ދިވެހި ރައްޔިތުންނަށް އިޖްތިމާއީ ރައްކައުތެރިކަން ފޯރުކޮށް ދިނުމަށް އެކުލަވާލާފައިވާ ނިޒާމުގެ ތެރެއިން ހިންގާ އެންސްޕާ އާއި އާސަންދަ އަށް ސަރުކާރު ތަމްސީލު ކުރާ މެމްބަރުން މެދުވެރިކޮށް ފޮނުވާ ރިކުއެސްޓްތަކަށް ފަސޭހައިން އެހީ ހަމަ ޖެހޭކަން ހާމަ ވެއްޖެއެވެ.
ރާއްޖެ އާއި ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރާ ފަރާތްތަކަށް އެންސްޕާ އާއި އާސަންދައިގެ ޚިދުމަތް އެންމެ ފަސޭހައިން ހަމަ ޖެހެނީ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީސް މެމްބަރުން މެދުވެރިކޮށް ފޮނުވުމުން ކަމަށް މި ނޫހަށް މައުލޫމާތު ހިއްސާ ކުރި އެތައް ފަރާތްތަކަކުން ވަނީ ބުނެފައެވެ.
އެކަކު ކިޔައިދިން ގޮތުގައި އޭނާ ބޭސްފަރުވާ އަށް ބޭރަށް ދާން އެހީ ހޯދަން އެތައް ފަހަރަކު އުޅެގެން ވެސް އާސަންދައިން އެހީ ހަމަ ނުޖެހިގެން އެންމެ ފަހުން މެމްބަރަކު މެދުވެރިކޮށް އެކަމާ އުޅުމުން އެހީ ވަނީ ހަމަ ޖެހިފައެވެ.
"މެމްބަރު ވިދާޅުވީ، ހޮސްޕިޓަލުގެ ލިޔުމާ އައިޑީ ކާޑު ފޮނުވާލާށޭ، ދެން އަޅުގަނޑު ފޮނުވީ، އޭގެ ދެ ދުވަސް ފަހުން މެމްބަރު ގުޅާފައި އަޅުގަނޑު ގާތުގައި ބުނުއްވީ އެޕްރޫވްޑް އޭ،" އޭނާ ބުންޏެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މެމްބަރުން ރިކުއެސްޓް ތައް ފޮނުވަނީ ސީދާ އާސަންދައިގެ އަދި އެންސްޕާގެ އެމްޑީ އިންނަށެވެ. އެ ފަދަ ރިކުއުސްޓް ތަކަށް ޚާއްސަ އަހަމިއްޔަތު ކަމެއް ދެއްވަނީ އެމްޑީންގެ ބެއްލެވުމުގެ ދަށުންކަން ވަނީ އެނގިފައެވެ.
ބޭސްފަރުވާ ފަދަ އަސާސީ ޚިދުމަތްތައް ދިނުމުގައި ދިވެހި ކޮންމެ ރައްޔިތަކަށް އޮންނަން ޖެހޭ ހަމަހަމަ ކަން ގެއްލި ވަކި ބަޔަކަށް މޮޅުވާގޮތައް ބޭސްފަރުވާގެ އެހީ ދިނުމުގެ އިންތިޒާމުތައް ހަމަ ޖައްސާ ކަމުގެ އަޑުތައް ވަނީ އިތުރުވެފައެވެ.
އޭގެ އިތުރުން ރާއްޖޭން ބޭރުން ހޯދަން ޖެހޭ ފަރުވާ އެއް ކަމަށް ބުނެ ޑޮކްޓަރުގެ ލިޔުމާއެކު އެތައް ފަހަރަކު ސިޔާސީ ފަރާތެއް މެދުވެރިނުކޮށް ހުށަހަޅާ ހުށަހެޅުންތަކަށް ވެސް އާސަންދައިން ވެސް އެންސްޕާ އިން ވެސް އެހީ ހަމަ ނުޖެހޭ ކަމުގެ ޝަކުވާތައް ވެސް ވަނީ އިތުރުވެފައެވެ.
މި ނޫހާ ވާހަކަ ދެއްކި ފަރާތަކުން ބުނެފައިވާ ގޮތުގައި، އޭނާ އެތައް ފަހަރަކު އާސަންދަ އަށް ޑޮކްޓަރުގެ ލިޔުމާއެކު ހުށަހެޅުމުން ކޮންމެ ފަހަރަކުވެސް ބުނެފައިވަނީ "ތިޔައީ ރާއްޖޭން ކުރެވޭ ފަރުވާ އަކަށް ވާތީ ހަމަ ޖައްސައިދެވެން ނެތް ކަމުގަ؛" އެވެ.
"އަޅުގަނޑު ބުނިން ރާއްޖޭން ނުކުރެވޭތީ ނޫންތޯ އޭ ޑޮކްޓަރު ލިޔުން ދެއްވާނީ؛" އޭނާ ބުންޏެވެ.
މެމްބަރު މެދުވެރިކޮށް ލިޔުންތައް ހުށަހަޅަން ނުވިސްނަންތޯ އެހުމުން އޭނާ ބުނީ، ދޭ އެހީއެއް ލިބެންވާނީ އޭނާ އަށް ކަމަށާއި މެމްބަރަށް ނޫން ކަމަށެވެ.
"އެ ނޫން ގޮތަކަށް އަޅުގަނޑު އެހީއެއް ބޭނުމެއް ނޫން."
އާންމު ގޮތެއްގައިވެސް މިހާރަކަށް އައިސް ބޭސްފަރުވާ އަށް އެންސްޕާ އާއި އާސަންދައިން އެހީ ހޯދުން ވަރަށް ބޮޑަށް އުނދަގޫވެފައިވާ ކަމަށް ގިނަ ރައްޔިތުން އަންނަނީ ބުނަމުންނެވެ.