އީރާނުގެ ޝަރުޢީ ދާއިރާ އާއި ސަރުކާރުގެ މީޑިއާތަކުން ބުނާ ގޮތުގައި އީރާނުގެ ސުޕްރީމް ކޯޓުގެ އިސް ދެ ފަނޑިޔާރުން ތެހުރާނުގެ މެދުތެރޭގައި ހުރި ކޯޓު އިމާރާތުގައި ހިނގި ބަޑީގެ ހަމަލާއެއްގައި އަވަހާރަވެއްޖެއެވެ.
ޝަރުޢީ ދާއިރާގެ މީޑިއާ ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި "އަވަހާރަކޮށްލުން" ހިންގީ ހަތިޔާރު އަޅައިގެން ހުރި މީހެއް ކަމަށާއި، ހޮނިހިރު ދުވަހުގެ ހެނދުނު ބަޑިޖަހާ ދެ ފަނޑިޔާރުން އަވަހާރަކޮށްލުމަށްފަހު އެމީހާ އަމިއްލައަށް މަރުވެފައިވާ ކަމަށެވެ.
އަވަހާރަކޮށްލި ދެ ފަނޑިޔާރުންނަކީ ކޯޓުގެ ތަފާތު ޑިވިޜަންތަކުގައި ވެރިންގެ ގޮތުގައި މަސައްކަތްކުރައްވާ ދެ ބޭފުޅުން ކަމަށް ބުނެފައިވެއެވެ.
"[މި ދެ ފަނޑިޔާރުން] ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކުށްތަކާއި، ޖާސޫސީ ކުށްތަކާއި، ޓެރަރިޒަމްގެ ކުށްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ" ކަމަށް ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ. އަދި އަވަހާރަކޮށްލި ދެ ފަނޑިޔާރުންނަކީ "ހިތްވަރުގަދަ އަދި ތަޖުރިބާކާރު" ފަނޑިޔާރުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ޝަރުޢީ ދާއިރާގެ ތަރުޖަމާނު އަސްޣަރު ޖަހާންގީރު އީރާނުގެ ސަރުކާރުގެ ޓީވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ "ހަތިޔާރު އަޅައިގެން ހުރި މީހަކު ދެ ފަނޑިޔާރުންގެ ކޮޓަރިއަށް ވަދެ" އެ ދެ ފަނޑިޔާރުންނާ ދިމާލަށް ބަޑިޖެހި ކަމަށެވެ.
ހަމަލާދިން މީހާގެ ކާކުކަން އަދި އޭނާގެ މަޤްޞަދު އަދި ހާމަވެފައެއް ނުވެއެވެ.
"ފުރަތަމަ ކުރެވުނު ތަޙުޤީޤުތަކުން ދައްކާ ގޮތުގައި ހަމަލާދިން މީހާގެ އެއްވެސް މައްސަލައެއް މީގެ ކުރިން ސުޕްރީމް ކޯޓުގައި ހިނގާފައެއް ނުވޭ އަދި އޭނާއަކީ ކޯޓަށް ޒިޔާރަތްކުރާ މީހެއްވެސް ނޫން" ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އީރާނުގެ ސަރުކާރުން ހިންގާ ތެހެރާން ޓައިމްސް ނޫހުން ބުނާ ގޮތުގައި ހޮނިހިރު ދުވަހު ހިނގި މި ހަމަލާގައި ސެކިއުރިޓީ ބަލަހައްޓާ މީހަކު ވެސް ޒަޚަމްވެފައިވެއެވެ.
ހޮނިހިރު ދުވަހަކީ އީރާނުގެ ކަލަންޑަރުގައި ހަފުތާގެ ފުރަތަމަ މަސައްކަތު ދުވަހެވެ.
އީރާނުގެ މީޑިއާތަކުން ބުނެފައިވަނީ މި ހަމަލާގައި ބައިވެރިވެފައި އިތުރު މީހުން ތިބިތޯ ދެނެގަތުމަށާއި އެފަދަ މީހުން ހައްޔަރުކުރުމަށް ތަޙުޤީޤެއް ކުރިއަށްދާ ކަމަށެވެ.
އަވަހާރަކޮށްލި ދެ ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ރަޒީނީ 1998 ވަނަ އަހަރު ތެހެރާނުގެ ޝަރުޢީ ދާއިރާގެ އިސްވެރިޔާގެ މަޤާމުގައި ހުންނެވިއިރު ވެސް އޭނާ އަވަހާރަކޮށްލަން ވަނީ މަސައްކަތް ކޮށްފައެވެ.