ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އަކީ، ޣައްޒާ ހަނގުރާމަ ނިންމުމަށް ލިބޭނެ ތާރީޚީ ފުރުސަތެއް ކަމަށް ޖަރުމަނުގެ ފޮރިން މިނިސްޓަރު ޔޯހާން ވަޑެފުލް ވިދާޅުވެއްޖެ އެވެ.
ޖަރުމަނުގެ ފޮރިން މިނިސްޓަރު ވަޑެފުލް ވިދާޅުވެފައި ވަނީ އެމެރިކާގެ ރައީސް ޓްރަމްޕް މެދު އިރުމަތީގެ ސުލްހައިގެ ޕްލޭން ތަންފީޒު ކުރުމަށް ޖަރުމަނުން ޚަރުދަނާ މަސައްކަތް ތަކެއް ކުރާނެ ކަމަށެވެ. ވަޑެފުލް މި ވާހަކަ ދައްކަވާފައި ވަނީ ޤަތަރާއި، ކުވެއިތަށް ކުރައްވާ ދަތުރުފުޅުގެ ކުރިންނެވެ.
ވަޑެފުލް ވިދާޅުވީ އެމެރިކާގެ ޕްލޭން ތަންފީޒު ކުރުމަށްޓަކައި، ބައިނަލްއަޤުވާމީ އެއްބާރުލުން ވަރަށް އަވަހަށް ބޭނުންވާ ކަމަށެވެ. އިސްރާއީލް އާއި ހަމާސްއާ ދެމެދު ނުސީދާ މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް ބެލެވިފައި ވަނިކޮށް، އެ މަޝްވަރާ ތަކުގެ ކުރިން ވަޑެފުލް ވިދާޅުވީ އެ ޕްލޭން އަކީ ވަރަށް ތާރީޚީ ފުރުސަތެއް ކަމަށެވެ.
މީގެ އިތުރުން ވަޑެފުލް ވިދާޅުވީ އިންސާނީ އެހީ އާއި، ސްޓެބިލައިޒޭޝަން އަދި ޣައްޒާ އަލުން ބިނާ ކުރުމުގެ ބައިވެރިއެއްގެ ގޮތުން ޖަރުމަނުން ވަކި ހުށަހެޅުން ތަކެއް ހުށަހަޅާނެ ކަމަށެވެ. އޭނާ ވިދާޅުވީ މުޅި ސަރަހައްދަށް ދެމެހެއްޓެނިވި ސަލާމަތާއި ރައްކާތެރިކަން ހޯދުމާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ސިޔާސީ މުސްތަޤުބަލެއް ހޯދުމާއި، ހުރިހާ ޤައުމަކުން އިސްރާއީލް އާއެކު އޮންނަ ގުޅުން އާދައިގެ ޙާލަތަކަށް ގެނައުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕްގެ ފަރާތުން ހުށަހަޅާގައިވާ ޕްލޭން އަށް އިސްރާއީލް އިން އެއްބަސްވެފައިވާއިރު، ހަމާސް އިން ވެސް ވަނީ އެ ޕްލޭން ބަަލައި ގަންނާނެ ކަމަށް ބުނެފަ އެވެ. އެކި އެކި މަސްދަރު ތަކުން ބުނެފައިވާ ގޮތުން ހަމާސް އާއި އިސްރާއީލްއާ ދެމެދު ނުސީދާ މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ.
ހަމާސް އިން ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރަހީނުން މިނިވަން ކުރުމަށް އެއްބަސްވެފަ އެވެ. އެއާ އެކު، އިސްރާއީލްގެ ބަންދުގައި ތިބި ފަލަސްޠީނުގެ ރައްޔިތުން ވެސް މިނިވަން ކުރަން ޖެހޭނެ އެވެ. އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ، ވަރަށް އަވަހަށް ރަހީނުން މިނިވަން ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ހޯމަ ދުވަހު ވަޑެފުލް ޤަތަރަށް ވަޑައިގަންނަވާއިރު، ޤަތަރުގެ ބޮޑު ވަޒީރު މުޙައްމަދު ބިން ޢަބްދުއް ރަޙުމާން އަލް ޘާނީއާ ބައްދަލު ކުރައްވާނެ އެވެ. އެ ބައްދަލުވުމުގައި ވަގުތުން ރަހީނުން މިނިވަން ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ރަހީނުންގެ ތެރޭގައި ޖަރުމަނުގެ ރައްޔިތުން ހިމެނޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.