އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ބައްދަލުކުރެއްވުމަށް އާދީއްތަ ދުވަހު އެމެރިކާއަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުގެ ބޭނުމަކީ ޣައްޒާގައި ހިނގި ހަނގުރާމައާ ގުޅިގެން އެމެރިކާގެ ކުރީގެ ސަރުކާރާ އެކު އުފެދުނު ގުޅުން އިތުރަށް ބަދަހިކުރުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓްރަމްޕް ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ބައްދަލުކުރައްވާ ބޭރުގެ ލީޑަރަކީ ނަތަންޔާހޫއެވެ.
އޭނާ މި ދަތުރު ފައްޓަވާ އިރު ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ދަނީ ކުނިޖެހުންތަކާ އެކުވެސް ތަންފީޒު ކުރަމުންނެވެ. އަދި ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ހޯމަ ދުވަހުން ފެށިގެން ކުރިއަށް ދާނެ ކަމަށް ބެލެވެއެވެ.
"ހަނގުރާމައިގައި އަޅުގަނޑުމެން ނިންމި ނިންމުންތަކުން މެދުއިރުމަތީގެ ސިފަ މިހާރުވެސް ބަދަލުވެއްޖެ،" ނަތަންޔާހޫ ވިދާޅުވިއެވެ. މިހެން އޭނާ ވިދާޅުވީ ދަތުރަށް ފެއްޓެވުމުގެ ކުރިން ވައިގެ ބަނދަރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑުމެންގެ ނިންމުންތަކާއި އަޅުގަނޑުމެންގެ ސިފައިންގެ ހިތްވަރުން ޗާޓު އަލުން ކުރަހައިފި. އެހެންނަމަވެސް ރައީސް ޓްރަމްޕް އާއެކު ގާތުން މަސައްކަތްކޮށްގެން އަޅުގަނޑުމެންނަށް އެއަށްވުރެ ބޮޑަށް އަދި ރަނގަޅަށް ޗާޓު އަލުން ކުރެހޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން."
ޣައްޒާގައި ހިނގި ހަނގުރާމައިގައި ހަނގުރާމައިގެ ޖަރީމާތައް ހިންގި ކަމުގެ ތުހުމަތުގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވާ ނަތަންޔާހޫ، ކުރީގެ ރައީސް ޖޯ ބައިޑަންއާއެކު އޮތް ގުޅުން ދައުރުގެ ފަހުކޮޅުގައި ހީނަރު ވެގެން ދިޔަކަން ފާހަގަ ކުރެވެއެވެ. އަދި 2022 ވަނަ އަހަރުގެ ފަހުކޮޅު ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތް ފަހުން ނަތަންޔާހޫ ވައިޓް ހައުސްއަށް ޒިޔާރަތް ކުރައްވާފައެއް ނުވެއެވެ.