އީރާންގެ ސަރުކާރުން އެ ޤައުމުގެ ޤައުމީ ދިފާއީ އައު ކައުންސިލެއް އުފައްދަން ނިންމައިފި އެވެ.
އީރާންގެ ސަރުކާރުން އާދީއްތަ ދުވަހު އުފެއްދި މި ކައުންސިލްގެ މައިގަނޑު މަޤުސަދަކީ ޤައުމުގެ ދިފާއީ ސްޓްރެޓެޖީތައް މުރާޖާކޮށް، ހަތިޔާރުގެ ބާރުވެރިކަމާއި، އަަސްކަރިއްޔާގެ ބާރުވެރިކަން އިތުރު ކުރުމެވެ.
އީރާންގެ އެންމެ މަތީ ސަލާމަތީ މަޖިލިސް ކަމަށްވާ، ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލް އިން، މި އައު މަޖިލިސް އުފެއްދުމަށް ފާސް ކޮށްފައި ވަނީ އެ ޤައުމުގެ ޤާނޫނު އަސާސީގެ 176 ވަނަ މާއްދާގެ ދަށުންނެވެ.
އީރާންގެ ޤައުމީ ދިފާއީ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ އެ ޤައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އެވެ. އެ ކައުންސިލްގައި ހިމެނެނީ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ އިތުރުން، ފަނޑިޔާރު ގޭގެ އިސްވެރިޔާ އާއި، ހަތިޔާރުވެރި ބާރު ތަކުގެ އިސް ކޮމާންޑަރުން އަދި ކަމ ގުޅޭ ކެބިނެޓު ވަޒީރުންނެވެ.
ޤައުމީ ދިފާއީ ކައުންސިލް އުފެއްދުމާ ގުޅިގެން، އީރާންގެ އާމީ ޗީފް އަމީރު ހަތަމީ ވިދާޅުވެފައި ވަނީ، އިސްރާއީލްގެ ފަރާތުން އޮތް ނުރައްކާ އަދިވެސް އީރާނަށް ސީރިއަސް ކަމަށެވެ. އޭނާ ވިދާޅުވީ އިސްރާއީލްގެ ފަރާތުން އޮތް ނުރައްކަލަކީ އެންމެ އިންސައްތައެއްގެ ނުރައްކަލަކަށް ވީ ނަމަވެސް، އީރާން އިން އެކަން ބަލާނީ 100 އިންސައްތައިގެ ނުރައްކަލެއްގެ ގޮތުގައި ކަމަށެވެ.
މީގެ އިތުރުން އީރާން އިން އެއްވެސް ކަމެއް ލުއިކޮށް، ނުވަތަ ފަސޭހަކޮށް ނެގުމުގެ ބޭނުމެއް މިހާރު ނެތް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އީރާންގެ އިރްނާ ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މިވަގުތު ވެސް އީރާން އޮތީ ކުރިމަތި ވެދާނެ ނުރައްކާތެރި ޙާލަތަކަށް އެންމެ ފުރިހަމަ އަށް ތައްޔާރުވެފަ އެވެ.
މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އިސްރާއީލް އިން ވަނީ އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފަ އެވެ. އޭގެ ބަަދަލުގައި އީރާން އިން އިސްރާއީލް އަށް ވަރުގަދަ ހަމަލާތަކެއް ދިންއިރު، ދެ ޤައުމުގެ ދެ މެދުގައި ވަނީ 12 ދުވަހުގެ މުއްދަތަކަށް ވަރުގަދަ ހަނގުރާމައެއް ކުރިއަށް ގެންގޮސްފަ އެވެ.
އެ ހަނގުރާމައިގައި އީރާން އިން ވަނީ މިސައިލްތަކާއި، ޑްރޯންތައް ބޭނުން ކޮށްގެން އިސްރާއީލްގެ ވެރި ރަށް ތެލް އަވީވް އަދި އެހެން ސަރަހައްދު ތަަކަށް ވެސް ހަމަލާ ދީފަ އެވެ. އެ ހަނގުރާމައިގެ ތެރެއަށް ވަކި ހިސާބަކުން އެމެރިކާ ވެސް ވަދެފައިވާއިރު، އެމެރިކާ އިން ވަނީ އީރާންގެ ނިއުކްލިއާ ތިން މަރުކަޒަކަށް ހަމަލާ ދީފަ އެވެ. އޭގެ ރައްދުގައި އީރާން އިން ވަނީ، ޤަތަރުގައި ހުރި އެމެރިކާގެ ބޭސް އަކަށް ހަމަލާ ދީފަ އެވެ.
އެ ހަނގުރާމައާ ގުޅޭ ގޮތުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ވާހަކަ ދައްކަވަމުން އިސްރާއީލްގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ވިދާޅުވެފައި ވަނީ، އީރާން އިސްރާއީލް އަށް އިތުރު ނުރައްކާތެރި ކަމެއް ކުރިމަތި ކޮށްފި ނަމަ، އިސްރާއީލް އިން އަނެއްކާ އަލުން ވެސް ހަމަލާ ތަކެއް ދޭނެ ކަމަށެވެ.
އީރާން އިން ވެސް ބުނެފައި ވަނީ، އެ ޤައުމަށް ނުރައްކަލެއް ކުރިމަތި ކޮށްފި ނަމަ، ނުވަތަ އެ ޤައުމަށް ދެކޮޅަށް އިތުރު ހަމަލާ ތަކެއް ދީފި ނަމަ، އީރާން އިން ވެސް އެ ޤައުމަކާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށެވެ. އަދި އީރާން އިން އެއްވެސް ޤައުމެއް ދެކެ ފަސް ނުޖެހޭނެ ކަމަށް، އީރާންގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ވަނީ ވިދާޅުވެފަ އެވެ.