަކަށެވެ. ކޮންމެ ރަށެއްގައި ވެސް އޭޓީއެމް ބަހައްޓަމުން އެ ދަނީ ރައީސް ވަޑައިގަންނަވާ ދަތުރުފުޅާ ދިމާކޮށެވެ. އޭޓީއެމްގެ މަސައްކަތް ފަށައި، ރައީސް ވަޑައިގަންނަވަން ވާއިރަށް މަސައްކަތް ނިންމާލަ އެވެ. އެއީ ރައީސްގެ ނިޔަނެތި އަތްޕުޅުން ރެބަން ކަނޑުއްވާލައިގެން އޭޓީއެމް ހުޅުވުމަށެވެ. މެޝިނަށް ރައީސް ކާޑު ޖައްސަވައި، އޭގެއިން ފަސް ސަތޭކެ ރުފިޔާ ނެންގެވުމަށެވެ.

މިއީ މިކަން ހިނގަމުން އަންނަ ގޮތެވެ. ދެން ހަނދާންވީ ދިވެހި ލަވައެއްގައި އޮންނަ "ދާމަގުން ރީތި މާތައް ފޮޅޭތީ ދުށީމޭ، އިސް ޖަހާލީމަ ބިން ވެސް ވިދާތީ ދުށީމޭ!" މި ކަޑި އެވެ.

މި ކަޑި ރައީސް މުޢިއްޒުއާ ގުޅުވާލަނީ، ފަހަރުގައި ވެސް ރައީސް މުޢިއްޒު ހިންގަވާ މަގު ތަކުން، މާފަތައް ފޮޅޭތީ އެއް ނޫނެވެ. އަދި ހޫނު އަވީގެ ސަބަބުން، ރައީސް މުޢިއްޒު އިސް ތިރިކޮށްލައްވާ ވަގުތު، ބިން ގަނޑު ވިދާތީއެއް ވެސް ނޫނެވެ. ރައީސް ވަޑައިގަންނަވާ ކޮންމެ ރަށެއްގައި އޭޓީއެމް ބަހައްޓާތީ އެވެ.

ދެން އޮތި މި ވާހަކަ އެވެ. އޭޓީއެމް ބަހައްޓައިގެން ރައްޔިތުން ލައްވައި ވީޑިއޯ ހައްދަވައި، ރައީސް ޝުކުރު އަދާ ކުރާއިރު، މިއީ ރައްޔިތުންގެ އަސްލު އަގެއް ނޫނެވެ. ރައްޔިތުންނަކީ މިއަަށް ވުރެ އަގު ހުރި ބައެކެވެ. ވެލިއު ބޮޑު ބައެކެވެ. ރައްޔިތުންގެ ވެލިއު އަކީ ރަށުގައި އޮތް ބަނދަރު ހެދުމެވެ. ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމެވެ. ސާފު ފެނުން ފެންވައި، ސާފު ފެން ބޮއެގެން، ދެން އޭޓީއެމް ބަހައްޓާށެވެ.

- ކޮމެންޓް