ބަންކަރިން މަޝްރޫޢުއަކީ މިހާރު އެންމެ ބޮޑު ޖޯކަށްވެފައިވާ ކަމަށް ދިވެހިރައްޔިތުން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ނާޒިލް އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ބަންކަރިން ޚިދުމަތަށް ގެނައި ބޯޓު ޚިދުމަތް ނުދެވި ބޯޓު ވެސް އެ ޚިދުމަތް ފެށި ސަރަހައްދުގައި އަބަދު ނޯންނާނެ ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ. ބަންކަރިންގެ ޚިދުމަތް ކުރިއަށް ގެންދަން ފެށުމުން މުޅި ރާއްޖޭގެ އިގްތިސާދު ބަދަލުކޮށްލާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ފެނިގެންދިޔައީ އެއާއި މުޅިން ތަފާތު މަންޒަރެއް ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ.
ނާޒިލް އިތުރަށް ވިދާޅުވީ ބަންކަރިން ހިދުމަތް ދެމުންދާ ގޮތާއި މެދު އާއްމުން ވެސް ތިބީ މާޔޫސްވެފައި ކަމަށެވެ. ސަރުކާރުން ދަނީ އެ މަޝްރޫޢުގެ ހަގީގަތް އޮޅުވާލަމުން ކަމަށް ފާހަގަކުރައްވާ ނާޒިލް ވަނީ ބަންކަރިން މަޝްރޫޢު ކުރިއަށް ގެންދަނީ ވަކި ބަޔަކަށް ފައިދާ ވާ ގޮތަށް ކަމަށް ތުހުމަތުކުރައްވާފައެވެ. ބޭރުގެ އާގު ބޯޓުފަހަރަށް ތެޔޮ އެޅުމާއި ސާވިސް ދިނުމަށް ހިންގަން ނިންމާފައިވާ އިހަވަންދިއްޕޮޅު ބަންކަރިން މަޝްރޫއު އަކީ ފައިދާވާ ވިޔަފާރި އެއް ކަމަށް މިހާތަނަށް އައި އިރު ދިވެހިންނަށް ނުފެންނަ ކަަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ.
މިއީ މެގަ އިކޮނޮމިކް ޕްރޮޖެކްޓެއް ކަމަށާއި އެ މަޝްރޫޢު އަށް ދައުލަތުން އެތައް ފައިސާ އެއް ހޭދަކުރެއްވި އިރު ރައްޔިތުންނަށް ލިބުނު ފައިދާ އެއް ނެތް ކަމަށް ނާޒިލް ވިދާޅުވިއެވެ.
4 މިލިއަން ނޫނީ 5 މިލިއަން ދައުލަތުގެ ހަޒާނާއިން ހުސްވެއްޖެ. ލިބުނު ކަމަށް އަޑު އިވެނީ ޑޮލަރު. އެ ތަން ހުޅުވަން ވެސް ބޮޑު ބެރުޖަހާ، ކުރުނބާ ބޮއެ، ސަންކުއިކް ޖޫސް ބޮއެ ހެދި މަންޒަރު އަޅުގަނޑުމެން ދުށީމު. ކުޅުދުއްފުއްޓާއި ދިމާލުން ބޭރުގަ އޮއްވާ ބައެއް ބޭފުޅުން ދެއްކި އެއޮތީ އޭ ބޯޓު. ދެން ތިލަފުށްޓާ ދިމާލުގަ ބޭރުގަ ބޯޓު އޮތް ވާހަކަ އަޑު އިވުނީ. މިކަހަލަ ދެކޮޅު ނުޖެހޭ ކިތަންމެ ކަމެއް މި ބޭފުޅުން ކުރައްވައިފި.ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
ނާޒިލް ވަނީ މިފަދަ އެތައް ކަމެއް ސަރުކާރުގެ ތެރެއިން ފެންނަ އިރު ކަންކަމަށް ޚަރަދު ކުރާ ގޮތުގެ ތަފްސީލްތައް ސަރުކާރުން ދަނީ ފޮރުވަމުން ކަމަށެވެ. އަދި އެއްބަސްވުންތައް ސިއްރުކުރުމަށް ފަހު އެއްބަސްވުން އުވާލުމުން ރައްޔިތުންގެ ފައިސާއިން ބަދަލު ދޭން ޖެހުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ. މިހާރަށް ވުރެ ބޮޑަށް ރައްޔިތުންގެ ފައިސާ ހޭދަކުރާ ގޮތާއި މެދު ސަރުކާރުން ޖަވާބުދާރީވާން ޖެހޭ ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ.
ބަންކަރިން ޚިދުމަތް ފޯރުކޮށްދިނުމަށް ދެ ބޯޓު ސަރުކާރުން ވަނީ ގެނެސްފައެވެ. އެއީ 3,258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3,929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ.
ބަންކަރިންގ ޚިދުމަތުގެ އިތުރުން، ފަޅުވެރިން ބަދަލުކުރުމާއި، ޕްރޮވިޝަން އަދި ޝިޕް ސްޓޯސް ފޯރުކޮށްދިނުމާއި، ސާފު ބޯފެން ފޯރުކޮށްދިނުން ފަދަ އިތުރު ޚިދުމަތްތައްވެސް ދެވޭނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ސަރުކާރުގެ އަމާޒަކީ މި ޚިދުމަތުން ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުން ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ވިޓޯލް އާއި އެސްޓީއޯ އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމާބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަކޮށްފައިނުވާއިރު، އެ ވަރުގެ ފައިދާ އެއް ރާއްޖެއަށް ލިބޭ ގޮތަކާމެދު ތަޖުރިބާކާރުން ވަނީ ސުވާލު އުފައްދާފައެވެ.